ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގައި މިސްރުން ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ވާދަކޮށްފައެވެ. އެއީ 1934، 1990 އަދި 2018 ވަނަ އަހަރުއެވެ. މީގެ އިތުރުން، 1934 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނު އެފްރިކާގެ ފުރަތަމަ ގައުމަކީ ވެސް މިސްރެވެ. ސަރަހައްދީ ފެންވަރުގައި ބަލާއިރު، އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ތާރީހުގައި އެންމެ ކާމިޔާބު ގައުމަކީ ވެސް މިސްރެވެ. އެ ޓީމުން ވަނީ ރެކޯޑު އަދަދަކަށް، ޖުމްލަ ހަތް ފަހަރު މި މުބާރާތުގެ ތަށި އުފުލާލައިފައެވެ.
އެހެން ނަމަވެސް މިދިޔަ 92 އަހަރު ތެރޭގައިވެސް މިސްރަށް ވޯލްޑް ކަޕް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ. އެގައުމު ދުށް އެންމެ މޮޅު ކުޅުންތެރިޔާ މުހައްމަދު ސަލާހަށް މިހާތަނަށް ގައުމީ ޓީމާއެކު ކުޅެން ލިބުނު ވޯލްޑް ކަޕަކީ 2018 ގެ ވޯލްޑް ކަޕެވެ.
އެހިސާބުން ސަލާހް ދެން ގައުމަށް ސާބިތުކޮށްދޭން އިތުރުކަމެއް ނެތް ނަމަވެސް، ވޯލްޑް ކަޕްގައި މޮޅެއް ހޯދުން ވެގެންދާނީ ކެރިއަރުގައި ކުރެވޭނެ ތަފާތު އިހުސާސަކަށެވެ. ސަލާހަށް 2018 ގައި ދިމާވީ އަނިޔާގެ މައްސަލައަކާއެކުވެސް މޮޅެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. މިފަހަރު ސީޒަނުގެ ފަހުކޮޅުގައިވެސް ސަލާހަށް އަނިޔާއެއް ލިބުނު ނަމަވެސް، މިރެއަށް ހުރީ ފިޓް ކޮށެވެ.
"އަހަރެން މިހެން ބުނަން ބޭނުން ނުވިޔަސް ސަލާހަކީ އެންމެ މުހިއްމު ކުޅުންތެރިޔާ. އޭނާގެ ވަށައިގެން މި ޓީމު ރޭވޭނީ. އެކަމަކު ހުރިހާ ކުޅުންތެރިންވެސް ހަމަހަމަވާނެ. ސަލާހް ހާއްސަވިޔަސް ޓީމު އެހެން ހުރިހާ ކުޅުންތެރިންވެސް އަހަންނަށް ހަމަ އެހާ މުހިއްމު،" މިސްރުގެ ކޯޗު ހޮސާމް ހަސަން ބުންޏެވެ.
ދެން ހޮސާމް ވާހަކަ ދެއްކީ ވަރުގަދަ ބެލްޖިއަމާ ގުޅޭ ގޮތުންނެވެ.
"އަހަރެމެން ބެލްޖިއަމަށް ވަރަށް ބޮޑަށް އިހުތިރާމް ކުރަން. އެޓީމަކީ ތަރިންގެ ސްކޮޑެއް. ދުނިޔޭގެ އެންމެ ވަރުގަދަ އެލީޓް ކުޅުންތެރިން އެބަތިބި. އެހެންވިޔަސް އަހަރެމެން ބެލްޖިއަމް ދަސްކޮށްފިން. އަހަރެމެންނަށް ބެލްޖިއަމްގެ ބަލިފައިވެސް އެނގޭ. އަހަރެމެންނަށް ރަނގަޅު މެޗެއް ފެންނާނެ،" ހަސަން ބުންޏެވެ.
މިސްރުން ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މިރޭ 12:00 ގައެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް