ލިވަޕޫލްގެ މިސްރު ފޯވަޑް، މުހައްމަދު ސަލާހަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް ސީޒަނުގެ ބާކީބައި އެއްކޮށް ގެއްލޭނެ ކަމަށް ކުރިން ހީވެފައި އޮތް ނަމަވެސް، އޭނާއަށް ލިބުނު އަނިޔާ އެހާ ސީރިއަސް ނޫން ކަމަށް ލިވަޕޫލުން ބުނެފިއެވެ.
ސީޒަން ނިމުމަށްފަހު ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ ސަލާހް، 33، ލިވަޕޫލާ ގުޅިފައި ވަނީ 2017 ވަނަ އަހަރުއެވެ. އެއީ އޭއެސް ރޯމާއިންނެވެ. އޭގެފަހުން މިދިޔަ ދުވަސްތަކުގައި ސަލާހަކީ އެ ކްލަބަށް އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. އެ ކްލަބަށް ކުޅުނު 435 މެޗުގައި ސަލާހް ވަނީ 255 ގޯލް ކާމިޔާބު ކޮށްދީފައެވެ. އޭނާއަކީ ކްލަބު ތާރީހުގައި ތިންވަނައަކަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. ސަލާހް ވަނީ ޕްރިމިއާ ލީގުގެ ރަން ބޫޓު، ހަތަރު ފަހަރަކަށް ހޯދައިފައެވެ.
ސަލާހްގެ ލެޖެންޑަރީ ލިވަޕޫލް ކެރިއަރު ނިމުމަކާ ގާތްވެފައިވާ އިރު، އޭނާއަށް އަނިޔާވީ ލީގުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅެ، 3-1އިން މޮޅުވި މެޗުގައެވެ. އެ އަނިޔާއާ ގުޅިގެން ފުރަތަމަ މީޑިއާއަށް ވާހަކަ ދެއްކީ މިސްރުގެ ގައުމީ ޓީމުންނެވެ.
މިސްރުން ބުނީ ސަލާހް ދެން މި ސީޒަނުގައި ކްލަބު މެޗެއްގައި ނުފެންނާނެ ކަމަށެވެ. އެހެން ނަމަވެސް ލިވަޕޫލުން ބުނީ ހީކުރި ވަރަށްވުރެ ސަލާހްގެ އަނިޔާ ކުޑަ ކަމަށާއި، އެއީ މަސްގަނޑަށް ލިބިފައިވާ ކުޑަ އަނިޔާއެއް ކަމަށެވެ. އެހެން ނަމަވެސް ސަލާހް އެނބުރި އަންނާނެ ސީދާ ތާރީހެއް އަދި ނޭނގޭ ކަމަށް ނޫސްތައް ބުނެއެވެ.
މިފަހަރު އަނިޔާވެފައި ވަނީ ސަލާހްގެ ފަލަމަސްގަނޑަށެވެ. މިސްރުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވަމުން ދަނިކޮށް، ޗެމްޕިއަންސް ލީގު ފައިނަލުގައި ކޮނޑުހުޅަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް ވަނީ އެފަހަރު ވޯލްޑް ކަޕް މިސްރުން ކުޅުނު ގްރޫޕް ސްޓޭޖު ދެމެޗެއް ގެއްލިފައެވެ. އެހެން ނަމަވެސް މިފަހަރު ވޯލްޑް ކަޕް ފެށެންވާއިރަށް ސަލާހް ފިޓްވާނެކަމުގެ ބޮޑު ޔަގީންކަމެއް މިސްރުން ދެއެވެ.
މުހައްމަދު ސަލާހު
މުހައްމަދު ސަލާހު
މުހައްމަދު ސަލާހު
މުހައްމަދު ސަލާހު