ޚަބަރު

އަޅުގަނޑު ކެމްޕޭން ކޮށްދިން ހުރިހާ ކެންޑިޑޭޓުން މޮޅުވި، ރައީސް ސޯލިހަށް ކާމިޔާބު ލިބޭނެ: ސިޔާމް

މުހައްމަދު އިޝާން

ރިޔާސީ އިންތިހާބެއްގައި އޭނާ ކެމްޕޭން ކޮށްދެއްވި ހުރިހާ ކެންޑިޑޭޓުން ވަނީ އިންތިހާބު ކާމިޔާބުކުރައްވާފައި ކަމަށާއި އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބުކުރައްވާނެކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ ކެމްޕޭނަށް ޅ. ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ، މި ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމުމުން، ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބު ނުވާނެކަމަށް، މި އިންތިހާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ބުނި ކަމަށެވެ.

"އަޅުގަނޑު ރިޔާސީ އިންތިހާބެއްގައި މަސައްކަތްކޮށްދިން ހުރިހާ ފަރާތެއް ހޮވިފަ ހުރީ. އަޅުގަނޑު ސިޔާސީ ހަޔާތުގަ އެއްވެސް ކެމްޕޭނެއް ނުކުރަމު އަދި މިއާ ހިސާބަށް އެކަމެއް ކާމިޔާބުނުވާ އެއްވެސް ކެމްޕޭނެއް. އިރާދަކުރައްވައިގެން މިފަހަރުވެސް އިބްރާހީމް މުހައްމަދު ސޯލިހު އެއްބުރުން އަޅުގަނޑުމެން ހޮވާނަން" ސިޔާމް ވިދާޅުވިއެވެ.

އަމިއްލަ މެންބަރެއްގެ ގޮތުގައި 2005 ވަނަ އަހަރު ރައްޔިތުން މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ކަމަށާއި ރައީސް ސޯލިހާ އެންމެ ފުރަތަމަ ދިމާވީ އެއިރުކަމަށް ސިޔާމް ވިދާޅުވިއެވެ. އެފަހުން 2008 ވަނަ އަހަރު އެއިރުގެ ވެރިކަން ކުރަމުންދިޔަ އެމްޑީޕީގެ ސަރުކާރުގެ ފަރާތުން އޭނާ އަދި އޭނާގެ ވިޔަފާރިއަށް ދަތިތަކެއް އަމާޒުކުރިކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ. އެހެންވެ ރައީސް ސޯލިހަށް ދަންނަވައިގެން އެކަން ހައްލުކުރެވޭތޯ މަސައްކަތް ކުރެއްވިކަމަށް ސިޔާމް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ އެ މައްސަލަ، އެދުނު ގޮތަށް ހައްލުކޮށްދެއްވާފައި ކަމަށް ސިޔާމް ވިދާޅުވިއެވެ.

"އޭގެ ފަހުން އަޅުގަނޑު ހިޔާލު އެމްޑީޕީގައި ތިބި ހުރިހާ މީހުންނަށް ވަރަށް ތަފާތު. އެ ދުވަހުން ފެށިގެން އިބްރާހީމް މުހައްމަދު ސޯލިހާއެކު އަޅުގަނޑު ބޭރު ގައުމުތަކުގަ އެއްތަށިމަތިން ކައި، ދަތުރުފަތުރުކޮށް އުޅުނީމު" ސިޔާމް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު 2013 ވަނަ އަހަރު ކޯލިޝަން ހަދައި އިންތިހާބު ކާމިޔާބު ކުރެވުނު ނަމަވެސް ބޭނުންވި އަމާޒަށް ދެވިފައި ނުވާކަމަށް ސިޔާމް ވިދާޅުވިއެވެ. ސިޔާމް ވިދާޅުވީ ކުރެވިފައިވާ ތަޖުރިބާގެ އަލީގައި 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ތާއިދު ކުރަންވީ ކޮން ކެންޑިޑޭޓަކައްކަން ވަނީ ސާފުވެފައި ކަމަށެވެ. އެ ބިރުވެރި އަހަރު، ރައީސް ސޯލިހާއެކު ސިންގަޕޫރުގައި ބައްދަލުވުމެއް ބާއްވާފައިވާނެކަމަށް ސިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑު ހުރީ ބިރުން ގޮސް ސިންގަޕޫރުގައި" ސިޔާމް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ރައީސް ސޯލިހު އެދިވަޑައިގެންނެވީ އެ މަނިކުފާނަށް އެ އަހަރުގެ ރިޔާސީ އިންތިހާބުގައި ތާއިދުކޮށްދެއްވުމަކަމަށް ސިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑު ދެންނެވިން އަޅުގަނޑަށް ކުރެވުނު ހުރިހާ ތާއިދެއް ކޮށްދޭނަމޭ" ސިޔާމް ވިދާޅުވިއެވެ.

އެހެންކަމުން 2018 ވަނަ އަހަރުން ފެށިގެން، އެމްޑީއޭ ވަނީ އެމްޑީޕީއާއެކު ކޯލިޝަން ހަދައިފައިކަމަށް ސިޔާމް ވިދާޅުވިއެވެ. ރައީސް ސޯލިހު ކޯލިޝަން އެގްރީމެންޓު ވެސް ފޮނުއްވި ކަމަށާއި ނަމަވެސް އެ ބިރުވެރި އަހަރު އެއްބަސްވުމުގައި ސޮއިކުރަން ނުކުރެނުކަމަށް ސިޔާމް ވިދާޅުވިއެވެ.