- ޅ. ހިންނަވަރުން އަލީ ރިފްޝާން
އެ މަނިކުފާނަށް އެންމެ ހިތްގައިމީ އުފަން ރަށް ޅ. ހިންނަވަރުގައި ދިރިއުޅެން ކަމަށާއި ނަމަވެސް ކުރީ ސަރުކާރުތަކުން މި ރަށަށް އިހުމާލުވެފައިވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޅ. އަތޮޅުގެ "އުފާވެރި އަމާން ރާއްޖެ" ޖަލްސާ މިރޭ ބާއްވާފައިވަނީ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ރައީސް ސޯލިހުގެ އުފަން ރަށުގައެވެ. ހިންނަވަރުގައި އެ މަނިކުފާނު ވަނީ މާޒީއާ ގުޅުވައި ވާހަކަފުޅު ދައްކަވައިފައެވެ.
"ހިންނަވަރުގައި ހުރެ މި ކަހަލަ ސްޓޭޖެއްގައި ވާހަކަދެއްކުމަކީ އަޅުގަނޑަށް ވަރަށް އުނދަގޫ ކަމެއް، އެހާ ފަސޭހަ ކަމެއް ނޫން. އެ ކުޑައިރުގެ ހަނދާންތައް އާވެ، ރަހުމަތްތެރިންނާއި އާއިލާގެ ބޭފުޅުންނާ ދިމާވުމުން ވަރަށް ހާއްސަ. އަޅުގަނޑު ގާތްގަނޑަކަށް ދިހަ އަހަރު ވަންދެން އުޅެ ބޮޑުވީ މި ހިންނަވަރުގައި ކުދިކުދި މަގުތަކެއް ނަމަވެސް، އަޅުގަނޑަށް އެންމެ ހިތްފަސޭހައީ މި ރަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ރަށާއި އަތޮޅުގެ އެހެން ރަށްތަކުގައި ބޮޑު އާބާދީއެއް އޮތް ނަމަވެސް، އުޅެން ޖެހެނީ ވަރަށް ހާލުގައި ކަމަށާއި މިހެން ވެފައި އޮތީ ކީއްވެކަމާ މެދު ވިސްނާލަންޖެހޭ ކަމަށެވެ. އަދި ކޮންމެ ރަށެއްގައި 5،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް ނަމަވެސް، ބޯހިޔާވަހި ކަމަށް މާ ކުރީއްސުރެ ދަތިކަން އޮތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ހާއްސަކޮށް ހިންނަވަރަށް ދިމާވެފައިވާ ބޮޑު މައްސަލައެއް. މިއީ ސަރުކާރުތަކުން ވެފައި އޮތް ބޮޑު އިހުމާލެއް. ހިންނަވަރަކީވެސް ތަނަވަސް، އިލްމީ، ހުނަރުވެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް. ވިސްނާލަންޖެހޭ ކަމަކީ ކީއްވެގެންތޯ މި ރަށްތަކުގައި މީހުން ދިރިނޫޅެނީ، ކީއްވެގެންތޯ މާލޭގައި ދިރިއުޅެނީ. ހިންނަވަރުގެ އާބާދީގައި 5،000 މީހުން ހިމެނުނު ނަމަވެސް، މި ރަށުގައި ދިރިއުޅެނީ 2،100 މީހުން. ބާކީ ތިބި މީހުން ދިރިއުޅެނީ މާލޭގައި،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ރަށްތަކުގައި މީހުން ދިރިނޫޅެނީ ކީއްވެގެންކަމާ މެދު ވިސްނަންޖެހޭ ކަމަށާއި އެ މަނިކުފާނު ނުކުމެ ހުންނެވީ ކުރީގެ ސަރުކާރުން ވެފައިވާ މައްސަލަތައް ހައްލުކުރަން ކަމަށެވެ. އަދި ހިންނަވަރަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ގޯތި ބަހާ އިރުވެސް ކުޑަކުޑަ ތަންކޮޅެއް ލިބުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ދިރިއުޅެމުން މިދާ ގޯތި ބަހާއިރު، 100 ފޫޓު ވެސް ނުލިބޭ. ހުދު އަޅުގަނޑުމެންގެ އަމިއްލަ ގެ ބެހިޔަސް ނުލިބޭނެ 200 އަކަފޫޓު ވެސް. މިއަދު އަޅުގަނޑުމެން ނުކުމެ މި ތިބީ އެކަން ބަދަލުކުރުމަށް، މުޅި ރާއްޖެ ބަދަލުކުރަން، މީހުންނަށް ދިރިއުޅެވޭނެ ގޮތް ހެދުމަށް. މާލެއަށް ލުއި ލިބޭނީ މި ތަންތަން ތަރައްގީ ކޮށްގެން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ކުދިބޮޑު ރަށްތަކަށް ބޭނުންވާ ތަރައްގީ ގެނެސްދޭން އެނގޭނީ އެ ތަކުލީފުތަކާ ކުރިމަތިލީ މީހަކަށް ކަމަށާއި ކުދިބޮޑު ރަށްތަކަށް ބޭނުންވާ ކަންކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވަނީ އެ ތަކުލީފުތަކާ ކުރިމަތިލާފައިވާ ބޭފުޅަކަށްވާތީ ކަމަށެވެ.
ރައީސް ވަނީ ހިންނަވަރުގެ ބޯހިޔާވަހިކަމަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން މި ރަށަށް ވައުދުތަކެއް ވެވަޑައިގެންފައެވެ. ކުރިއަށްއޮތް ދައުރަށް އެމަނިކުފާނު ވަނީ ހިންނަވަރުގެ ބިން އިތުރަށް ހިއްކައި، 200 ހައުސިން ޔުނިޓު ނުވަތަ ރޯހައުސް ހަދައިދެއްވުމަށް ވައުދުވެވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު