• ޅ. ނައިފަރުން އަލީ ރިފްޝާން

ޅ. އަތޮޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަބަދުވެސް ތާއީދު އޮންނަ އަތޮޅެކެވެ. ނަމަވެސް މި އަތޮޅުގެ ނައިފަރަކީ ޕީޕީއެމްގެ ރަށެއްގެ ގޮތުގައި ބްރޭންޑުވެފައި އޮންނަ ރަށެކެވެ. ދާއިރާގެ މެމްބަރަކީވެސް ޕީޕީއެމްގެ މެމްބަރެކެވެ. އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމްގެ އުފަން ރަށެވެ. އެހެންކަމުން މި ރަށުން ރައީސަށް ސާފު އަގުލަބިއްޔަތެއް ހޯދަން އަބަދުވެސް އުދަނގުލެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސޯލިހު މިއަދު ހަވީރު ވަނީ މި ރަށަށް ވަޑައިގެންފައެވެ. މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ދެއްވި ޔަގީންކަމަކީ މަޖިލީހުގައި އަދި ކައުންސިލުގައި ކޮންމެ ޕާޓީއެއް އޮތް ނަމަވެސް، ތަރައްގީ ގެނެސްދެއްވާނެކަމުގެ ޔަގީންކަމެވެ.

"މި ރަށުގައި ކައުންސިލް އޮތީ އަޅުގަނޑުމެންގެ ބޭފުޅުންނެއް ނޫން. މަޖިލިސް މެންބަރަކީވެސް އަޅުގަނޑުމެންނަށް ނިސްބަތްވާ މެންބަރެއް ނޫން. އެކަމަކު ތަފާތު ކުރުމެއް ނެތި އަސާސީ ހިދުމަތްތައްވެސް ފޯރުކޮށްދެން. ނައިފަރު ރައްޔިތުންވެސް އަޅުގަނޑަށް ވޯޓު ދެއްވާ. އަޅުގަނޑަކީ މީގެ ކުރިން ވެސް 15 އަހަރު ވަންދެން ތިޔަ ބޭފުޅުންގެ ދާއިރާއަށް މަޖިލީހުގައި މަސައްކަތްތަކެއް ކޮށްދިން މީހެއް. ނައިފަރުންވެސް އަޅުގަނޑު އެއްބުރުން ހޮވައިދޭނެ ކަމަށް ޔަގީންކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ނައިފަރުގެ ރައްޔިތުންނަކީ ތަރައްގީއަށްޓަކައި ވިސްނުންތެރި ކަމާއެކު ނިންމުން ނިންމާ ރައްޔިތުން ތިބޭ ރަށެކެވެ. ވެރިކަމުގައި ހުންނަ މީހާއަކީ މި ރަށުގެ ރައްޔިތުންނަށް މާ މުހިންމު ކަމެއް ނޫން އެ މަނިކުފާނު ގަބޫލުފުޅު ކުރައްވައެވެ.

"ނައިފަރުގެ ރައްޔިތުން ބޭނުންވާނީ ތަރައްގީ، ބޭނުންވާނީ ގައުމަށް ހެޔޮ ވެރިކަމެއް ކޮށްދޭ މީހެއް. އަޅުގަނޑުމެންނަކީ ސިޔާސީ ފިކުރަށް ބަލައިގެން ތަރައްގީ ގެންނަ ސަރުކާރެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ ކުރިއަށް އޮތް ދައުރަށްވެސް ނައިފަރަށް ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން މިހާރު ސަރުކާރުން ނިންމާފައިވާ 20 ހެކްޓަރުގެ އިތުރަށް މި ރަށުގެ ބިން ހިއްކައިދިނުމާއި ހުރިހާ ގެއަކަށް ފެނާއި ނަރުދަމާ ގުޅައިދިނުމާއި ފުރަތަމަ ބުރުގައި 200 ހައުސިން ޔުނިޓު ހެދުމާއި ބަނދަރު ތަރައްގީކުރުމާއި ހޮސްޕިޓަލަށް އިތުރު އިމާރާތެއް އަދި މަދްރަސަތުލް އިފްތިތާހުގައި ސައިންސް ލެބެއް ތަރައްގީކުރުމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.