• ޅ. ކުރެންދޫން އަލީ ރިފްޝާން

މުޅި ރާއްޖޭގެ ރައްޔިތުން ތިބީ ކުރީގެ ސަރުކާރުގެ އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށް ދާން ނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު މެންދުރު ކުރެންދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ރަށުގެ ރައްޔިތުންނަކީ އިސްލާހީ މަސައްކަތް ފެށުނު އިރުވެސް ކުރީ ސަފުގައި ތިބި ރައްޔިތުންތަކެއް ކަމަށާއި ހަ އަހަރުގެ މަސައްކަތަށްފަހު ވެރިކަން ބަދަލުކުރަން ކުރަން ޖެހުނު މަސައްކަތާ މެދު އަދިވެސް ވިސްނާލަން ޖެހޭ ކަމަށެވެ.

"ހަ އަހަރު މެދުނުކެނޑި ކުރި މަސައްކަތުން 2018 ވަނަ އަހަރު އެ އަނިޔާވެރި ވެރިކަން ބަދަލުކުރީ. މިއަދު ވެސް ކަންކުރާނީ އެހެން. މިއަހަރުވެސް މި ބޭއްވޭ އިންތިހާބު އަޅުގަނޑުމެން ކާމިޔާބުކޮށް ދެވަނަ ދައުރަކަށް އަޅުގަނޑުމެން ކުރިމަތިލާނީ އެއްބުރުން. ރައްޔިތުން ތިބީ އެ އަނިޔާވެރިކަމުގެ ތެރެއަށް ދާކަށް ނޫން، އެ ބިރުވެރިކަމުގެ ތެރެއަށް ދާކަށް ނޫން. ހަމަޖެހުމާއެކީގައި މި ފަސް އަހަރު ހޭދަކުރެވިއްޖެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ރަށުގެ ރައްޔިތުންނަކީ އިސްލާހީ މަސައްކަތުގެ ތެރެއިން މުޒާހަރާއަށް ނުކުތުމާއެކު ޖަލުގެ ކުޑަގޮޅީގެ އަނިޔާ އާއި ޕެޕާ ސްޕްރޭއާ ކުރިމަތިލާން ޖެހުނު ރައްޔިތުންތަކެއް ކަމަށާއި އެންމެ ރަނގަޅަށް އެ އަނިޔާވެރި ދުވަސްތައް ހަނދާނުގައި ހުންނާނެ ރައްޔިތުން ތިބޭނެ އެއް ރަށަކީ ކުރެންދޫ ކަމަށެވެ.

"ފަހުން އައި ޖެނެރޭޝަން ވެސް އިސްލާހީ މަސައްކަތުގައި ދެމި އެބަތިބި. އަޅުގަނޑު ހަނދާން ހުރޭ، ވިންޓާ ދޯނި މީހުންނާ އެކު ދޫނިދުއަށް ގެންދިޔަ ހަނދާން. އެއަށްފަހު އެތަނުގައި ދުވަސްތަކެއް ބެހެއްޓުމަށްފަހު ދޫކޮށްލީ. އެހެންވީމާ މި ރަށުގެ ރައްޔިތުންނަށް އެ އަނިޔާ ހުންނާނީ ތަހައްމަލުކުރެވިފައި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ ކުރެންދުއަށް ވެސް ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން މި ރަށުގެ ރައްޔިތުންނަށް އިތުރު ހައުސިން ޔުނިޓުތައް ހަދައިދިނުމާއި ބޮޑެތި މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ހެދުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް މަސައްކަތްކުރުމާއި ދަތުރުދިއުމަށް ޕިކްނިކް އައިލެންޑެއް ހަމަޖައްސައިދެއްވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.