ޅ. ހިންނަވަރު ރައްޔިތުން ދެކޭ ގޮތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ މި ރަށުގެ އަދި މުޅި ފާދިއްޕޮޅުގެވެސް "ރަން ދަރި"އެވެ. އެ ދަރިއަށްޓަކައި މުޅި ހިންނަވަރު ފަހުރުވެރިވާ ދަރިއެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ސޯލިހު، މިއަދު ހަވީރު އުފަން ރަށަށް ވަޑައިގެންނެވުމާއެކުވެސް މި ރަށުން ދިނީ އެ މަނިކުފާނަށް ހައްގުވާ އިއްޒަތެވެ. މި ރަށުގެ ރައްޔިތުން ރައީސަށް ކިޔާފައި ވަނީ، އެ މަނިކުފާނު އެދޭ ފަދަ ހޫނު މަރުހަބާ އެކެވެ. އެންމެން އެއް އަޑަކުން ގޮވަމުންދިޔައީ "ރައީސް އިބޫ އެއްބުރުން" އެވެ.

ހިންނަވަރުން ދައްކާލީ ރައީސް ސޯލިހު ނޫން އެހެން ޗޮއިސްއެއް ނެތް ކަމަށް ބުނާ މަންޒަރެވެ. ކޮންމެ މީހަކުވެސް ދެއްކީ ރައީސް ސޯލިހަށް އޮތް ލޯތްބެވެ. ރަށުން ފެނިގެން ދިޔައީ ލޮލު ކޮޅަށް ނުފެންނަ ވަރުގެ ބޮޑު ސަފެކެވެ. އެއީ ގާތްގަނޑަކަށް މި ރަށުގައި ދިރިއުޅޭ އާބާދީގެ 90 ޕަސެންޓެވެ. ރައްޔިތުންނާ ސަލާމް ކުރެއްވުމަށް ރައީސް ސޯލިހު ގާތްގަނޑަކަށް 45 ވަރަކަށް މިނެޓު ހޭދަކުރެއްވިއެވެ.

"އަޅުގަނޑުމެން މި ތިބީ އެއްބުރުން ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ތައްޔާރަށް. އެއީ އަބަދުވެސް އަޅުގަނޑުމެންގެ ރައީސް، އަބަދުވެސް މި ރަށުގެ ވެރިކަމުގައި ހުންނަވާނީ ރައީސް ސޯލިހު. މި ރަށް ބަދަލެއް ނުވޭ. އެހެން ކެންޑިޑޭޓުންނަށް މި ރަށުން ފުރުސަތެއް ނެތް. މި ރަށުގެ ރައީސަކީ އަދި ބޮޑުވަޒީރަކީ ވެސް އިބޫ. އަޅުގަނޑުމެން ރޫޅައެއް ނުލެވޭނެ،" ރައީސް ސޯލިހަށް މަރުހަބާ ކިޔަން ނުކުމެ ހުރި ޒުވާނަކު "ވަން" އަށް ބުންޏެވެ.

މި ރަށު ރައްޔިތުން ދެކޭ ގޮތުގައި ރައީސް ސޯލިހުގެ ވާދަވެރިޔަކު ވެރިކަމަށް ވަޑައިގެންފި ނަމަ، މި ރަށަށް އޮތީ ބިރުވެރިކަމެކެވެ. އެއީ ރައީސް ސޯލިހަކީ ހިންނަވަރަށް އުފަން ބޭފުޅަކަށްވާތީ، އެ މަނިކުފާނަށް ދޭ އަނިޔާއެއްގެ ގޮތުން މި ރަށުގެ ތަރައްގީ ހުއްޓުމަކަށް ގެނައުމުގެ ބިރެވެ. އެހެންކަމުން ހިންނަވަރު ރައްޔިތުން ތިބީ އެއް އާއިލާއެއްގެ ގޮތުގައި ނުކުމެ، ރައީސް ސޯލިހު ހޮވުމަށް ތައްޔާރަށް ކަމަށް އެ މީހުން ބުނެއެވެ.

ރައީސް ސޯލިހަކީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން 25 އަހަރު ވަންދެން، ހިންނަވަރު ދާއިރާގެ މަޖިލިސް މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ތެރެއިން 15 އަހަރު ހޭދަކުރެއްވީ ފާތިއްޕޮޅުގެ މެންބަރުކަމުގައެވެ. އެހެންކަމުން އެ އަހަރުތަކުގައި މަޖިލީހުގައި އެ މަނިކުފާނު ތަމްސީލު ކުރެއްވި ޅ. އަތޮޅުގައި ހިމެނޭ ހިންނަވަރުގެ އިތުރުން ނައިފަރާއި ކުރެންދޫ އަދި އޮޅުވެލިފުއްޓެވެ.

މީގެ 30 އަހަރު ކުރިން ފެށިގެން ހިންނަވަރުން ދާއިރާގެ މަޖިލިސް ގޮނޑި ހާއްސަކޮށްފައި ވަނީ ރައީސް ސޯލިހަށެވެ. މި ރަށު މީހުން ބުނާ ގޮތުން ނަމަ، އެއީ ރައީސް ސޯލިހަށް މިލްކު ކޮށްދީފައިވާ ގޮނޑިއެކެވެ.

ރައީސް ވެރިކަމަށް ވަޑައިގަތުމާއެކު މިހާރު މަޖިލީހުގައި ހިންނަވަރު ތަމްސީލު ކުރައްވަމުން ގެންދަވާ ޖީހާން މަހުމޫދަކީވެސް ރައީސް ސޯލިހުގެ އާއިލާ ބޭފުޅެކެވެ. ރައީސް ސޯލިހަށް މެޖޯރިޓީ ހޯއްދަވައިދެއްވުމުގައި މި ރަށުގައި އޮތް އެ މަނިކުފާނުގެ "ބިޔަ" އާއިލާގެ ދައުރުވެސް ވަރަށް ބޮޑެވެ.

ރައީސް މިއަދު ޅ. އަތޮޅަށް ދަތުރު ފެއްޓެވި އިރު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުވެސް މި އަތޮޅަށް ވަޑައިގަންނަވާތީ ސިޔާސީ ވާދަވެރިކަން ފެނިގެންދިޔައެވެ. އެގޮތުން ރައީސް ސޯލިހު ކުރެންދުއަށް ވަޑައިގެންނެވިތާ އިރުކޮޅެއް ތެރޭ މުއިއްޒު ވަނީ އެ ރަށަށް ވަޑައިގެންފައެވެ.

ކުރެންދުއަށް ވަޑައިގެންނެވުމާއެކު ރައީސް ސޯލިހަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ އިރު، ގިނަ އަދަދެއްގެ ރައްޔިތުން ރައީސް ސޯލިހަށް މަރުހަބާ ދެންނެވުމަށް ނުކުތެވެ. ބަނދަރުމަތިން ފެނިގެން ދިޔައީ ސިޔާސީ ފޯރިއެވެ.

ކުރެންދޫއެކޭ އެއްގޮތަށް އޮޅުވެލިފުށިންވެސް ރައީސަށް ދެންނެވީ ހޫނު މަރުހަބާއެކެވެ. ހެނދުނު ވަޑައިގަންނަވާ ގޮތަށް ކުރިން ހަމަޖެހިފައިވުމުން، އެ ރަށުގެ ގިނަ ރައްޔިތުންތަކެއް ބަނދަރު ސަރަހައްދަށް ނުކުމެ ތިއްބެވެ. އަދި މެންދުރަށް ފަސްވުމުން ވެސް ރައީސްއާ ބައްދަލުކޮށްލުމަށް ކެތްމަދުވެފައި ތިބި ރައްޔިތުންތަކެއް ފަދައިން އެމީހުން ނުކުތެވެ.

މުއިއްޒާއި ރައީސް ސޯލިހުވެސް މެންދުރުގެ ފަރިއްކޮޅު އިންސާފު ކުރެއްވީ ކުރެންދޫގައި ދާދި އެއް ވަގުތެއްގައެވެ. ދެ ފަރިއްކޮޅުވެސް ކުރިއަށްދިޔައީ އެ ހިސާބެއްގައެވެ. ނަމަވެސް ތަފާތަކަށް ފެނިގެން ދިޔައީ ވާދަވެރި ދެ ކެންޑިޑޭޓުންވެސް ކެމްޕޭނަށް ފުރުސަތު ދެއްވުމެވެ. ދެ ބޭފުޅުންގެ ކެމްޕޭން ޓީމުންވެސް ދެއްކީ ރީތި މިސާލެކެވެ.

ކުރެންދޫން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި، ކުރެންދޫއަކީ ސިޔާސީ ރަށެއް ނަމަވެސް، ހަމަނުޖެހުމެއް ނެތި ކުރިއަށް ގެންދެވޭނެ ރަށެކެވެ. ވާދަވެރި ދެ ޓީމުން ކެމްޕޭން ކުރުމުގެ ފުރުސަތު އަބަދުވެސް ދޭނެކަމުގެ ޔަގީންކަން އެ ރަށުން ދެއެވެ. ނަމަވެސް އެ ރަށުން ދެއްކީ އެއީ އެމްޑީޕީގެ ރަށެއްގެ ގޮތުގައެވެ.

މީގެ ކުރިން ބޭއްވި 2018ގެ އިންތިހާބުގައި ރައީސް ސޯލިހު ވަނީ ހިންނަވަރުން ފުރިހަމަ މެޖޯރިޓީއެއް ހޯއްދަވައިފައެވެ. ހިންނަވަރުގެ ހުރިހާ ފޮއްޓަކުން އެ މަނިކުފާނު މެޖޯރިޓީ ހޯއްދެވިއެވެ. ޅ. އަތޮޅުގެ މެޖޯރިޓީވެސް ހޯއްދެވީ އެ މަނިކުފާނެވެ.

އެ އިންތިހާބަށް ބަލައިލާ އިރު، ހިންނަވަރުން ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 3،358 މީހަކަށެވެ. އޭގެ ތެރެއިން 3،095 މީހަކު ވަނީ ވޯޓު ލައިފައެވެ. ސައްހަ ވޯޓުގެ ތެރެއިން ރައީސް ސޯލިހަށް 1،842 ވޯޓު ލިބިވަޑައިގެންނެވި އިރު، އޭރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިވަޑައިގެންނެވީ 1،221 ވޯޓެވެ. މާލޭގައި ބަހައްޓާފައި ހުރި ހިންނަވަރު ދާއިރާގެ ފޮށިން އެކަނިވެސް ރައީސް ސޯލިހު ވަނީ 69 ޕަސަންޓް ވޯޓު ހޯއްދަވައިފައެވެ.

އެ އިންތިހާބުގައި ކުޑަފަރަގުން ވިޔަސް، ޕީޕީއެމްގެ ރަށެއްގެ ގޮތުގައި ފާހަގަކޮށްލެވުނު ނައިފަރުންވެސް ރައީސް ސޯލިހު މެޖޯރިޓީ ހޯއްދެވިއެވެ. ނައިފަރަކީ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ އުފަން ރަށެވެ. މި އަތޮޅުގައި ދެން ހިމެނޭ ކުރެންދޫން 63 ޕަސަންޓުގެ ވޯޓު ހޯއްދެވި އިރު، އޮޅުވެލިފުށިން ރައީސް ސޯލިހު ހޯއްދެވީ 58 ޕަސަންޓުގެ ވޯޓެވެ.

ރިޔާސީ ޕްރައިމަރީގައިވެސް ހިންނަވަރުން ރައީސް ސޯލިހަށް އޮތް ތާއީދު ދައްކާލީ ބޮޑުކޮށެވެ. ވާދަވެރިއެއްގެ ގޮތުގައި ނުކުތް، އޭރު ޕާޓީގެ ރައީސަކަށް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މި ރަށުން ބޮޑުކޮށް ބުނީ ނޫނެކޭއެވެ. ޕްރައިމަރީގައި ރައީސް ސޯލިހަށް 821 ވޯޓު ލިބިވަޑައިގެންނެވި އިރު، ނަޝީދަށް ލިބިފައިވަޑައިގެންނެވީ އެންމެ 42 ވޯޓެވެ. ހިންނަވަރުން ރައީސް ސޯލިހު ކުރި ހޯއްދެވީ 97 ޕަސަންޓް ވޯޓާއެކުއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައިވެސް މި ރަށުން ވަނީ ރައީސް ސޯލިހަށް އޮތް ތާއީދު ދައްކާލައިފައެވެ. އެ އިންތިހާބުގައި ރައީސް ސޯލިހު ތާއީދުކުރެއްވި، މިހާރު އެ މަގާމުގައި ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ 600 ވޯޓު ހޯއްދަވައިފައެވެ. އަދި ރައީސް ނަޝީދުގެ ތާއީދާއެކު ނުކުންނެވި، މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)އަށް ލިބިވަޑައިގެންނެވީ އެންމެ ހަ ވޯޓެވެ.

އެހެންކަމުން އިންތިހާބުތަކުގެ ތާރީހަށް ބަލައިލި ކަމުގައިވިޔަސް، ރައީސް ސޯލިހުގެ އުފަން ރަށުން އެ މަނިކުފާނަށް މަޖޯރިޓީ ގެއްލޭހާ ގާތަށްވެސް ވާދަވެރި ކެންޑިޑޭޓުންނަށް ދެވޭކަށް ނެތެވެ. ހިންނަވަރުގައި އޮތީ ޕާޓީ ލޯތްބަށްވުރެ ބޮޑަށް، ރައީސް ސޯލިހުގެ ފޭނުންނެވެ. ލޯބިވަނީ ރައީސް ސޯލިހު ދެކެއެވެ. މުޅި ފާދިއްޕޮޅުގެ ވެސް ބޮޑު މެޖޯރިޓީއެއް އޮތީ އެގޮތުގައެވެ.