ދެކުނު ބަޣާވާތާ ގުޅިގެން އޭރުގެ ސަރުކާރުން ގދ. ތިނަދޫ ފަޅުކޮށްލި މައްސަލައިގައި، ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށުގެ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފިއެވެ.

ރާއްޖޭގެ ދެކުނުގައި ހިންގި ބަޣާވާތް، ދެކުނު ގަޑުބަޑަކީ އައްޑޫ، ފުވައްމުލަކު އަދި ހުވަދު އަތޮޅު ގުޅިގެން ދިވެހި ދައުލަތުން ވަކިވުމަށް 1959 ވަނަ އަހަރު ފެށި ބަޣާވާތެކެވެ. އެ ބަޣާވާތުގައި ބައިވެރިވުމާ ގުޅިގެން އޭރު ބޮޑުވަޒީރަކަށް ހުންނެވި އިބްރާހިމް ނާސިރު ވަނީ އެކިފަހަރު މަތިން ސިފައިންނާއެކު ތިނަދުއަށް ވަޑައިގެން އެ ރަށުން މީހުން ބޭލުމަށް މަސައްކަތްކުރައްވައިފައެވެ.

އެ މަސައްކަތްތަކަށްފަހު 1962 ވަނަ އަހަަރު ސަރުކާރުގެ ބާރުގެ ދަށަށް ތިނަދޫ ގެންގޮސް، އެ އަހަރުގެ ފެބްރުއަރީ މަހު ފަޅުރަށެއްގެ ގޮތުގައި ކަނޑައެޅިއެވެ. ދެވަނަ ފަހަރަށް ތިނަދޫގައި މީހުން ވަޒަންވެރިވީ އޭގެ ހަތަރު އަހަރު ފަހުންނެވެ.

އެ މައްސަލައާ ގުޅިގެން ސަރުކާރުގެ ފަރާތުން ރައީސް ސޯލިހު މައާފަށް އެދިވަޑައިގެންނެވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނަށް ތިނަދުއަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައެވެ. ރައީސް ވަނީ އެ ބަޣާވާތާ ގުޅިގެން އޭރުގެ ސަރުކާރުން އަމަލުކުރި ގޮތް ކުށްވެރިކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ.

"އަޅުގަނޑު ދަންނަވާނީ އެއްވެސް ސަރުކާރަކުން ރައްޔިތަކާ ދޭތެރޭގައި އަމަލުކުރަންވާނެ ގޮތަކަށް ނޫނޭ އޭރުގެ ސަރުކާރުން ކަންކޮށްފައި އޮތީ. އެއީ މިއަދުވެސް އެކަމާ ދޭތެރޭގައި މައާފަށް އެދެން ޖެހޭނެ ކަމެއް. ސަރުކާރުގެ ވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު އެކަމަށް މައާފަށް އެދެން. ތިނަދޫ ރައްޔިތުންނަކީ މިކަމުގައި އެންމެ ބޮޑަށް އަނިޔާ ލިބުނު ރައްޔިތުން. އަޅުގަނޑު ހިތުން ތިއިން އެއްވެސް ބޭފުޅަކު ދެވަނަ ފަހަރަކަށް އެ އަނިޔާއާ ކުރިމަތިލާކަށް ބޭނުމެއް ނުވާނެ. އިރާދަކުރެއްވިއްޔާ ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ރާއްޖޭގެ ތާރީހުގައި ކުރިއަށްއޮތް ތަނުގައި ހިނގާކަށް އަޅުގަނޑުމެން އެކަކުވެސް ފުރުސަތެއް ނުދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތިނަދޫގެ އުފެއްދުންތެރިކަމާއި ހީވާގިކަމާއި މަސައްކަތްތެރިކަމުން އެ ރަށަކީ މުޅި ރާއްޖޭގައި ވެސް އޭރު ފާހަގަކޮށްލެވޭ ރަށެއް ކަމަށާއި ސީދާ ތިނަދޫން މަސްވެރިން ބާނާ މަހާއި ކުފުރާއާ، އެ ތަކެތި ކޮޅުނބަށާއި ރާއްޖެއިން ބޭރަށް ސީދާ އެ ރަށުން ފުރައިގެން ވިއްކައި ވިޔަފާރިކޮށް އުޅުނު ކަމަށެވެ.

"މިހެން މިކަން އޮއްވައި، ރާއްޖޭގެ އޭރުގެ ސަރުކާރުން 1950ގެ ފަހުން އެ ކުރިމަތިކުރަން ފެށި ދަތިތަކާ އެކުގައި މުޅި ދެކުނުގައި އެ މައްސަލަ ބޮޑުވި. މި ތިނަދުއަށް ދިމާވި އެންމެ ބޮޑު ހިތާމަވެރި ހާދިސާ ދިމާވީ އެކަމާ ގުޅިގެން. 1962 ގައި ތިނަދޫ ފަޅުވެގެންދިޔަ، ހިތާމަވެރި ހާދިސާއެއް އެއީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ތިނަދޫއަކީ އާދަޔާހިލާފު ރަށެއް ކަމަށާއި ތާރީހުގެ ތެރެއިން އެ ކަންތައްތައް ފެންނަ ކަމަށެވެ. އަދި ރާއްޖޭގައި 1912 ވަނަ އަހަރު ރާއްޖޭގައި ކުރިއަށްގެންދިޔަ ބައިނަލްއަގުވާމީ ފެންވަރެއްގެ ފުރަތަމަ ބޯހިމެނުމުގައި މާލެ ފިޔަވައި، އެންމެ އާބާދީ ބޮޑު ރަށަކީ ތިނަދޫ ކަމަށް ދެއްކި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.