ސަރުކާރުގެ ދަތުރުފަތުރުގެ ނިޒާމު، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ހިދުމަތާއެކު އެންމެ ބޮޑު ލުޔެއް ލިބުނު މީހުންގެ ތެރޭގައި ބޮޑުތިލަދުންމަތީގެ މީހުން ހިމެނެއެވެ. ކުރީން ބޮޑު ހަރަދެއްކޮށްގެން ނޫނީ ނުކުރެވުނު ދަތުރުތައް ޖީބަށް ލުއިކޮށް ކޮށްލެވެއެވެ. އާރްޓީއެލް ނިޒާމަކީ އިންގިލާބީ ބަދަލެއް ދަތުރުފަތުރުގެ ނިޒާމަށް ގެނެސްދިން ކާމިޔާބު މަޝްރޫއެކެވެ. އެ މަޝްރޫއުގެ ސަބަބުން މީގެ ކުރިން އަގުބޮޑުކޮށް ކުރާ ދަތުރުތައް އަގުހެޔޮވެ، އަވަސްވެގެން ދިޔައެވެ.
ހދ. މަކުނުދޫ ޒުވާނެއް ކަމަށްވާ އަލީ އަބްދުﷲގެ މުސާރައަކީ 5،500 ރުފިޔާއެވެ. ހދ. މަކުނުދޫން ފުރައިގެން އެއަތޮޅު ހަނިމާދޫ އެއާޕޯޓަށް ދިޔުމަށް އަބްދުﷲ މީގެ ކުރިން 3،500 ރުފިޔާ ހޭދަކުރަން ޖެހުނެވެ. ވިއްސާރަވެ ކަނޑު ގަދައިއްޔާ އެ އަގު 11،000 އަށް ބޮޑުވެއެވެ. އަބްދުﷲގެ މުސާރައަށް އެ އަގުތަކުގައި ދަތުރެއް ކޮށްލުމަކީ ފަސޭހަކަމަކަށް ނުވެ އެވެ. ނަމަވެސް އެ ނޫން ގޮތެއް ނެތީމާ އެކަންވެސް ކުރަން ޖެހިފައިވަނީ މަދު ފަހަރަކު ނޫނެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބޮޑުތިލަދުންމައްޗަށް އާރްޓީއެލްގެ ފެރީގެ ހިދުމަތް ފެށުމާއެކު އަބްދުﷲ އެ ކަންބޮޑުވުންތަކަށް މިވަނީ ނިމުމެއް އައިސްފައެވެ.
"މިހާރު މަކުނުދޫން، ހަނިމާދޫއަށް 100 ރުފިޔާއަށް ދަތުރުކުރެވޭ، ކުރިން 11،000 ރުފިޔާ ދައްކަން ޖެހޭއިރު އެ ފައިސާ ދައްކަން ޖެހެނީ އެހެން ބަޔަކާ ވެސް ގުޅިގެން. އަސްލު މިހާރު ވަރަށް ބޮޑަށް ފަސޭހަވެއްޖެ. މިހާރު މަކުނުދޫން ފުރައިގެން ކުޅުދުއްފުށްޓަށް ގޮސް ޑޮކްޓަރަށް ދައްކާލައިފައި އެނބުރި ރަށަށް އާދެވޭ ހަމަ އެ ދުވަހު 200 ރުފިޔާއަށް. އާރްޓީއެލް ފެރީއާއެކު ވަރަށް ބޮޑު ތަކުލީފުތަކަކުން މިންޖުވެގެން މި މިދިޔައީ" އަބްދުﷲ ބުންޏެވެ.
އެމްޓީސީސީން މިއަދު ވަނީ އާރްޓީއެލްގެ ފެރީގެ ހިދުމަތް ގއ. އަދި ގދ. އަތޮޅުގައި ފަށައިފައެވެ. މާލެއިން ފުރައިގެން ކާޑެއްދޫ އެއާޕޯޓަށް ގޮސްފަ، ކާޑެއްދޫން، ވާދޫއަށް ދިއުމަށް 2،000 ރުފިޔާ ނުވަތަ 2،500 ރުފިޔާ އާންމު ގޮތެއްގައި ހަރަދުވެއެވެ. ނަމަވެސް އާރްޓީއެލް ފެރީއާއެކު އެ އަދަދު އެތައް ގުނައަކުން ކުޑަވެގެންދާނެއެވެ.
"އާރްޓީއެލް ފެރީގެ ސަބަބުން އަގުބޮޑުކޮށް ދަތުރުކުރުން ނިމުމަކަށް އަތުވެއްޖެ. މިކަމުގެ ހަގީގީ ފައިދާ ކުރަނީ އަޅުގަނޑުމެންގެ ޖީބަށް. އަތުން ހަރަދުކުރަން ޖެހޭ މިންވަރު އެތައް ގުނައެއް ކުޑަވާނެ." ތިނަދުއަށް ނިސްބަތްވާ އާމިނަތު ހަފީޒާ ބުންޏެވެ.
އާރްޓީއެލް ފެރީގައި މިދިޔަ ޖުލައިމަހުގެ ނިޔަލަށް 322،238 މީހުން ވަނީ ދަތުރުކޮށްފައެވެ. އާރްޓީއެލް ފެރީގައި ކުޅުދުއްފުށްޓަށް 126،000 މީހުން ގޮސްފައިވާއިރު ހަނިމާދޫއަށް 28،654 މީހުން ވަނީ ދަތުރުކޮށްފައެވެ. ހއ. ދިއްދޫއަށް 27،069 މީހުން ގޮސްފައިވާއިރު، ށ. ފުނަދޫއަށް 19،256 މީހުން ވަނީ ދަތުރުކޮށްފައެވެ. ތިނަދޫއަށް އެއް މަހުގެ ތެރޭގައި 2،896 ދަތުރުކުރިއިރު ހުވަދު އަތޮޅުގައި ޖުމުލަ 10،836 މީހުން ވަނީ އާރްޓީއެލް ފެރީގައި ދަތުރުކޮށްފައެވެ. އެންމެ އެކަހެރިކޮށް އޮންނަ ނަޑެއްލާއަށް 366 މީހުން ވަނީ ދަތުރުކޮށްފައެވެ.
އުމުރުން ހަތަރު އަހަރުން ދަށުގެ ކުދީންނަށް ފެރީގައި ހިލޭ ދަތުކުރެވޭއިރު، އެންސްޕާގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ވެސް ހިލޭ ދަތުރުކުރެވެއެވެ. އާރްޓީއެލް ފެރީގައި މިހާތަނަށް 19،000 އަށްވުރެ ގިނަ ކުޑަކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުން ވަނީ ދަތުރުކޮށްފައެވެ.
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އާރްޓީއެލް ހިދުމަތަކީ މި ސަރުކާރުގެ ތަސައްވަރެއް ކަމަށާއި އެ ހިދުމަތް ހުއްޓާލަން ބަޔަކު އުޅޭ މަންޒަރު ދެކެން ބޭނުން ނުވާ ކަމަށެވެ. ދުނިޔޭގެ ގައުމުތަކުގެ ސަރުކާރުތަކުން ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ފޯރުކޮށްދެނީ އެއިން މާލީ މަންފާ ހޯދަން ނޫންކަމަށް އަސްލަމް ވިދާޅުވިއެވެ. އެފަދަ ކަންކަމަކީ ސޯޝަލް އިކޮނޮމީ އިމްޕެކްޓަށް ބަލައިގެން ކުރާ ކަންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ބިޒްނަސް މޮޑަލްއެއް ނޫން މީކީ، މީ ސަރުކާރުން ކުރާ ވިޔަފާރިއެއް ނޫން." އަސްލަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އާރްޓީއެލް މަޝްރޫއަކީ ޒަމާނީ ފެންވަރަށް ރާއްޖެއަށް އިންގިލާބީ ބަދަލެއް ގެނައުމަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަމަކީ މީހަކަށް މުހުތާދެއް ފުއްދައިދިނުމަށް ފައިސާ ފޮއްޗެއް ދިނުން ނޫންކަމަށް އަސްލަމް ވިދާޅުވިއެވެ. ގައުމެއްގެ ފަރާތުން ރައްޔިތުން، ސަރުކާރެއްގެ ފަރާތުން އެދެނީ ގައުމަށް އިންގިލާބީ ބަދަލެއް ގެނައުން ކަމަށް އަސްލަމް ވިދާޅުވިއެވެ.
"މިއީ މި ދިވެހިރާއްޖެ ތާއަބަދަށް ބަދަލުކޮށްލާނެ ހިދުމަތެއް." އަސްލަމް ވިދާޅުވިއެވެ.
އާރްޓީއެލް ފެރީތަކަކީ 50 ފަސެންޖަރުންނަށް ދަތުރު ކުރެވޭގޮތަށް ފަރުމާ ކޮށްފައިވާ އެއާކޮންޑިޝަން އުޅަނދުތަކެކެވެ. އެ އުޅަނދުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ފުރޮޅުލީ ގޮނޑައަށް ވަކީން ޖާގަ ހުރެއެވެ. ސްޓްރެޗަރަށް ޖާގަ ހުރެއެވެ.
އާރްޓީއެލްގެ ހިދުމަތް ދެން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅުގައެވެ. ސަރުކާރުގެ އަމާޒަކީ 2024 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށްތަކެއް އެ ނިޒާމުން ގުޅުވާލުމެވެ.