އޭނާގެ ވެރިކަމުގައިވެސް "އިންޑިއާ ފަސްޓް ޕޮލިސީ" އޮންނާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ވަން" އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އަވަށްޓެރިއާ ކަމަށާއި އެހެންކަމުން އިންޑިއާ އިސްކުރުމުގެ ސިޔާސަތު އޮންނާނެ ކަމަށެވެ. ނަމަވެސް ދިވެހި ގައުމުގެ މިނިވަންކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށާއި އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ އެއްބަސްވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"އެގޮތަށް ކުރީގައި އޮތް ގޮތަށް، އެއްވެސް ގައުމާކާ ދުރެއް ނުވާނެ، ގުޅުން އޮންނާނެ، އެކަމަކު އެއްވެސް ގައުމަކަށް ފުރުސަތެއް ނުލިބޭނެ އަޅުގަނޑުމެން އެ ފުރުސަތެއް ނުދޭނަން އަޅުގަނޑުމެންގެ މިނިވަންކަމުގެ ތެރެއަށް ވަންނާކަށެއް، މި ގައުމުގައި އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ އަޅުގަނޑުމެން އެއްބަސްވާނެ ކަމެއް ނޫން، އަޅުގަނޑުމެންގެ ކަންކަމުގެ ތެރޭގައި ބަސް ކިއުމަކީ އެއްވެސް ގައުމަކަށް އޮންނާނެ ފުރުސަތެއް ނޫން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމުގައިވެސް އިސްލާމީ ގައުމުތަކާ އެކު އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަކުރައްވާނެ ކަމަށެވެ. އަދި ރާއްޖެ ކަހަލަ ގައުމަކަށް ކުރިއަށް ދެވޭނީ ހުރިހާ ފަރާތްތަކާއެކު ގާތް ގުޅުން ބާއްވައިގެން ކަމަށާއި ނޫން ނަމަ ބައިނަލްއަގުވާމީ މައިދާނުން ބާކީވެދާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއްކަން އެންމެން ޖެހޭނެ ގަބޫލުކުރަން، އަޅުގަނޑުމެންގެ ބަސް އިއްވަން ޖެހޭނެ، އަޅުގަނޑުމެންގެ ކަންކަން ނިންމާނީ އަޅުގަނޑުމެންކަން ޖެހޭނެ ގަބޫލުކުރަން، މިތާކު އެހެން ބައްގެ ސިފައިންނަކަށް ތިބެވިގެން ނުވާނެ،" މުއިއްޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު