އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށްވުރެ ހެޔޮކުރެވޭނެ ގޮތްތަކެއް ހޯދުމަށް މަޝްވަރާތަކެއް ކުރައްވަމުން އެބަ ގެންދަވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮ ކުރުމަކީ 2018 ވަނަ އަހަރު ރައީސް ސޯލިހު ވެވަޑައިގެންނެވި ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން ސަރުކާރުން ވަނީ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވެސް ކޮށްފައެވެ. ނަމަވެސް އަނެއްކާވެސް އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވެފައިވާކަން ގިނަބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.
އަންނަ ސެޕެޓްބަރުމަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ލ. ފޮނަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެތެރޭގެ އުދުހުންތަކުގެ އަގު އަލުން ބޮޑުވެގެން ދިޔައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ކަމަށެވެ.
ރައީސް ވިދާޅުވީ އަނެއްކާވެސް އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށެވެ.
"އެތެރޭގެ އުދުހުންތައް މިއަށްވުރެ އަގުހެޔޮ ކުރެވޭނެ އެހެން ގޮތްތަކެއް ހޯދުމަށް އަޅުގަނޑުމެންނަށް މަޝްވަރާތަކެއް ކުރެވިފަ އެބައޮތް. ކުރިއަށް އޮތް ތަނުގަ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެ އެއްޗެހިތައް ހާމަކުރަމުން ގެންދާނަން" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ ފޮނަދޫއަކީ އާބަން ޑިވެލްމެންޓް ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަން ނިންމައިފައިވާ ރަށެއް ކަމަށެވެ. އެ ތަންތަނުގައި ހިންގާން ޖެހޭނީ ބިޔަ،ބޮޑު މަޝްރޫއެއްތަކެއްކަމަށް ރައީސް ވިދާޅުވިއެވެ. އެ މަޝްރޫއުތަކުގެ ތެރޭގައި އެއާޕޯޓަކާއި ކެންސަރު ހޮސްޕިޓަލެއް ހެދުމުގެ މަސައްކަތް ހިމެނޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ ހުރިހާކަމެއް ގާތްގަނޑަކަށް ނިމިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު