ރައްޔިތުން މަޖިލީހުގެ މަސައްކަތް ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިއަށް ނުގެންދެވޭނަމަ، ރިޔާސީ އިންތިހާބުގެ ވޯޓަށްފަހު، މަޖިލިސްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ފަރާތުން، ވަނީ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފައެވެ. ދެ މައްސަލަ ހުށަހަޅައިފައިވުމުން، މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާއިމެދު ހިޔާލުތަފާތުވެ މަޖިލިސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
އަންނަ ސެޕެޓްބަރުމަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ލ. ފޮނަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މަޖިލިސްގެ ކަންކަން މަޑުޖައްސާލާފައި ވަނީ އިންތިހާބު ނިމެންދެން ކަމަށެވެ.
"ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދިޔުމަށްޓަކާ ދެން ކުރަންޖެހޭ ކަންތައްތައް ކުރުމަށް އަޅުގަނޑުމެން ރާވައި ހުރިހާ ކަމެއް ނިންމާފަ ވަނީ. އެހެންނަމަވެސް އެނގިވަޑައިގަންނަވާނެ ރިޔާސީ އިންތިހާބެއްގެ ކެމްޕޭނެއްގެ ދުވަސްވަރުގަ، ދެން މީގެ ކުރިން ވެސް ހަފުތާއެއް ދެ ހަފުތާއަކަށްވީމާ ރައްޔިތުން މަޖިލީހުގެ މެމްބަރުން މި އުޅުއްވަނީ ކެމްޕޭނުގަ. އެހެންވެ އަޅުގަނޑުމެން މަޑުކޮށްލައިގެން މިތިބީ މި ކެމްޕޭން ނިމި އިންތިހާބުގެ ވޯޓުލައި ނިމެންދެން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަޖިލިސް ކުރިއަށް ގެންދިޔުމުގެ ކަންކަން ކުރިއަށް ނުގެންދެވޭ ކަމަށްވަންޏާ ދެން އޮންނާނީ ކޯޓުގެ ތެރެއިން އެކަމަށް ހައްލެއް ހޯދުން ކަމަށެވެ. ކޯޓަށް ދާން ޖެހިޖެއްޔާ ކޯޓަށް ވެސް ވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އުއްމީދެއް ނެތްކަން ބައެއް ކެންޑިޑޭޓުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ގައުމަށް ހެޔޮ އެދިގެން އެ ބޭފުޅުން އެމްޑީޕީއާ ގުޅުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށެވެ.
"އެހެންވީމާ މި ގައުމަށް ހެޔޮއެދޭ، ރައްޔިތުންނަށް ކުރިއެރުމެއް ބޭނުންވާ ބޭފުޅަކު ކަމަށް ވަންޏާ އަދިވެސް އެ ބޭފުޅުންނަށް މިއީ ޑިސިޝަން ނެންގެވޭނެ ވަގުތު. ވާހަކަ އެބަދެކެވޭ، އަޅުގަނޑު ހިތުން އެ ބޭފުޅުން އެއާ ދޭތެރޭގެ ވިސްނާ ވަޑައިގަންނަވާނެ" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު