ދެހާސް ސައްބީސް ވަނަ އަހަރު ދައްކަން ޖެހޭ 9.4 ބިލިއަން ރުފިޔާ (1 ބިލިއަން ޑޮލަރު)ގެ ދަރަނި އެ މުއްދަތުގެ ކުރިން ދައްކައި ހަލާސް ކުރާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު "ވަން" އަށް ދެއްވި އެކްސްކުލޫސިޓް އިންޓަވިއެއްގައި ވަނީ ދަރަނި ދެއްކުމަށް އޭނާގެ ވެރިކަމެއްގައި ގެންގުޅުއްވާނޭ ސިޔާސަތު ތަފުސީލުކޮށްދެއްވައިފައެވެ. މުއިއްޒު ވިދާޅުވީ ދަރަނި އަނބުރާ ދެއްކުމުގެ ފުރަތަމަ ސިޔާސަތުގެ ދަށުން ކުރާނެ ކަމަކީ، ޑެބިޓް ރީފައިނޭންސް ކުރުން ކަމަށެވެ. އަދި ލޯނުތައް ދައްކަން ޖެހޭ މުއްދަތު ދަންމާލުމަށް މަސައްކަތް ކުރެއްވުން ކަމަށެވެ.

"އެ ހިސާބަށް (2026) އަށް ދިޔުމުގެ މާކުރިން އަޅުގަނޑުމެން އެކަން ހައްލުކުރާނަން. އިރާދަކުރެއްވިއްޔާ މުޅި ޑެބިޓް ސްޓްރަކްޗާ މުޅި ޑެޓް އެއްކޮށް ދަރަނި އެއްކޮށް އަޅުގަނޑުމެން ރީފައިނޭންސް ކުރާނަން. ހަމަ ހަރުދަނާ ސިޔާސަތެއްގެ ތެރެއިން ދަމާލައި ބައެއް ލޯނުތަކާ އެއްޗެހި ހަމަ މީ ލުއި ކުރެވޭނެ ގޮތްތައް ހޯދައިގެން އިރާދަކުރެއްވިއްޔާ ޑެޓް ރީފައިނޭންސް ކުރާނަން. ކުރީމާ އެ އުނދަގޫ ރައްޔިތުންގެ ބޮލުގަ ނޭޅޭނެ" މުއިއްޒު ވިދާޅުވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ކުރާނެ ކަމަކީ ޓެކްސް ބޭސް ފުޅާކުރުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. ޓެކްސް ބޮޑުކޮށް ނުވަތަ އާ ޓެކުހެއް ތައާރަފު ނުކުރާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ދެން ދެވަނަ ކަމަކީ އިގްތިސޯދު ހަރުދަނާކުރުމަށްޓަކާ އާމްދަނީ ވަންނާނެ ގޮތްތައް ހޯދާނަން، ޓޫރިސްޓު ރިސޯޓުތައް އިތުރުކުރެވޭނެ، މިހާރު ނުހެދި ހުރި ހުރިހާ ރިސޯޓެއް އިރާދަކުރެއްވިއްޔާ ހެދުމުގެ ފުރުސަތު ދޭނަން. އެކަން ވާނެ އިރާދަކުރެއްވިއްޔާ، އެއާޕޯޓް ނިންމާނެ ބާރު ސްޕީޑުގަ ގެންގޮސް އިރާދަކުރެއްވިއްޔާ، އަދި އިތުރަށް ޓޫރިޒަމް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ލޯކަލް ޓޫރިޒަމާއެކީގަ ކުރިއަށް ގެންދިޔުމަށް ދައުލަތަށް ޓެކްސް ފައިސާ ވަންނާނެ ގޮތްތައް ހޯދައި ޓެކްސް ބޭސް ފުޅާކުރުން ބޭސިކަލީ، އާ ޓެކުހެއް ތައާރަފު ނުކުރާނަން، ޓެކްސް ބޮޑެއް ވެސް ނުކުރާނަން. ޓެކްސް ބޭސް ފުޅާކުރާނީ" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރު ކުންފުނިތައް މިހާރު ރަނގަޅަށް ނުހިނގުމުގެ ސަބަބުން ފިނޭންސް މިނިސްޓްރީން ޖެހެނީ އެ ކުންފުނިތަކަށް 500 މިލިއަން ރުފިޔާ ނުވަތަ 700 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދޭން ކަމަށެވެ. އޭނާގެ ވެރިކަމެއްގައި ކުންފުނިތައް ހިންގުން ހަރުދަނާ ކުރާނެ ކަމަށް ވިދާޅުވިއެވެ.

އެއިރުން ބޭރު ގައުމުތަކާއި ފޮރިން އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބިގެންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި 2026 ވަނަ އަހަރު އެއްފަހަރާ 600 މިލިއަން ޑޮލަރުގެ ދަރަންޏެއް ދައްކަން ޖެހެއެވެ. އެއީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) ނަގައިފައިވާ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ)ގެ ލޯނު އަދި 2021 ވަނަ އަހަރު ރާއްޖެއިން ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ ސްކޫކްއެވެ.

އެ ދަރަނިތަކުގެ އިތުރުން ބޭރުގެ އެކި ފަރާތްތަކުން ނަގައިފައިވާ ލޯނުތަކަށް އަހަރަކު 400 މިލިއަން ޑޮލަރު ރާއްޖެއިން ދައްކަން ޖެހެއެވެ. މިދިޔަ އަހަރު ރާއްޖެއިން ވަނީ ދަރަނީގެ ގޮތުގައި 398.5 މިލިއަން ޑޮލަރު ދައްކައިފައެވެ. އަދި މިއަހަރުގެ މިހާތަނަށް ވަނީ 260 މިލިއަން ޑޮލަރު ދަރަނީގެ ގޮތުގައި ދައްކައިފައެވެ.

އެހެންކަމުން 2026 ވަނަ އަހަރު ރާއްޖެއިން ދައްކަން ޖެހޭ ދަރަނީގެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރައެވެ.