ޚަބަރު

އުމަރު ނޫން ހުރިހާ ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކޮށްފި

އިބްރާހިމް ޒަކީ

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރައްވަން ދިން މުއްދަތު ހަމަވި އިރު، އަމިއްލަގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފިޔަވައި އެހެން ކުރިހާ ކެނޑިޑޭޓުން ސޮއިކުރައްވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ރޭ 10:00 އާ ހަމައަށް ހުޅުވާލާފައިވާ ފުރުސަތުގައި އުމަރު ނަސީރު ނޫން ހުރިހާ ކެނޑިޑޭޓުންގެ ފަރާތުން ސޮއިކުރައްވާފައިވާ ކަމަށެވެ.

ސޮއިކުރެއްވި ފަރާތްތަކުގެ ތެރެއިން، މޯލްޑިވްސް ނޭޝަނަލް ޕާޓީ އާއި ދަ ޑިމޮކްރެޓްސް ގެ ކެންޑިޑޭޓުން ފިޔަވައި، އެހެން ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ހުރިހާ ލިސްޓެއްގެ ސައްހަކަން ކަށަވަރުކުރެއްވުމަށްފަހުގައި ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހުންނަށެވެ. އޭގެ ތެރޭގައި މި އިންތިހާބުގައި އަލަށް ވޯޓުލުމުގެ ހައްގު ލިބުނު 27،000 އަށްވުރެ ގިނަ މީހުން ހިމެނެއެވެ. އީސީން ބުނީ، ކެނޑިޑޭޓުން ވޯޓާސް ލިސްޓްގައި ސޮއިކުރައްވާފައިވާތީ، ޝަރުއީ ކޯޓަކުން ނޫން ގޮތަކަށް ވޯޓާސް ލިސްޓަށް ދެން އިތުރު ބަދަލު ނުގެނެވޭނެ ކަމަށެވެ.

ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ފެށީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ހިނގާދިޔަ ކަންތައްގަނޑަކަށްފަހު، އެ އަހަރު ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިނަކާ ގުޅިގެންނެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. މީގެތެރޭގައި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓުން ވެސް ހިމެނިވަޑައިގަންނަވައެވެ.

ރާއްޖޭގެ ގާނޫނު އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ޑިމޮކްރަސީ ތައާރަފުކުރި ފަހުން މިއީ އެންމެ ގިނަ ކެންޑިޑޭޓުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ފަހަރެވެ. މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ ހަ ކެންޑިޑޭޓުންނެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ވާދަ ކުރައްވާ ފަސް ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓުންނެވެ.

އީސީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ފަހަރުގެ އިންތިހާބަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލޭ ސަރަހައްދުގައި 176 ފޮށި، އަތޮޅުތަކުގައި 319 ފޮށި، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖޭން ބޭރުގައި 8 ފޮށި، ޖަލުތަކުގައި ފަސް ފޮށި އަދި ސިނާއީ ރަށްތަކުގައި ވޯޓު ފޮއްޓެކެވެ. މިއީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ވޯޓު ފޮށި ބަހައްޓާ އިންތިހާބެވެ.