ސުނާމީއަށްފަހު ޒަމާނީ ތަރައްގީ ފެންނަ ތ. ވިލުފުއްޓަށް ވެސް ވަނީ ސިޔާސީ އީދެއް އައިސްފައެވެ. ސިޔާސީ ވާދަވެރިކަން ބޮޑު ރަށެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މި ރަށުގެ ބަނދަރުން ރަށަށް ފޭބުމާއެކު ފެނުނީ ސިޔާސީ ކުލަތަކާއި ތަފާތު ސިޔާސީ މެސެޖުތަކެވެ. އިވެނީ ސިޔާސީ އަޑުތަކެވެ.
ރަށަށް ފޭބުމާއެކު އެންމެ ބޮޑަށް ލޮލުގައި އަޅައިގަތީ ބަނދަރުމަތީގައި ޖަހާފައި ހުރި ރީނދޫ ކުލައިގެ ދިދަތައް ކައިރީގައި ހުރި ކޮތަޅުތަކެވެ. އިދިކޮޅު ސަޕޯޓަރުން އެތަނުގައި ކޮތަޅުތައް ބަހައްޓާފައި ހުރީ ކޮތަޅުން ފީ ނަގަން ފެށުމުން، މި ސަރުކާރަށް ދޭ މެސެޖެއްގެ ގޮތުގައެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓުން ވާދަކުރި ނަމަވެސް، މި ރަށުން ފެނިގެންދަނީ ހަމައެކަނި ދެ ކެންޑިޑޭޓަކަށް އޮތް ތާއީދެވެ. އެއީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އޮތް ތާއީދެވެ.
މި ރަށުން ވާހަކަދެއްކި ޒުވާނަކު "ވަން" އަށް ބުނެފައިވާ ގޮތުގައި، 2158 މީހުންގެ އާބާދީއެއް އޮތް ވިލުފުއްޓަކީ އަބަދުވެސް އެމްޑީޕީ އާއި ޕީޕީއެމްގެ ވާދަވެރިކަން ބޮޑު ރަށެކެވެ. އަދި މިހާރު ރަށުން އެންމެ ބޮޑު ތާއީދެއް ފެންނަނީ އެމްޑީޕީއަށް ކަމަށް އޭނާ ބުންޏެވެ.
"ސިޔާސީ ޕާޓީތައް އުފެދުނީއްސުރެ، މިއީ އެމްޑީޕީގެ ރަށެއް. ދެން އުޅޭނީ ޕީޕީއެމްގެ ސަޕޯޓަރުން. އެހެން ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީގެ މެންބަރުންތަކެއް ތިބި ނަމަވެސް، އަދަދު އެހާ ގިނައެއް ނުވާނެ. އެހެންވީމާ ރައީސް ސޯލިހު، މި ރަށުން މެޖޯރިޓީ ނަގާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ،" ވިލުފުށިން ވާހަކަދެއްކި ޒުވާނާ ބުންޏެވެ.
މި ރަށުން ވާހަކަދެއްކި އެހެން ދެތިން މީހަކު ވެސް ބުނީ ވާދަވެރިކަން ބޮޑު ނަމަވެސް، ނަތީޖާ ބުރަވާނެ ކަމަށް ބެލެވެނީ ރައީސް އިބޫގެ ފަޅިއަށް ކަމަށެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުއިއްޒުވެސް އިބޫއާ ގާތްކުރާ އަދަދަކަށް ވޯޓު ހޯއްދަވާނެ ކަމަށް އެމީހުން އަންދާޒާ ކުރެއެވެ.
ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް، އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ނަމަވެސް، "ދަ ޑިމޮކްރެޓްސް" އުފެދުމާއެކު އޭނާ ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. ދަ ޑިމޮކްރެޓްސްއާއެކު އަފީފް މަސައްކަތްކުރެއްވި ނަމަވެސް، މި ރަށުގައި ޑިމޮކްރެޓްސްގެ މާބޮޑު ކުލައެއް ނެތެވެ.
ވިލުފުށި ކައުންސިލަށް ބަލައިލާ އިރުވެސް، ކައުންސިލަށް އިންތިހާބުކުރި ފަސް މެންބަރުންގެ ތެރެއިން އެންމެ މެންބަރެއް ފިޔަވައި، ދެން އިންތިހާބުވީ އެމްޑީޕީގެ މެންބަރުންނެވެ. އަނެއް މެންބަރަކީ ޕީޕީއެމަށް ނިސްބަތްވާ މެންބަރެކެވެ.
ވިލުފުުށީގައި މި ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު މަޝްރޫއަކީ މި ރަށުގައި ހޮސްޕިޓަލެއް އިމާރާތްކުރުމާއި، އެއާޕޯޓެއް ހެދުމުގެ މަޝްރޫއެވެ. ހޮސްޕިޓާ އިމާރާތްކުރުމަށް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. ކުވައިތު ފަންޑުގެ ދަށުން ހިންގާ އެ މަޝްރޫއު ނިންމަން ޖެހެނީ 540 ދުވަހުގެ ތެރޭގައެވެ.
ވިލުފުށީ އެއާޕޯޓުގެ މަސައްކަތް ފެށުމުގެ ގޮތުން ބިން ހިއްކަން ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެ މަސައްކަތް ނުވަ މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހެނދުނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ރަށަށް ވަޑައިގަންނަވާނެއެވެ. މިއީ ތ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފުރަތަަމަ ވަޑައިގަންނަވާ ރަށެވެ. މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު، މިއަދު މި އަތޮޅުގެ ދިޔަމިގިލި، ކިނބިދޫ، ހިރިލަންދޫ އަދި ތިމަރަފުއްޓަށް ވަޑައިގަންނަވާނެއެވެ.
ފީޗާރޑް
ފީޗާރޑް
ފީޗާރޑް
ފީޗާރޑް