އެތައް އަހަރެއް ވަންދެން ރާއްޖެއިން ދުނިޔެއަށް ވިއްކަމުން އައީ ހިތްގައިމު ހުވަފެނެކެވެ. ސާފު ރީތި ގޮނޑުދޮށްތަކާއި، ނޫކުލައިގެ ފަޅުތަކާއި، ދުނިޔޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތަކެވެ. ނަމަވެސް، ކޮންމެ އަހަރަކު ރާއްޖެއަށް ޒިޔާރަތްކުރާ އެތައް މިލިއަން ފަތުރުވެރިންނަށް ރާއްޖެއާ މެދު ކުރެވޭ އެންމެ ފުރަތަމަ ތަޖުރިބާ ފެށެނީ، ހަލުވިކަމާއެކު ކުރިއަރަމުން އައި ފަތުރުވެރިކަމުގެ ސިނާއަތަށް ނުތަކާ ވަރަށް ބާވެފައިވާ އެއާޕޯޓު ޓާމިނަލަކުންނެވެ. އެހެންނަމަވެސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް 1 އާއެކު އެ މަންޒަރު މިވަނީ މުޅިން ބަދަލުވެފައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް، މި ޓާމިނަލް ހުޅުވުމަކީ ހަމައެކަނި އުމްރާނީ ތަރައްގީގެ މަޝްރޫއެއް ނިމުން ކަމަކަށް ނުވެއެވެ. މިއީ ރާއްޖޭގެ އޭވިއޭޝަން ތާރީހުގައި ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީއެވެ. ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނު މުނާސަބަތާ ގުޅުވައިގެން 26 ޖުލައި 2025 ގައި ހުޅުވި މި އާ ޓާމިނަލަކީ، 40 އަހަރަށް ވުރެ ގިނަ ދުވަސްވީ ބާ ޓާމިނަލްގެ ބަދަލުގައި ގެނައި އިންގިލާބީ ބަދަލެކެވެ. އެމްއޭސީއެލުން ބުނާ ގޮތުގައި ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ)ގެ މި ޓާމިނަލް 1 އިން، ކުރީގެ ޓާމިނަލަށް ވުރެ ފަސް ގުނަ އިތުރަށް ޖާގަ ލިބިގެންދާނެއެވެ.
ގާތްގަނޑަކަށް 78،000 އަކަމީޓަރުގެ ސަރަހައްދެއްގައި ގާއިމުކޮށްފައިވާ މި އާ ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ގޮތަށެވެ. މީގެ ތެރޭގައި 48 ޗެކްއިން ކައުންޓަރާއި، އަމިއްލައަށް ޗެކްއިން ވެވޭނެ އިންތިޒާމުތަކާއި، 12 ޕަސިންޖަރު ބޯޑިން ބްރިޖުގެ އިތުރުން ސީޕްލޭން އަށް ހާއްސަ 24 ޗެކްއިން ކައުންޓަރު ހިމެނެއެވެ. އަދި ހަމައެހެންމެ، ވަގުތުން ވަގުތަށް ޓްރެކް ކުރެވޭނެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމެއް ގާއިމުކުރުމާއެކު، ފަސިންޖަރުންގެ ދަތުރުގެ ކަންކަން ވަނީ ވަރަށް ބޮޑަށް ލުއިފަސޭހަވެފައެވެ. ބޯޑިން ބްރިޖުތަކުގެ ސަބަބުން ބަހުގައި ފަސިންޖަރުން އުފުލުމަށް ބަރޯސާވާ މިންވަރު ކުޑަވެ، އިމިގްރޭޝަނާއި ޗެކްއިންގެ ޖާގަ ތަނަވަސްވުމުން ހިދުމަތް ހޯދުމަށް ހޭދަވާ ވަގުތު ވަނީ ކުޑަވެފައެވެ.
މިފަދަ ބޮޑު ޓާމިނަލެއް ބިނާކުރުމަކީ އެއް ކަމެކެވެ. ނަމަވެސް ރާއްޖޭގެ އެންމެ ބާރުބޮޑު އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބުރޫނާރާނެހެން އާ ޓާމިނަލަށް ހިދުމަތްތައް ބަދަލުކުރުމަކީ އެއަށްވުރެ ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން، ޓާމިނަލް ހުޅުވުމުގެ ކުރިން އެމްއޭސީއެލުން ވަނީ ޗެކްއިން، ބެގޭޖް ހޭންޑްލިން، ބޯޑިން، ކަސްޓަމްސް އަދި ބެގޭޖް ރިކްލެއިމް ފަދަ މުހިންމު މަރުހަލާތައް ޓެސްޓުކުރުމަށް އޮޕަރޭޝަނަލް ޓްރަޔަލްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ޓެސްޓުތަކުގައި އެއާލައިންތަކުގެ މަންދޫބުންވެސް ބައިވެރިވިއެވެ. އެއަށްފަހު، އެމްއޭސީއެލުން އޮޕަރޭޝަންތައް ބަދަލުކުރީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.
އާ ޓާމިނަލުން އެންމެ ފުރަތަމަ ހިދުމަތް ދޭން ފެށީ ގައުމީ އެއާލައިން، މޯލްޑިވިއަން އިންނެވެ. އޭގެ ފަހުން ބޭރުގެ އެއާލައިންތަކުގެ އޮޕަރޭޝަންތައް ބަދަލުކުރަމުންދިޔައެވެ. މިގޮތަށް ކުރިއަށްގޮސް، 31 ޑިސެންބަރު 2025 ގެ ނިޔަލަށް ހުރިހާ އެއާލައިނެއްގެ އިންޓަނޭޝަނަލް އޮޕަރޭޝަންތައް ވަނީ ޓާމިނަލް 1 އަށް ބަދަލުކޮށް ނިމިފައެވެ. އެންމެ ފަހުން ބަދަލުވި 41 ވަނަ އެއާލައިނަކީ ޓާކިޝް އެއާލައިންސްއެވެ. އެ ހިސާބަށް ދިޔައިރު، އާ ޓާމިނަލުން ވަނީ ހަ ލައްކަ ފަސިންޖަރުންނަށް ހިދުމަތް ދީފައެވެ. މިއީ އެމްއޭސީއެލްގެ އިންސްޓިޓިއުޝަނަލް ގާބިލުކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދިން ކަމެކެވެ.
ޓާމިނަލް 1 އާއެކު ވީއައިއޭ އިން ވަނީ ޓެކްނޮލޮޖީގެ ގޮތުންވެސް ބޮޑު ކުރިއެރުމެއް ހޯދައިފައެވެ. އާންމު އިމިގްރޭޝަން ކައުންޓަރުތަކުގެ އިތުރުން، ދިވެހިންނަށް ހާއްސަކޮށްގެން މިދިޔަ އަހަރުގެ ނިޔަލަށް 10 އީ-ގޭޓު ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން ސެލްފް ސާވިސް ޗެކްއިން އާއި، ބެގޭޖް ޓްރެކިން އަދި އެސްކެލޭޓަރާއި ޓްރެވަލޭޓަރު ފަދަ ވަސީލަތްތަކާއެކު، ފަސިންޖަރުންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ތަޖުރިބާއެއް ދިނުމަށް އެމްއޭސީއެލުން ވަނީ އިސްކަންދީފައެވެ. މިއީ ދުނިޔޭގެ ބޮޑެތި އެއާޕޯޓުތަކުގައި އާންމު ކަމަކަށް ވިޔަސް، ވީއައިއޭއަށް މިއީ ބޮޑު ކުރިއެރުމެކެވެ.
މި ޓާމިނަލްގެ އެންމެ ހާއްސަ އެއް ސިފަޔަކީ، މިއީ ހަމައެކަނި ކޮންކްރީޓާއި ބިއްލޫރީގެ އިމާރާތަކަށް ނުވުމެވެ. ޓާމިނަލްގެ ފަރުމާއިން ފެނިގެންދަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ކަނޑުފަޅުތަކާއި، ދިވެހިންގެ ސަގާފީ ހިރިގަލުގެ މަސައްކަތްތަކާއި އިސްލާމީ ވަންތަކަމެވެ. ދިގު ދަތުރަކަށްފަހު ރާއްޖެ އަންނަ ފަތުރުވެރިޔާއަށް އެންމެ ފުރަތަމަ ފެންނަ މަންޒަރަކީ ވީއައިއޭ ކަމަށްވާ އިރު، ޓާމިނަލުން ދިވެހިވަންތަކަން ފެނުމަކީ ފަތުރުވެރިކަމުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާ ކަމެކެވެ.
އެމްއޭސީއެލްގެ ތަރައްގީގެ މަސައްކަތްތައް ޓާމިނަލް ހުޅުވުމާއެކު ހުއްޓައެއް ނުލައެވެ. ޖޫން 2026 ގައި އެ ކުންފުނިން ވަނީ 'ބޮލި ޕްރޮގްރާމް' ގެ ދަށުން ހާއްސަ 'ކާމް ރޫމް' އެއް ހުޅުވައިފައެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، ހާއްސަ އެހީއަށް ބޭނުންވާ ފަސިންޖަރުންނަށް އަމާޒުކޮށްގެން ހުޅުވި ތަނެކެވެ. މިއިން ދައްކައިދެނީ ޒަމާނީ އެއާޕޯޓެއްގެ ފެންވަރު ވަޒަންކުރެވެނީ ހަމައެކަނި ފަސިންޖަރުންނަށް ހިދުމަތްދެވޭ ހަލުވިމިނުން ނޫންކަމާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދެވޭ އަޅާލުމުން ކަމެވެ.
ފަތުރުވެރިކަން ބިނާވެފައިވަނީ ގުޅިފައިވާ ވިއުގައެއްގެ މައްޗަށެވެ. މިދިޔަ އަހަރު ވީއައިއޭ އިން ވަނީ ގާތްގަނޑަކަށް 8 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީފައެވެ. ޓާމިނަލް 1 ގެ ސަބަބުން އިތުރު އެއާލައިންތަކަށް ޖާގަދީ، ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތު ކުރުމަށް ފުރުސަތު ހުޅުވިގެންދެއެވެ. ވިޒިޓް މޯލްޑިވްސް އިން ފާހަގަކުރާ ގޮތުގައި، މައިސް ފަތުރުވެރިކަމާއި، ވެލްނެސް އަދި އެޑްވެންޗާ ފަދަ ދާއިރާތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް މި ޓާމިނަލަކީ ވަރަށް މުހިންމު ވަސީލަތެކެވެ. މިއީ ހަމައެކަނި އޭވިއޭޝަން ދާއިރާއަށް ކުރެވުނު އިންވެސްޓްމަންޓެއް ނޫނެވެ. މިއީ މުޅި ގައުމުގެ އިގުތިސާދީ އުމްރާނީ ތަރައްގީއެވެ.
މި ބޮޑު ކާމިޔާބީގެ ފަހަތުގައި ތިބީ އެތައް ބައެކެވެ. އެއާޕޯޓުގެ އޮޕަރޭޝަންސް ޓީމުތަކާއި، އިންޖިނިއަރުންނާއި، ސެކިއުރިޓީ މުވައްޒަފުންނާއި، ކަސްޓަމްސް އަދި އިމިގްރޭޝަން އޮފިސަރުންގެ ބުރަ މަސައްކަތް މީގެ ތެރޭގައި ހިމެނެއެވެ. އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވަނީ، ޓާމިނަލް ހުޅުވުމަށްޓަކައި މުވައްޒަފުންނާއި ކަމާގުޅުންހުރި ހުރިހާ ފަރާތްތަކުން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައިފައެވެ. ކާމިޔާބީއަކީ ހަމައެކަނި 26 ޖުލައި ގައި ދޮރުތައް ހުޅުވާލުމެއް ނޫނެވެ. އެއީ އޭގެ އަނެއް ދުވަހުވެސް، އަދި އެންމެ ބާރުބޮޑު ދުވަސްވަރުވެސް އެތަން ފުރިހަމައަށް އޮޕަރޭޓް ކުރުމެވެ.
ރާއްޖޭގެ އޭވިއޭޝަން ތާރީހަށް ބަލާއިރު މިއީ އާދަޔާހިލާފު ކުރިއެރުމެކެވެ. އޮކްޓޯބަރު 1960 ގައި ހުޅުލޭގައި އެންމެ ފުރަތަމަ ބޯޓެއް ޖެއްސީ ދަގަނޑު ފިލާ އަޅައިގެން ހަދާފައިވާ 914 މީޓަރުގެ ރަންވޭއަކަށެވެ. އެއަށްފަހު 1962 ގައި ކޮމާޝަލް ދަތުރުތައް ފެށިއެވެ. މިއަދު، 60 އަހަރު ފަހުން، ވީއައިއޭގައި ދުނިޔޭގެ އެންމެ ބޮޑެތި ބޯޓުފަހަރަށް ޖެއްސޭ ފެންވަރުގެ 3،400 މީޓަރުގެ ކޯޑް އެފް ރަންވޭއަކާއި، ނޫވިލު ސީޕްލޭން ޓާމިނަލްގެ އިތުރުން 600 މިލިއަން ޑޮލަރުގެ އާ ޓާމިނަލެއް އެބަހުއްޓެވެ.
ނަމަވެސް އެމްއޭސީއެލްއަށް މިއީ އަދި ނިމުމެއް ނޫނެވެ. އުމްރާނީ ގޮތުން ތަރައްގީ ގެނެވިއްޖެއެވެ. ދެން އޮތް އެންމެ ބޮޑު އިމްތިހާނަކީ މި ފެންވަރު ހިފެހެއްޓުމެވެ. ފަސިންޖަރުން ޓާމިނަލް ވަޒަންކުރާނީ އިމިގްރޭޝަންގެ ކިއުތަކުގައި ހޭދަވާ ވަގުތާއި، ލަގެޖު ލިބޭ ހަލުވިމިނާއި، ސާފުތާހިރުކަމާއި، މުވައްޒަފުންގެ ހިދުމަތުގެ ފެންވަރުންނެވެ. އެހެންކަމުން، ޓާމިނަލް 1 އަކީ ހަމައެކަނި ކާމިޔާބީއެއް ނޫނެވެ. އެއީ އެމްއޭސީއެލްގެ ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާއެކެވެ. ރާއްޖެއަށް ޒިޔާރަތްކުރާ އެތައް މިލިއަން ފަތުރުވެރިންނަށް އެންމެ ފުރިހަމަ ތަޖުރިބާ ފޯރުކޮށްދިނުމުގެ ބިންގާ މިހާރު ވަނީ އެޅިފައެވެ.
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ކޮމެންޓް