މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަކީ ފަންނީ ދާއިރާތަކުގައި ގާބިލު މުވައްޒަފުންތަކެއް މަސައްކަތް ކުރާ ކުންފުންޏެކެވެ. މީގެތެރެއިން އެމްޕީއެލްގެ އިލެކްޓްރިކަލް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި މުހިއްމު ދައުރެއް އަދާކުރާ ބައެކެވެ. ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ބޭފުޅުންނާއެކު ޒުވާން ޓީމަކުން ކުރަމުންދަނީ ރިސްކް ބޮޑު މަސައްކަތެކެވެ. މިފަދަ ކޮންމެ މަސައްކަތެއްގައިވެސް އިސް ދައުރެއް އަދާކުރާ އެއް މުވައްޒަފަކީ މެއިންޓަނަންސް އިންޖިނިއަރެއްގެ މަގާމުގައި ހުރި ހުސައިން އިމްތިޔާޒު (އިންތި)އެވެ.

އެސިސްޓެންޓް އިލެކްޓްރިޝަނެއްގެ މަގާމު ލިބުމާ ގުޅިގެން އިމްތިޔާޒު، މީގެ 26 އަހަރު ކުރިން އެމްޕީއެލްއާ ގުޅުނީ 16 މާޗް 1999 ވަނަ އަހަރުއެވެ. ގިނަ ދާއިރާތަކަކުން ކުރިއަށް ދެވެން އޮއްވައި އިލެކްޓްރިކަލް ދާއިރާއިން ކުރިއަށް ދިއުމަށް އިމްތިޔާޒު ނިންމީ އެންމެ ކުޑައިރުވެސް އިލެކްޓްރިކް މަސައްކަތްތަކަށް ހުންނަ ޝައުގުވެރިކަމަކާ ގުޅިގެންނެވެ.

"އެކަމަކު އެ މަސައްކަތް ކުރަންވީ ރަނގަޅު ގޮތްތަކެއް އޭރަކު ނޭނގޭ. ނަސީބު ރަނގަޅުކަމުން އެމްޕީއެލުން އެންމެ ފުރަތަމަ ފުރުސަތު ލިބުނީވެސް އިލެކްޓްރިކަލް ދާއިރާއިން ކުރިއަށް ދާން،" އިމްތިޔާޒު ބުންޏެވެ.

އެމްޕީއެލްގެ މެއިންޓަނަންސް އިންޖިނިއަރެއްގެ މަގާމުގައި ހުރި ހުސައިން އިމްތިޔާޒު (އިންތި) -- ފޮޓޯ/ އެމްޕީއެލް

އިމްތިޔާޒުގެ މިހާރުގެ މައިގަނޑު ޒިންމާއަކީ އެމްޕީއެލްގެ އެކި އޮފީސްތަކުގައި ބޭނުންކުރާ އޭސީ ޔުނިޓްތަކަށް ސާވިސް ދިނުމާއި މެއިންޓަނަންސް މަސައްކަތްތައް ބެލެހެއްޓުމެވެ. އިމްތިޔާޒުގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނަށް މަސައްކަތްތައް ހަވާލުކޮށް، ކަންކަން ކުރަންވީ ގޮތް ބުނެދީ މަސައްކަތްތައް ބަލައި މޮނިޓާކުރުމަކީވެސް އިމްތިޔާޒުގެ ޒިންމާއެކެވެ. މީގެ އިތުރުން މުވައްޒަފުންނަށް ބޭނުންވާ ތަކެތި ހޯދައިދީ، ކަމާގުޅޭ ލިޔެކިޔުންތައް ތައްޔާރުކޮށް ހުއްދަތައް ހޯދުމަކީވެސް އިމްތިޔާޒު ކުރާ މަސައްކަތެކެވެ.

އެމްޕީއެލްއާ އިމްތިޔާޒު ގުޅުނުއިރު އޭނާއަކީ އިލެކްޓްރިކަލް ދާއިރާއިން މާގިނަ މަޢުލޫމާތުތަކެއް ހުރި މީހެއް ނޫނެވެ. އޭނާގެ ނަސީބަކަށްވީ އެ ދުވަސްވަރު އިލެކްޓްރިކަލް ޑިޕާޓްމަންޓްގައި ތިއްބެވި ތަޖުރިބާކާރު ފަންނީ ބޭފުޅުންނާއެކު މަސައްކަތްކުރަން ފުރުސަތު ލިބުމެވެ. އިމްތިޔާޒު ބުނާ ގޮތުގައި އެބޭފުޅުންގެ ފަރާތުން ވަރަށް ގިނަ ރަނގަޅު ކަންކަން ދަސްވެ މަސައްކަތް ކުރަންވީ ގޮތް އޮޅުންފިލިއެވެ. އެމްޕީއެލުން ކުރިއަށްގެންދާ އިންހައުސް ގިނަ ތަމްރީންތަކެއްގައި އިމްތިޔާޒު ބައިވެރިވެފައިވެއެވެ. އަދި އޭސީ އުފައްދާ އިންޑިއާގެ ބުލޫސްޓާ އާއި ޖަޕާންގެ ޑައިކިން ކުންފުނީގެ ތަމްރީންތައްވެސް ފުރިހަމަކޮށްފައިވެއެވެ. މީގެ އިތުރުން ޕޮލިޓެކްނިކުން އިންޖިނޭރިން ކޯހާއި އެމްއައިޓީން ރެފްރިޖަރޭޓަ ކޯހެއްވެސް ނިންމާފައިވެއެވެ.

އިމްތިޔާޒު ބުނި ގޮތުގައި އެމްޕީއެލްގެ ވަޒީފާގައި ހޭދަވި ދިގު މުއްދަތުގައި ކުރެވުނު އެންމެ ހާއްސަ މަސައްކަތްތަކަކީ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލް ތަރައްގީކުރުމަށް ކުރެވުނު މަސައްކަތްތަކެވެ.

"އެމްޕީއެލް ހަވާލުވިއިރު އެއީ ހަމަ ހިއްކާފައި އޮތް ހުސްބިމެއް. އެތަން ތަރައްގީކުރުމަށްޓަކައި ކުރި މަސައްކަތްތަކުގައި އަޅުގަނޑަށް މުހިއްމު ދައުރެއް އަދާކުރެވުނު. އެ ދުވަސްވަރު ގިނަ މަސައްކަތްތައް ކުރީވެސް މެނުއަލްކޮށް،" އޭރުގެ ހަނދާންތައް އިމްތިޔާޒު އާކުރިއެވެ.

އެމްޕީއެލްގެ މެއިންޓަނަންސް އިންޖިނިއަރެއްގެ މަގާމުގައި ހުރި ހުސައިން އިމްތިޔާޒު (އިންތި) -- ފޮޓޯ/ އެމްޕީއެލް

ދެވަނަ ކަމެއްގެ ގޮތުގައި އިމްތިޔާޒު އެންމެ ބޮޑަށް ފާހަގަކުރާ މަސައްކަތަކީ މާލެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމަށް ކުރިއަށް ގެންދާ ތާރީހީ މަޝްރޫއެވެ. ތިލަފުށި ބަނދަރުގެ ބޭނުމަށް ހަދާ ހުރިހާ އިމާރާތަކަށް ބޭނުންވާ އޭސީތަކުގެ ކަލްކިއުލޭޝަން ހެދުމުގެ މަސައްކަތް ކުރަމުންދަނީ އިމްތިޔާޒު ހިމެނޭ ޓީމަކުންނެވެ.

"އެ ހުރިހާ ތަނަކަށް ބޭނުންވާ ހުރިހާ އޭސީތަކެއް ގަނެ، އިންސްޓޯލްކޮށް އަދި މެއިންޓަނަންސް މަސައްކަތްވެސް ކުރާނީ އަޅުގަނޑުމެން. މިއީ ވަރަށް ހާއްސަ ދެ މަސައްކަތް،"

އިމްތިޔާޒު ބުނީ މަސައްކަތުގެ މާހައުލުގައި އެންމެ ބޮޑު އިސްކަމެއް ދެނީ އަމިއްލަ ސަލާމަތާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތައް އެޅުމަށް ކަމަށެވެ. މީގެކުރިން ކުންފުނީގެ މުދަލާއި ވަސީލަތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ގަވައިދުތަކާއި އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަކީވެސް އިސްކަންދޭ ކަމެއް ކަމަށް ބުންޏެވެ.

އެމްޕީއެލްއަކީ ފަންނީ ދާއިރާތަކުގައި ގިނަ ފުރުސަތުތަކެއް ހުރި ކުންފުންޏަކަށް ވާތީ، މަސައްކަތެއް ދަސްކޮށް ވަޒީފާގައި ކުރިއަށް ދިއުމަށްޓަކައި އެމްޕީއެލް ހިޔާރުކުރުމަށް އިމްތިޔާޒު ވަނީ ޒުވާނުންގެ ކިބައިން އެދިފައެވެ.