ވެރިކަމަށް އިންތިހާބުވެވަޑައިގެންފި ނަމަ، ޕާކިން މައްސަލަތަކުގައި ކޮށްފައިވާ ހުރިހާ ޖޫރިމާނާއެއް މައާފުކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ށ. ފުނަދުއަށް މިރޭ ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، މި ސަރުކާރަކީ ޕާކިން ސްޓިކާ ނުޖަހާނެ ކަމަށް ވައުދުވެގެން އައި ސަރުކާރެއް ނަމަވެސް، ފެންނަނީ ޕާކު ކުރާނެ ތަންތަން ނުދައްކައި ޕާކިން ސްޓިކާ ޖަހަމުންދާ މަންޒަރު ކަމަށެވެ.
މުއިއްޒު ވިދާޅުވީ، ޕާކިން ސްޓިކާއަކީ ދައުލަތަށް އާމްދަނީ ހޯދަން ހިމަނައިފައިވާ ވަސީލަތެއްގެ ގޮތުގައި މި ސަރުކާރުން ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. އެއީ އެކަން ވެގެންވާނެ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ބަޖެޓުގައި ވެސް ޖަހާފައި ހުރޭ ޖޫރިމަނާގެ ފައިސާ. ޕާކިން ސްޓިކާ ޖޫރިމަނާ އިންސާފުވެރިއެއް ނޫން. އަދުލުވެރިކަމެއް ވެސް ނޫން އެއީ. ޕާކިން ޖޫރިމަނާ އެއްކޮށް ހުރިހާ ރައްޔިތުންނަށް މައާފު ކޮށްދޭނަން،" މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމީ މަލްޓީ ސްޓޯ ޕާކިން ބިލްޑިންތައް ހެދުމަށް ކަމަށެވެ. ނަމަވެސް ސަރުކާރުން އެކަމަށް ހުރަސްއަޅައި ހުއްދަނުދިނުމުގެ ސަބަބުން އެ މަސައްކަތް ކުރިއަށް ނުގެންދެވުނު ކަމަށް މުއިއްޒު ވިދާޅުވިއެވެ. ޕީޕީއެމްގެ ވެރިކަމެއްގައި މަލްޓި ސްޓޯ ޕާކިން ބިލްޑިން ހަދައި، މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ އެއްކޮށް ހައްލުކުރާނެ ކަމަށް ވިދާޅުވިއެވެ.
އަދި ވިދާޅުވީ ގަރާޖު ސިޓީ ވިއްކުމުގެ ކަންތައް މިހާރު އޮތީ ރައްޔިތުންނަށް އެކަމުގެ ފައިދާކުރާ ގޮތަކަށް ނޫން ކަމަށެވެ. އަލަށް އަޅާ ޕާކިން ބިލްޑިންއާއެކު ގަރާޖު ސިޓީއަށް ސަލާން ޖެހުން ވެސް އެއްކޮށް ނިމިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރާއްޖެ މި ހިސާބަށް އައިސްފައި މިވަނީ އިސްރަށްވެހިންގެ މަސައްކަތުން ކަމަށާއި ޒުވާނުން ބިނާކުރަން އެންމެ މުހިންމު ދައުރެއް އަދާކުރަނީ ވެސް އިސްރަށްވެހިން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން އިސްރަށްވެހިންނަށް ބޭނުންވާ ފެސިލިޓީތަކާއެކު ރާއްޖޭގެ ހުރިހާ ހިސާބައެއްގައި އިސްރަށްވެހިންގެ ހާއްސަ މަރުކަޒުތަކެއް ބިނާކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ބެލެނިވެރިން ނެތް ކުދިން ބަލަހައްޓާ ނިޒާމު ވަރުގަދަކުރަން "އާއިލާ" މަޝްރޫއު ފަށައި، އެ ކުދިންނަށް އާއިލާއެއް ހޯދުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ރައްޔިތުންގެ އެހީތެރިކަން މިކަމަށް ލިބިގެންދާނެކަން ޔަގީންވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު