ކުރީގެ ސަރުކާރުން ގޯތި ދޭނެ ކަމަށްބުނެ ދީފައިވާ ލިޔުންތައް ހަފުތާއެއްގެ ތެރޭ ހަވާލުކުރުމަށް ހައުސިން މިނިސްޓްރީން އެދިއްޖެއެވެ.
އެ ލިޔުންތައް ހަވާލުކުރުމަށް އެދިވަޑައިގެންނެވީ، ވިނަރެސް ފުލެޓުތައް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރުމަށް ހުޅުމާލޭ ފޭސް ދޭއްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަކްރަމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން އިހުމާލުވި ބޯހިޔާވަހިކަމަށް ވައުދުވެ، ލިޔުން ލިބުނު މީހުންނަށް ގޮތެއް ހޯދައިދިނުމަށް މިހާރުވެސް މި ސަރުކާރުން މަސައްކަތްތަކެއް ކުރާ ކަމަށެވެ. އަދި އެމީހުންނަށް ބޯހިޔާވަހިކަން ކަށަވަރުކުރުމަށް ހުރި ފުރުސަތުތަކަކީ ކޮބައިތޯ މި ސަރުކާރުން މިހާރުވެސް ވިސްނަމުންދާ ކަމަށެވެ.
"ފުލެޓުތަކާއި ގޯތި ދޫކުރުމަށް އިއުލާނުކުރުމުން ވަރަށް ގިނަ ފަރާތްތަކުން އެބައާދޭ އެކިއެކި ލިޔުން ހިފައިގެން، އެކަމަކު އޭގެން އެއްވެސް ރެކޯޑެއް މިނިސްޓްރީއަށް ލިބިފައެއް ނެއް. ގޯތިދޭނެ ކަމަށް ވައުދުވެ، ލިޔުއްވާފައި އޮތް ލިޔުން ސެޓްފިކެޓެއް ގޮތަށް އެބަހުރި. ފުށިދިއްގަރު ފަޅުންވެސް އެބަހުރި ގޯތިދޭނެކަމަށް ބުނެފައި، ބައެއް ލިޔުންތަކުގައި. އެހެންވީމަ އަޅުގަނޑުމެން މި ހުޅުވާލަނީ، އިއުލާނުކުރަން މި އުޅެނީ އެފަދަ ފަރާތްތަކުން ހުރި ލިޔުންތައް މިނިސްޓްރީއަށް އެއް ހަފުތާތެރޭ ހުށަހަޅުއްވާ. އޭގެ ސައްހަކަން ބެލުމަށްފަހު އެބޭފުޅުންނަށް ގޯތެއް ހޯދައިދިނުމަށް މަސައްކަތްކުރާނަން،"
އަކްރަމް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި އަދި ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ފާޑު ވިދާޅުވަމުން އަކްރަމް ވިދާޅުވީ، ކުރީގެ ސަރުކާރުން ކަންކޮށްފައިވާ ގޮތުން މަގުމަތިވެފައިވާ ގުޅިފަޅުގެ އަދި ސީލައިފް ފްލެޓުތައް ގަނެފައިވާ ފަރާތްތަކަށްވެެސް މިއަދުގެ ސަރުކާރުން އިސްނަގައިގެން ވިނަރެސް ފްލެޓްތަކުން ފުރުސަތު ދީފައިވާ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން ގުޅިފަޅުން ފްލެޓުތައް ލިބުނު ފަރާތްތައް މި ސަރުކާރުން މުހައްމަދު މުއިއްޒު މިނިސްޓަރަކަށް ހުންނަވައިގެން އެބޭފުޅުން ވަނީ ވަރަށް އިހާނެތިކޮށް އަމަލުކުރައްވާފައި. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތަޅުގަނޑި ހަވާލުކުރަން ފުރަތަމަ ގެންދެވި ދުވަހު، އެބޭފުޅުން އެތަނަށް ގެންދަވާފައި އިރުކޮޅަކުން ފުލުހުން އަރުވައިގެން އެއީ ދިރިއުޅެން ކަމުދާ ތަނެއް ނޫން ކަމަށް ވިދާޅުވެ އެންމެ ފަހުން އެންމެން މަގުމަތިކޮށްލީ. އަދި އޭގެ ފަހުން އެކަމާ އަޅާލުމެއްނެތި އެކަން ދިޔައީ،" އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ އެކަން އެހެން ހިނގި ނަމަވެސް، އިންތިހާބުގެ ދުވަސްކޮޅާ ދިމާވުމުން މުއިއްޒުގެ ރާގު މިހާރު ބަދަލުވެ، ގުޅިފަޅަކީ ދިވެހިންވެސް ދިރިއުޅެން ރަނގަޅުތަނެއް ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު