ޕީޕީއެމްގެ ރިޔާސީ ޓިކެޓު ގަތުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެއް މިލިއަން ޑޮލަރު ދިން ކަމަށާއި އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ވަހީދުތޯ ނޫނީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުތޯ ބެލުމަށް ތަހުގީގެއް ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ބ. ތުޅާދޫގައި މިރޭ ބޭއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް ސޯލިހުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ރީކޯ ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓަކީ ރައީސް ވަހީދު ކަމަށް އެމަނިކުފާނު ވިދާޅުވަމުން ގެންދަވާ ކަމަށާއި ޓިކެޓު ލިބިވަޑައިނުގެންނެވުމުން އެމަނިކުފާނު ހުންނެވީ ވަރަށް ކޯފާވެފައި ކަމަށެވެ. އަދި ބެލި ބެލުމުގައި އެކަމަށް ރައީސް ވަހީދު ފައިސާ ވެސް ދައްކަވާފައިވާކަން އެނގުނު ކަމަށް ރީކޯ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ރިސާޗްކޮށްލައި ބެލި އިރުގައި، ކެންޑިޑޭޓުކަން ގަންނަން ވަހީދު ޕީޕީއެމަށް އެއް މިލިއަން ޑޮލަރު ވެއްޖެ ހަވާލުކޮށްފައި. ވަހީދަކީ އަނެއްހެން ވެރިކަމުގެ އިންޓަރެސްޓް ހުންނަ މީހެއް ނޫން، ހަމަ ގައުމަށްޓަކައި، ދައުލަތަށްޓަކައި. ވަހީދު މިއޮތް ހުރިހާ ދުވަހަކު ކުރި ކަމަކީ ރައީސް އަބްދުﷲ ޔާމީން މިނިވަންވޭތޯ މިދިޔަ ދިހަ ވަރަކަށް އަހަރު ރާއްޖެއިން ބޭރުގައި މަސައްކަތްކުރައްވަމުން ގެންދިޔައީ. ރައީސް ޔާމީން ޖަލަށް ދިޔަ ފަހުން ވެސް އަދި މާގިނަ ދުވަހެއް ވެސް ނުވޭ. އެކަމަކު މި މަސައްކަތް ވަހީދު ކުރައްވާފައި އޮތީ،" އޭނާ ވިދާޅުވިއެވެ.
ރީކޯ ވިދާޅުވީ ކެންޑިޑޭޓުކަން ހަމަޖެހޭނެ ކަމަށް ނިންމަވައި، ރައީސް ވަހީދު ބެނާތައް ހައްދަވައި، ކޮތަޅުތަކުގައި ފޮޓޯ ޖައްސަވައި އަދި ބެޖުވެސް ހައްދަވާފައިވާ ކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދައުލަތުގެ އެހެން މުއައްސަސާތަކުން ކެންޑިޑޭޓުގެ މައްސަލަ ބަލަން ޖެހޭ ކަމަށެވެ.
"މިއީ ކިހިނެއް އައިސްގެން އުޅޭ ކެންޑިޑޭޓެއްތޯ، މުއިއްޒު މިކަން ނަގައިގެން އުޅެނީ ކިހިނެއްތޯ އެބަ ޖެހެއެއްނު ބަލަން. މުއިއްޒުތޯ ކެންޑިޑޭޓަކީ. އަޅުގަނޑު ބޭނުން ފުއާދު ތައުފީގަށް ދަންނަވަން، ޕީޕީއެމްގެ ފަރާތުން އެބައޮތް އެމީހުން އެމީހުންނާ ބައިވެރިވެގެންނޭ މިއުޅެނީ. މުއިއްޒު މީތި ވަގަށް ނަގައިގެން ކުރާ ކަމެއް ވަހީދުގެ ނަޒަރުން. މިހާރު އަޅުގަނޑު ނަމަ، ވަހީދާއި މުއިއްޒުއާ ގެންގޮސްގެން ތަހުގީގު ފަށާނަން. އެއީ ރާއްޖޭގެ ވެރިޔަކަށް ވަގަކު ނެގިއްޖެއްޔާ އަނެއްކާ ދިޔައީ ކަންތައް،" އޭނާ ވިދާޅުވިއެވެ.
ރީކޯ އިތުރަށް ވިދާޅުވީ ރައީސް ވަހީދު ދައްކަވާ ވާހަކަފުޅުތަކާ މެދު ވިސްނަން ޖެހޭ ކަމަށާއި އެމަނިކުފާނަކީ ވެރިކަމަށް، އަދި އޭނާ ބޭނުންފުޅުވާ ކަމަކަށް ވަރަށް އިހުލާސްތެރި ބޭފުޅެއްކަން ކުރިން ވެސް ފެނިފައިވާ ކަމަށެވެ.