އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމް މަޝްރޫއު ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު އައްޑޫ ސިޓީއަށް ވަޑައިގެން އެ ރަށު ހިތަދޫ އަވަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ އައްސޭރި ޓޫރިޒަމްގެ މަޝްރޫއާއެކު ގިނަ އަދަދެއްގެ ވަޒީފާ އުފެދިގެން އަންނާނެ ކަމަށެވެ. އަދި އެ މަޝްރޫއާއެކު އައްޑޫގައި ސީޕްލޭން އޮޕަރޭޝަން ވެސް ފެށިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕްލޭނަކީ އަދި ރައްޔިތުންގެ ބޭނުންވާ ގޮތަކީ ޓޫރިޒަމް ފުޅާކުރުން. އައްސޭރި ޓޫރިޒަމްގެ ކޮންސެޕްޓު ހަގީގަތަކަށް ހަދައިދޭނަން އިރާދަކުރެއްވިއްޔާ. ސަރުކާރުން އެކަމުގެ ތެރޭގައި ބައިވެރިވެ ސަރުކާރުން އޭގެ އިންވެސްޓުމެންޓުގައި ބައިވެރިވެ ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދެވޭ ފީޒިބަލް މަޝްރޫއެއްގެ ގޮތުގައި އައްސޭރި ޓޫރިޒަމް މަޝްރޫއު ކުރިއަށް ގެންގޮސް އިރާދަކުރެއްވިއްޔާ 6،000 އެނދު މި ސިޓީގައި ގާއިމުކޮށް އެ މަޝްރޫއު އިރާދަކުރެއްވިއްޔާ ތިޔަ ރައްޔިތުންނަށްޓަކާ ކާމިޔާބުކަމާއެކީ ހާސިލުކޮށްދޭނަން. އޭގެން އުފެދިގެންދާނީ ގާތްގަނޑަކަށް 10،000 ވަރަކަށް ވަޒީފާ. މިފަދަ މަޝްރޫއެއް ހިންގުމުގެ ސަބަބުން މާލޭގެ އޮތް ފަދަ، މާލޭގެ ސީޕްލޭން ހަބް މިއޮތީ، އެއާ ގުޅިގެން ހަމަ ޔަގީނުންވެސް އޮޓޮމެޓިކަލީ ސީޕްލޭން ހަބެއް މި ސިޓީއަށް އަންނާނެ،" މުއިއްޒު ވިދާޅުވިއެވެ.

ސީޕްލޭން ހަބަކަށް އައްޑޫވުމުން އެކަމުގެ ފައިދާ ގއ. އަތޮޅު، ގދ. އަތޮޅު އަދި ފުވައްމުލަކު ސިޓީއަށް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަސައްވަރާ އެއްގޮތަށް ހިތަދޫއާއި މީދޫގެ ދެމެދުގައި ބުރިޖު އަޅައިދެއްވާނެ ކަމަށެވެ.

"ރާއްޖޭގައި ބުރިޖު އެޅުމުގެ މަޝްރޫއުތަކުގެ ތަފާތު މިހާތަނަށް ފެނިފައިވާނެ. ބުރިޖެއް އެޅުނުތަނާއި، އަޅަން އުޅެ ނޭޅުނުތަން ފެނިފައިވާނެ. އެހެންވީމާ ރައްޔިތުން ހިޔާރުކުރަންވީ ބުރިޖު އެޅި ފަރާތްތޯ، އަޅަން އުޅެ ނޭޅުނު ފަރާތްތޯ ދެން ތިމަންނަމެން ގައުމު ހަވާލުކުރާނީ،" މުއިއްޒު ވިދާޅުވިއެވެ.

އެ ބުރިޖަކީ ހަމައެކަނި ސިޔާސީ ބޭނުމުގައި އަޅައިދޭ ބުރިޖެއް ނޫން ކަމަށާއި އެ ބުރިޖަކީ އައްސޭރި ޓޫރިޒަމް މަޝްރޫއާ ގުޅިފައިވާ މުހިންމު ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެއީ ފީޒިބަލް މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ރަށްރަށުގައި އިންފްރާސްޓްރަކްޗާ ބޮޑުކޮށް ތަރައްގީކުރިޔަސް އެކަމުގެ ސަބަބުން ރައްޔިތުންނަށް މާލީ މަންފާއެއް ނުކުރާނަމަ އެއީ ބޭކަރު މަޝްރޫއުތަކެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މެނިފެސްޓޯގައި ހުރި ކަންކަމުގެ ބައެއް ތަފުސީލު ދެއްވަމުން މުއިއްޒު ވިދާޅުވީ އިންޓަނެޓު ވިޔަފާރިއަށް ފަސޭހަކުރުމުގެ ބައިނަލްއަގުވާމީ ޕޭމަންޓު ސިސްޓަމްތައް ގެންނާނެ ކަމަށެވެ. އަދި އެމާޒަން އާއި ޝޮޕިފައިފަދަ އޮންލައިން ވިޔަފާރިތަކުގައި ސެލާ އެކައުންޓް ގާއިމުކުރެވޭނެ އިންތިޒާމު އޭނާގެ ވެރިކަމެއްގައި ހަމަޖެހިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވިޔަފާރީގެ ރޮނގުން އަންހެނުން ބާރުވެރިކުރުމަށް، އަންހެނުންނަށް ހާއްސަ ސްޓާޓަޕް ލޯނެއް ތައާރަފުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެކިއެކި އުފެއްދުންތެރިކަމުގެ ބާވަތްތައް މާކެޓު ކުރުމަށް ހުރިހާ ސިޓީއެއްގައި މާކެޓެއް ހަދާނެ ކަމަށާއި އެތަނުގައި މަސައްކަތްކުރާނީ ދިވެހި އަންހެނުން އެކަނި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޕްރައިވެޓް ޑޭކެއާތައް ޕްރޮޕެޝަނަލް ކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، އެފަދަ އެހެން ޑޭކެއާ ސެންޓަރުތައް ގާއިމުކުރުމަށް އަމިއްލަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އަތޮޅު ހޮސްޕިޓަލުތަކުގައާއި ރީޖަނަލް ހޮސްޕިޓަލުތަކުގައި އަންހެނުންނަށް ދިމާވާ އެކިއެކި ކަންކަމަށް ފުރިހަމަ ފަރުވާ ދެވޭނެ އިންތިޒާމު ގާއިމްކުރައްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ފަރުވާދިނުމަށް ހާއްސަ ގައުމީ މަރުކަޒެއް ހަދާނެ ކަމަށެވެ.