ފުށިދިއްގަރު ފަޅު ހިއްކައި އެ ތަނުގައި ހައުސިން މަޝްރޫއެއް ހިންގާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު އޭނާގެ މެނިފެސްޓޯ ލޯންޗުކުރުމަށް ހިޔާ ސަރަހައްދުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކައްކަވަމުން ވިދާޅުވީ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ގިރާވަރުފަޅާއި ގުޅިފަޅު އިތުރަށް ހިއްކާނެ ކަމަށެވެ.
"މާލެ ސަރަހައްދަށް އެކަނި 65,000 ގެދޮރު, އެއީ ގޯއްޗާއި ފްލެޓު ހިމެނޭހެން ގައުމީ ތަރައްގީގެ ތެރޭގައި ހިމަނައިގެން ގާއިމުކޮށްދިނުން އަޅުގަނޑުމެންގެ ޕްލޭނަކީ. އެއީ ގުޅިފަޅާއި, ގިރާވަރު ފަޅާއި, ފުށިދިއްގަރު ފަޅާއި, މާލެ ރީޑެވެލޮޕް ކުރީމާ ހުސްވާ ބިންތަކާއި, މި ހުޅުމާލޭ އާއި ވިލިމާލެ މި ހުރިހާ ތަނަކުން ލިބޭ ބިންތައް އެއްކޮށްލައިގެން 65,000 ގެދޮރު ގާއިމުކޮށްދޭނަން" މުއިއްޒު ވިދާޅުވިއެވެ.
"ފުށިދިއްގަރު ފަޅުގައި 1,280 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކޭނެ. އެއީ ފޭސް 1 ފޭސް 2 އެއްކޮށްލީމަ ވާ ވަރުގެ ތިން ގުނަ. މިތަނުން ލިބިގެން މިދަނީ 11,970 ގޯއްޗާއި 26,500 ހައުސިން ޔުނިޓު, ތިން ކޮޓަރި ހަތަރު ކޮޓަރި ގޮތަށް"
ފުށިދިއްގަރު ފަޅު ތަރައްގީކުރާނެ ގޮތުގެ މާސްޓާޕްލޭނެއް ވެސް މުއިއްޒު ވަނީ ރޭ ދައްކަވައިފައެވެ. އޭނާ ވިދާޅުވީ އޭނާގެ ސަރުކާރެއްގައި މާލޭގެ ހުރިހާ ރައްޔިތުންނަށްގެދޮރު ޔަގީންވެގެންދާނެ ކަމަށެވެ. ފުށިދިއްގަރު ފަޅު ހިއްކައި އެތަން އާބާދުކުރުމަކީ ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެސް ވައުދެކެވެ.
މުއިއްޒު ވިދާޅުވީ ގިރާވަރު ފަޅުން 89 ހެކްޓަރު ހިއްކައި 1,050 ގޯއްޗާއި 2,800 ހައުސިން ޔުނިޓު މާލޭ ރައްޔިތުންނަށް ދޭނެ ކަމަށެވެ. އެއީ 1,400 އަކަފޫޓާއި 1,650 އަކަ ފޫޓުގެ ދެމެދުގެ ތަންތަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ގުޅިފަޅު ހިއްކައިނިމޭއިރު އެތަން ހުޅުމާލެ ފޭސް ދެއަކަށްވުރެ ބޮޑުވާނެ ކަމަށެވެ. އެތަނުން 3،500 ގޯތި އަދި 8،700 ހައުސިން ޔުނިޓު ދެވެން ހުންނާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު