ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އޭނާގެ މެނިފެސްޓޯ މިރޭ ލޯންޗުކޮށްފިއެވެ.
މުއިއްޒު އޭނާގެ މެނިފެސްޓޯ ލޯންޗުކުރީ ހިޔާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި މުއިއްޒުގެ އަނބިކަނބަލުން އަދި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުގެ ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ.
މުއިއްޒުގެ މެނިފެސްޓޯގެ ޝިއާރަކީ "ދިވެހީންގެ ރާއްޖެ"އެވެ. އެ ޝިއާރަކީ ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަނޑައެޅުއްވި ޝިއާރެކެވެ.
މެނިފެސްޓޯ ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ މެނިފެސްޓޯ އެކުލެވިގެންވަނީ 19 ޗެޕްޓާއަކަށް ކަމަށެވެ. އޭގެ ތެރެއިން ގިނަ ކަންކަމަކީ ބޯހިޔާވަހިކަމާ ގުޅޭ ކަންކަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެކަންކަމުގެ ތަފުސީލު ހާމަކުރާނީ އަދި ފަހުންކަމަށް މުއިއްޒު ވިދާޅުވިއެވެ. މެނިފެސްޓޯގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ބޯހިޔާވަހިކަމަށެވެ. އޭނާގެ ސަރުކާރެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދާނެ ގޮތުގެ ތަފުސީލު މުއިއްޒު ވަނީ މިރޭ ދެއްވައިފައެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށްގެންދާނެ ގޮތާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން މުއިއްޒު ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާއިރު ގޯތި ލިބުނަސް، އެ ގޯތީގައި ގެދޮރެއް އިމާރަތް ކުރެވޭނެ މާލީ ގާބިލުކަން އެ ގޯތީގެ ވެރިންނަށް ލިބިފައިނުވާ ކަމަށާއި ގެދޮރު ހެދުމަށް ބޭންކުން ލޯނު ދޫކުރަނީ ބޮޑު އިންޓްރެސްޓެއްގައި ކަމަށެވެ. އެހެންކަމުން ގޯތި ހަދަން ޖެހެނީ ޕްރައިވެޓް ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށެވެ. އަދި ޕްރައިވެޓް ކުންފުންޏާ ގެދޮރު ހަދަން ހަވާލުކުރަނީ 25 އަހަރުގެ ކުއްޔަކަށް ކަމަށާއި އެ މުއްދަތުގައި ގެދޮރުވެރިޔާއަށް ލިބެނީ ދެ ފަންގިފިލާ ކަމަށް އޭނާ ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ސަރުކާރުގެ 100 ޕަސަންޓު ހިއްސާވާ ފަންޑެއް ގާއިމުކޮށް، އެ ފަންޑުން ގެދޮރު ހެދުމަށް ލޯނު ދޫކުރާނެ ކަމަށެވެ. އެއިރުން ޕްރައިވެޓް ކުންފުންޏަށް، ގެދޮރުގެ ވެރި ފަރާތަށް އަދި ދައުލަތަށާއި ބޭންކިން ނިޒާމަށް ފައިދާވާނެ ކަމަށް ވިދާޅުވިއެވެ.
އަދި އަލަށް ގޯތި ހަދާ މީހުންނަށް ހާއްސަކޮށްގެން ހޯމް ސްޓާޓަޕް ލޯން، ގެދޮރު ބާވުމުގެ ސަބަބުން އަލުން އިމާރަތްކުރަން ބޭނުންވާ ފަރާތަކަށް ހޯމް ރީ ފައިނޭންސް ލޯނު އަދި ފައިސާ ނެތިގެން ގެދޮރު ހެދުމުގެ މަސައްކަތް ހުއްޓިފައިވާ މީހުންނަށް ހޯމް ކޮމްޕިލީޝަން ލޯނު ދޫކުރާނެ ކަމަށާއި އެކަން ކުރާނީ މުޅިން އާ ޑިވެލޮޕްމެންޓް ބޭންކެއް އުފައްދައިގެން ފަސް ޕަސަންޓު އިންޓްރެސްޓު ރޭޓުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަމާޒަކީ 20 އަހަރު ދުވަހުން 65،000 ގެދޮރު ޔަގީންކުރުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާގެ ވެރިކަމެއްގައި އަލަށް ފަށާ ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން އެކަނިވެރިންނާއި ބައްޕައިންނަށް ދެ ކޮޓަރީގެ 1،000 އެޕާޓުމެންޓު ހާއްސަކުރާނެ ކަމަށާއި އަދި ޒުވާން އާއިލާތަކަށް ދެ ކޮޓަރީގެ 3،000 އެޕާޓްމެންޓު ހާއްސަކުރާނެ ކަމަށެވެ. އަދި ވިލިމާލޭގައި 500 ހައުސިން ޔުނިޓު ހަދައިދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
"ބޭނުންވާ ޑިޒައިނަކަށް، ބޭނުންވާ އުސްމިނަކަށް އަޅުގަނޑުމެން ގެދޮރު ބިނާކޮށްދޭނީ." މުއިއްޒު ވިދާޅުވިއެވެ.
މި ސަރުކާރުން ފަށައިފައިވާ މަޝްރޫއުތަކުގެ ތެރެއިން ރައްޔިތުންނަށް ފައިދާވާ މަޝްރޫއުތަކުގެ މަސައްކަތް އޭނާގެ ވެރިކަމެއްގައި ވެސް ހުއްޓައިނުލާ ކުރިއަށްގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެއީ ނުފެށި އޮތް މަޝްރޫއެއް ކަމަށްވިޔަސް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބުމުން ރާއްޖެއަށް ދިމާވެފައިވާ ވަރަށް ގިނަ މައްސަލަތައް ހައްލުވާނެ ކަމަށެވެ. އެގޮތުން އިޖުތިމާއީ މައްސަލަތައް، ކުށްކުރުން އިތުރުވުން، ތައުލީމު ހޯދުމަށް ދިމާވެފައިވާ ދަތިކަން، އިގުތިސޯދީ ކުރި ނޭރުން އަދި ވިޔަފާރި ފުޅާކުރުމަށް ދިމާވެފައިވާ މައްސަލަ އަދި ނަފުސާނީ މައްސަލަތައް ހައްލުވާނީ ބޯހިޔާވަހިކަން ލިބިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު