ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލަ އެޖެންޑާކޮށް، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށަން ނިންމައިފިއެވެ.

މާދަމާ ހެނދުނު 9:00 ގައި ފަށަން ނިންމާފައިވާ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް އެޖެންޑާކޮށްގައިވަނީވެސް އެ މައްސަލަ އެކަންޏެވެ.

މަޖިލީހުގެ ދެވަނަ ދައުރުގެ މަސައްކަތްތައް ނިންމައި އޭޕްރީލް މަހުގެ 27 ގައި މަޖިލިސް ޗުއްޓީއަށްދިޔަ ނަމަވެސް، އޭރު އެމްޑީޕީގެ 13 މަޖިލިސް މެންބަރުން އެ ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެން ކޮމިޓީތަކުގައި މެންބަރުން އެތުރިފައިވާ ގޮތަށް އައި ބަދަލު ފާސްކުރަން، އެމްޑީޕީން ހުށަހަޅައިގެން ދައުރުން ބޭރުން ދެ ޖަލްސާ ބޭއްވިއެވެ.

އެ ޖަލްސާތަކުގައި، ދާއިމީ ކޮމިޓީތަކުގައި ހިމެނޭ 183 ސްލޮޓްގެ ތެރެއިން 113 ސްލޮޓް މެޖޯރިޓީ ޕާޓީ އެމްޑީޕީއަށް ލިބޭ ގޮތަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ނަމަވެސް އޭރު އޮތީ އެމްޑީޕީން ވަކިވި މެންބަރުން، ވަކި ޕާޓީއެއްގެ ގޮތުގައި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމަށް ހުށަހަޅައިފައެވެ. ނަމަވެސް އެ ޕާޓީ ރަޖިސްޓްރީ ކޮފައި ނުވާތީ، އެމްޑީޕީން ވަކިވި މެންބަރުން ހިމެނިފައިވަނީ އަމިއްލަ މެންބަރުންގެ ގޮތުގައެވެ. ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރީ މަޖިލިސް ޗުއްޓީގައި އޮއްވައެވެ.

އެހެންކަމުން ބެލެވިފައިވާ ގޮތުގައި، މަޖިލީހުގެ ދަފްތަރުގައި ދަ ޑިމޮކްރެޓްސް މެންބަރުން ރަޖިސްޓްރީ ކުރާނީވެސް މާދަމާއެވެ. ދާއިމީ ކޮމިޓީތަކުގައި މެންބަރުން ހިމެނޭ ގޮތަށް އަނެއްކާވެސް ބަދަލު ގެންނަން ޖެހިފައި މިވަނީވެސް ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު މާދަމާ ފަށާއިރު، ސިޔާސީ މަސްރަހަށް އައި ބަދަލާ ގުޅިގެން، މަޖިލީހުގެ ކޮމްޕޮޒިޝަނަށްވެސް ބަދަލު އަންނާނެއެވެ. އެގޮތުން މިހާތަނަށް މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމްއަށް މަގާމު ގެއްލި، މައިނޯރިޓީ ޕާޓީގެ މަގާމު ދަ ޑިމޮކްރެޓްސްއަށް ލިބިގެންދާނެއެވެ. އެއީ މަޖިލީހުގައި ޕީޕީއެމްގެ ފަސް މެންބަރުން ހިމެނޭއިރު، ޑިމޮކްރެޓްސްގެ މެންބަރުންގެ އަދަދަކީ 14 އެވެ. މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ގޮތުގައި އެމްޑީޕީ އޮތީ 56 މެންބަރުންނާ އެކުގައެވެ. މަޖިލީހުގައި ދެން ހިމެނޭ ޕާޓީތަކުގެ ތެރެއިން ޕީއެންސީ އާއި އެމްއެންޕީން ކުރެ ކޮންމެ ޕާޓީއަކުން ތިން މެންބަރުން، ޖޭޕީ އާއި އެމްޑީއޭއިން ކުރެ ކޮންމެ ޕާޓީއަކުން ދެ މެންބަރުން ތިއްބަވައެވެ. މަޖިލީހުގައި މިހާރު ތިއްބެވި އަމިއްލަ މެންބަރުންނެ އަދަދަކީވެސް ދޭކެވެ.