ދަ ޑިމޮކްރެޓްސް ދޫކޮށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު، އިއްޔެ އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތީ ވަގުތީ އުފަލަކަށް ކަމަށް ދަ ޑިމޮކްރެޓްސްގެ ބާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީގައި މިއަދު ބޭއްވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕޭން ޖަލްސާގައި ވަކި ބޭފުޅެއްގެ ނަން ފާހަގަނުކޮށް ނަޝީދު ވިދާޅުވީ ޒުވާން ކުދިން ސިޔާސީ މައިދާނަށް ނެރުމަށް މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އެގޮތުން ކުޅުދުއްފުއްޓަށް ނިސްބަތްވާ މީހަކު ގޮވައިގެން ގޮސް މަޖިލީހުގެ ދާއިމީ ކޮމިޓީގެ ނައިބު މުގައްރިރުކަން ހަވާލުކުރެއްވި ކަމަށެވެ.
"އަޅުގަނޑު އެ ބޭފުޅާ އާއެކު ހުސް ވަގުތުތަކުގައި ވީހާވެސް ގިނައެއްކޮށް މަޝްވަރާކޮށް، ވާހަކަދައްކާ ހަދަމުން ދިޔައިން. ނަމަވެސް ވަގުތީ ފައިދާގެ ދަޅައިގައި، ޒުވާން އުމުރުގައި ބައެއް ބޭފުޅުން އެބަ އެ އަވާގައި ޖެހޭ. އަޅުގަނޑު ދަންނަވާނީ އެއީ ވަރަށް ހިތާމަހުރި ކަމެކޭ. އަޅުގަނޑު ނުދެކެން ކުޅުދުއްފުށި ރައްޔިތުންގެ ޒަމީރު މިހާ އަވަހަށް ގުޑައިދާނެ ކަމަކަށް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ކުޅުދުއްފުށި ރައްޔިތުން ބަޔަކަށް ދޭ ތާއިދާކީ ވިޔަފާރިއަކަށް ހަދަން ބޭނުންނުވާނެ ކަމަށެވެ. އެ ތާއިދުން ބަޔަކަށް އެތައް މިލިއަން ރުފިޔާ ލިބޭނެ ގޮތަކަށް ކަންކަން ވުމަށްވެސް ކުޅުދުއްފުށި ރައްޔިތުން ބޭނުންނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކުޅުދުއްފުށި ރައްޔިތުން ބޭނުންވާ ތަރައްގީއާއި އަނބުރުވެރި ދިރިއުޅުން ލިބިގެންދާނީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އިންތިހާބު ވެގެން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސްގެ އުފެއްދުމަށް އެމްޑީޕީން ވަކިވި 12 މަޖިލިސް މެމްބަރުންގެ ތެރޭގައި ޔާސިރު ހިމެނެއެވެ. އޭނާ ވަނީ ދަ ޑިމޮކްރެޓްސް އުފެއްދުމަށް މުހިންމު މަސައްކަތެއް ކުރައްވައިފައެވެ. އެމްޑީޕީން ވަކިވެ ޔާސިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު