ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބުނު މީހުންނަށް މާލޭ ސަރަހައްދުގެ ހިކިފަސް ތަނަކުން ގޯތި ހަމަޖައްސަން ޖެހޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުން ގޯތި ދޭން ސަރުކާރުން ހިންގާ "ބިންވެރިޔާ' ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތު ނަގަން މިދިޔަ އަންގާރަ ދުވަހު ވަނީ ފަށައިފައެވެ. މާލޭ ސަރަހައްދުން 18،955 މީހަކަށް 9،001 ގޯތި ދޫކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ ތެރެއިން ބައެއް ގޯތި ދޫކުރަނީ ގިރާވަޅުފަޅު، ގުޅީފަޅު އަދި ހުޅުމާލެ ފޭސް ދޭކުންނެވެ. ނަމަވެސް ގިރާވަރުފަޅާއި ގުޅީފަޅު ހިއްކާ އަދި ނުނިމެއެވެ.
ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގިރާވަޅުފަޅު ހިއްކުމަކީ ޕްލޭނެއް ނެތް މާދުރު ވާހަކައެއް ކަމަށެވެ.
"ނުހިއްކާ އޮތް ސަރަހައްދުތަކުން ގޯތި ލިބުނު ފަރާތްތަކަށް މާލެ ސަރަހައްދުގެ ހިކިފަސް ތާކުން ބޯހިޔާވަހިކަން ހަމަޖައްސަންޖެހޭ،" ނަޝީދު ވިދާޅުވިއެވެ.
ރައީސް އޮފީހުގައި ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެފައިވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ތެރެއިން މި ވަގުތު ގޯތި ދޫނުކުރެވެނީ 684 މީހަކަށް ކަމަށެވެ. އެ މީހުންނަކީ ކައިވެންޏެއް ނުކޮށް ދަރިޔަކުވެސް ނެތް 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހުންނެވެ.
އަކްރަމް ވިދާޅުވި ގޮތުގައި، އެ 684 މީހުންނަށް މި ވަގުތު ގޯތި ދޫކުރެވެން ނެތީ ބިން ނެތުމުންނެވެ. އަދި ބިން ހަމަޖެހުމުން އެ މީހުންނަށްވެސް ގޯތި ދޫކުރާނެ ކަމަށް ވިދާޅުވިއެވެ
ޚަބަރު
ޚަބަރު
ޚަބަރު