• އއ. މާޅޮހުން އަލީ ރިފްޝާން

މިދިޔަ ފަސް އަހަރަކީ އެންމެ ކުށް މަދު ފަސް އަހަރު ކަމަށާއި އޭގެ ކުރިން ކުށް ގިނަވެފައިވަނީ ވެރިކަމުގައި ތިބޭ ބައެއްގެ ސަބަބުން އެ ބާރު ލިބިގެން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އއ. އަތޮޅަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު މާޅޮހަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތެއް ބޭނުންވަނީ ހަމަޖެހޭ މުޖުތަމައެއްގައި އުފާވެރި ދިރިއުޅުމެއް އުޅެން ކަމަށާއި ބޭނުންވަނީ ހަމަޖެހޭ މުޖުތަމައެއް ގާއިމުކުރުމަށް ކަމަށެވެ.

"މި ފަސް އަހަރު އަޅުގަނޑުމެންނަށް ރަނގަޅު މަސައްކަތްތަކެއް ކުރެވިއްޖެ. ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއީ އެންމެ ކުށް މަދު ފަސް އަހަރު. އޭގެ ކުރީ ފަސް އަހަރުގެ މާލޭގެ މަގުމަތީގެ ހާލަތަށް ބަލާ އިރު، މަހަކު ކުއްޖަކު ކަތިލައި، ވަޅި ހަރައި މަރާލާ. ފުލުހުންނަށް ކޮންޓްރޯލު ނުވެގެން ސިފައިން ނެރެން ޖެހުނު. އޭރު މާލޭގެ ހާލަތަކީ މިއީ. އެކަން އެގޮތަށް ވަނީ ވެރިކަމުގެ ތިބޭ މީހުންނާއި ސިޔާސީ މީހުންނާ އޮންނަ ގުޅުމެއްގެ ސަބަބުން. ވެރިކަމުގައި ތިބޭ ބައެއްގެ ސަބަބުން އެމީހުންނަށް ބާރު ލިބޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަގުމަތީގައި ވީއްލިގެން އުޅޭ މީހުންނަށް ދިރިއުޅޭނެ ގޮތެއް ހޯދައިދޭން ޖެހޭ ކަމަށާއި ކުރިއަށް އޮތް ފަސް އަހަރުގައި އެކަން އެމަނިކުފާނު ދައްކަވައިދެއްވާނެ ކަމަށެވެ. އަދި އެކަމަށް ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބައްދަލުވުމުގައި ރައީސް ވަނީ މާޅޮހަށް ގިނަ ވައުދުތަކެއް ވެސް ވެވަޑައިގެންފައެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރޯހައުސް ހެދުމާއި ޒަމާނީ ބޮޑު ހުކުރު މިސްކިތަކާއި ޕިކްނިކް އައިލެންޑަކާއި ހޭންޑްބޯލް ކޯޓަކާއި ވޮލީ ކޯޓަކާއި ގެސްޓުންނަށް ހާއްސަ ބީޗެއް ހެދުމުގެ އިތުރުން އިތުރު އައިސްޕްލާންޓެއް ބެހެއްޓުމަށް ވެސް ވައުދުވެވަޑައިގެންނެވިއެވެ.