ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފުރަތަމަ ދައުރުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޮންނަވަން ޖެހިވަޑައިގަންނަވާނީ ޖަލުގައި ކަމަށާއި އެމަނިކުފާނުގެ ފަހު މަންޒިލަށް ވާނީވެސް ޖަލު ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އުތުރުގެ ރަށްތަކަށް މުއިއްޒު ކުރައްވާ ދަތުރުގެ ތެރެއިން ހއ. ހޯރަފުއްޓަށް ވަޑައިގެން މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ އަނިޔާވެރިޔަކީ އެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގާއްޔޫމް ނޫން ކަމަށާއި އަނިޔާވެރިޔަކީ ރައީސް ސޯލިހު ކަމަށެވެ. އަދި ރައީސް ސޯލިހު ފިއްލެވުމަށް ފުރާވަޑައިގެންނެވުމަށް ފުރުސަތެއް ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވެރިކަމަށް އަންނަ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޕާސްޕޯޓް ހިފަހައްޓާނަން، ސުވާލެއް ނޯންނާނެ. ޑރ. މުއިއްޒަށް އަޅުގަނޑު ދަންނަވާލަން ބޭނުން އިންތިހާބުވެވަޑައިގެންނެވުމާ އެކު ޕާސްޕޯޓު ހިފަހައްޓަވަން ވާނެ، މި ގައުމުން ބޭރުވިޔަދީގެން ނުވާނެ. ރައީސް ޔާމީން ޖަލުގައި އޮންނަތާ މިއީ 1002 ވަނަ ދުވަސް. އަޅުގަނޑުމެންގެ ދައުރު ނިމެންދެން އިބްރާހިމް މުހައްމަދު ސޯލިހު އޮންނަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ޖަލުގައި، އޭނާގެ އެންމެ ފަހު މަންޒިލަކަށް ވާންވާނީ ވެސް ޖަލު،" އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ގައުމު ސަލާމަތް ކުރަން ވޯޓުދޭންވީ މުއިއްޒަށް ކަމަށާއި މިހާރު ގައުމު އޮތް ހާލަތާ ގުޅޭ ވާހަކަ ދައްކަވަން ބޭނުންނުވާ ކަމަށެވެ. އަދި ވޯޓުލާން ވަންދެން ރައީސް ސޯލިހުގެ އަނިޔާވެރިކަން ހިތް މަތީގައި ބަހައްޓަން ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އެއަށްވުރެ އަނިޔާވެރި މީހަކު މި ގައުމުގެ ވެރިކަމަކަށް އަދި ނާދޭ. އަނިޔާވެރިވީ ވަކި މީހަކަށް ނޫން، މުޅި ގައުމުގެ ރައްޔިތުންނަށް، މި ދިވެހި ފަސްގަނޑަށް، އަޅުގަނޑުމެންގެ ދިވެހި ގައުމިއްޔަތުގެ އެންމެހާ ބަހާތަކަށް، މި ގައުމުގެ މިނިވަންކަމަށް، މި ގައުމުގެ ސިޔާދަތަށް، މި ގައުމުގެ އިސްތިގުލާލަށް، ދިވެހި މާލިއްޔަތަށް، ދިވެހި ރައްޔިތުންގެ ހައްގުތަކަށް. މި ގައުމުގައި އިބްރާހިމް މުހައްމަދު ސޯލިހު ހިޔާނާތްތެރި ނުވާ އެއްވެސް ކަމެއް ނެތް،" އޭނާ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ކަޅުއޮއްފުންމީގައި ނުކުމެ ރައީސް ސޯލިހު ހައްޔަރުކުރަން ޖެހޭ ކަމަށާއި ހިޔާނާތްތެރިން އަދި އަނިޔާވެރިންނަށް ދޭން ޖެހޭ އަދަބު އެމަނިކުފާނަށް ދޭން ޖެހޭ ކަމަށެވެ.