ރެއާލް މެޑްރިޑް

ކޯޓުއާ ނެތްތައް ފޫބައްދަން ކެޕާ ލޯނެއްގައި ރެއާލްއަށް

ކަކުލުގެ ބޮޑު އަނިޔާއަކާއެކު ސާޖަރީއެއް ކުރަން ޖެހުނު ރެއާލް މެޑްރިޑް ގޯލްކީޕަރު ބެލްޖިއަމްގެ ތީބޯ ކޯޓުއާ ނެތްތައް ފޫބައްދަން ލޯން އެއްބަސްވުމެގައި ސްޕެއިންގެ ކެޕާ އަރީޒާބަލާގައި ގެންގޮސްފިއެވެ.

ރެއާލްއިން ޗެލްސީގެ ގޯލްކީޕަރު ކެޕާ ގެންދަން ނިންމާފައި ވަނީ މި ސީޒަނުގެ ނިޔަލަށެވެ. ކެޕާއާއެކު ރެއާލްއިން ވި އެއްބަސްވުމުގައި ލޯނު ނިމުމުން، އެއްބަސްވުން އާކުރުމަށް ފުރުސަތު ދީފައެއް ނުވެއެވެ.

މިދިޔަ ދެތިން ސީޒަނުގައިވެސް ރެއާލްއަށް މޮޅަށް ކުޅުނު އުމުރުން 31 އަހަރުގެ ކޯޓުއާގެ ވާތު ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ސާޖަރީއަކަށް ގޮސްފައިވާ އިރު، އެ ސާޖަރީއާ އެކު މިސީޒަން އެއްކޮށް ކަހަލަ ގޮތަކަށް އޭނާއަށް ގެއްލޭނެ ކަމަށް ބެލެވެއެވެ.

ދުނިޔޭގެ އެންމެ މޮޅު އެއް ގޯލްކީޕަރު ކޯޓުއާއަށް އަނިޔާވުމާ އެކު ރެއާލްގައި ދެން ހުރި ސީނިއާ ހަމައެކަނި ގޯލްކީޕަރަކީ އުމުރުން 24 އަހަރުގެ ޔޫކްރެއިން ގޯލްކީޕަރު އަންދްރީ ލުނިންއެވެ. އެހެންކަމުން ރެއާލްއިން ދިޔައީ މާކެޓްގައި ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

މިދިޔަ ސީޒަނުގައި އެއްކޮށް ކަހަލަ ގޮތަކަށް ޗެލްސީގެ ފުރަތަމަ 11 އިން ފެނުނު ކެޕާ، މި ސީޒަނަށް ޗެލްސީން ލޯނަށް ދޫކޮށްލީ ބްރައިޓަންގެ ގޯލްކީޕަރު ރޮބާޓް ސަންޗޭޒްގެ ސޮއި ހޯދައިފައެވެ. ސީޒަނުގައި ޗެލްސީން ކުޅުނު ފުރަތަމަ މެޗުގައި ރޭ ލިވަޕޫލާ ދެކޮޅަށް ނުކުތީވެސް ސަންޗޭޒްއެވެ. ޗެލްސީން ސަންޗޭޒް ގެންދިޔައީ 25 މިލިއަން ޕައިންޑްގެ އަގަކަށެވެ.

ސަންޗޭޒް ޗެލްސީގައި ހުރި ނަމަވެސް، އޭނާގެ އިތުރުން ދެން މިވަގުތު ޗެލްސީގެ ސްކޮޑުގައި ހުރި ހަމައެކަނި ސީނިއާ ގޯލްކީޕަރަކީ މާކަސް ބެޓިނޭލީއެވެ. އުމުރުން 31 އަހަރުގެ ބެޓިނޭލީގެ އިތުރުން ދެން ޗެލްސީއަށް ބޭނުން ކުރެވޭނެ ގޯލްކީޕަރަކީ 20 އަހަރުގެ ޒުވާން ގޯލްކީޕަރު ލޫކަސް ބާގްސްޓޯމާއި 19 އަހަރުގެ އެޑީ ބީޗެވެ.

ކެޕާ، 2018 ވަނަ އަހަރު ޗެލްސީއާ ގުޅުނީ އެތުލެޓިކް ބިލްބާއޯއިން 71 މިލިއަން ޕައުންޑްގެ އަގެއްގައެވެ. އެއީ މިހާތަނަށް ގޯލްކީޕަރެއްގެ އެންމެ ބޮޑު އަގެވެ. ޗެލްސީއަށް ސޮއިކުރިފަހުން ކެޕާ ވަނީ މިހާތަނަށް 163 މެޗު ކުޅެދީފައެވެ.