އަމިއްލަ ބާރެއް ނެތި އެހެން މީހަކު ބުނާ ބަސް އިއްވަން ނ އަތޮޅަށް ވަޑައިނުގަތުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފު މުއިޒަށް ގޮވާލައްވައިފިއެވެ.
ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރުކަންވެސް ކުރައްވާފައިވާ މައުރޫފް އެގޮތަށް ގޮވާލެވީ އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސި އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ލަންދޫއަށް މިއަދު ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
"އަޅުގަނޑު މުއިއްޒަށް ވަރަށް އިހުތިރާމު ކުރަން. ނަމަވެސް މުއިއްޒަށް އަޅުގަނޑު ދަންނަވާލަން އޮތީ ބާރު ނުފޯރާ، ބަސް ބުނުމުގެ ބާރު ނެތް ކެންޑިޑޭޓެއްގެ ގޮތުގައި އެހެން މީހަކު ބުނާ އެއްޗެއް ބުނަން ނ. އަތޮޅަށް ވަޑައިނުގަންނަވާށޭ. އަޅުގަނޑުމެން ބޭނުމެއް ނޫނޭ ޕީޕީއެމްގެ އައްޗި ކުލަ އޮންނާކަށް މީގެ ފަހަކުން،" މައުރޫފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ނ. އަތޮޅަށް ތަރައްގީ ގެނެސްފައި ވަނީ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދާއި މި ސަރުކާރުން އެކަނި ކަމަށެވެ. އަދި ރައީސް ސޯލިހުގެ ދެވަނަ ދައުރަށް އެކުލަވާލާފައިވާ ރިޔާސީ މެނިފެސްޓޯގައިވެސް ނ. އަތޮޅަށް ބޮޑު ތަސައްވަރެއް އެބަ އޮތް ކަމަށް ވިދާޅުވިއެވެ.
"ކުރީ ދައުރުގައި ނުކުރެވި ހުރި ކިތަންމެ ކަމެއް މި ދައުރުގައި ހުރީ ކޮށްދީފައި. ކުރިއަށް އޮތް އަހަރުތަކުގައި ނ. އަތޮޅު ވެގެންދާނީ ލޯކަލް ޓޫރިޒަމްގެ އެންމެ އުސް ބިންގާގެ ތަނބުކަމުގައި. ސިޔާމު ވަނީ އެކަން ކޮށްދޭވޭނެ މަގުތައް ފަހިކޮށްދިނުމަށް މަސައްކަތްތަކެއް ކޮށްދީފައި" މައުރޫފް ވިދާޅުވިއެވެ.