ބްރައިޓަންގެ މިޑްފީލްޑަރު އެކުއެޑޯ މޮއިސެސް ކައިސޭޑޯ ގެންދަން ޗެލްސީން 115 މިލިއަން ޕައުންޑް ދައްކަން އެއްބަސްވެއްޖެއެވެ.

އުމުރުން 21 އަހަރުގެ ކައިސޭޑޯ ގެންދަން ޗެލްސީން އެއްބަސްވި އަގަކީ އިނގިރޭސި ރެކޯޑު އަގެކެވެ. މީގެ ކުރިންވެސް އިނގިރޭސި ލީގުގައި އެންމެ އަގުބޮޑުކޮށް ފުރިހަމަ ކޮށްފައިވާ ޓްރާންސްފާއަކީވެސް ޗެލްސީން ފުރިހަމަ ކޮށްފައިވާ ޓްރާންސްފާއެކެވެ. އެއީ މިދިޔަ ޓްރާންސްފާ ސީޒަނުގައި އާޖެންޓީގެ އެންޒޯ ފެނާންޑޭޒް ގެންދަން ޗެލްސީން ކޮށްފައިވާ ހަރަދެކެވެ. ޗެލްސީން އެންޒޯ ގެންދިޔައީ 107 މިލިއަން ޕައުންޑްގެ އަގަކަށެވެ.

ކައިސޭޑޯގެ ޓްރާންސްފާއަކީ މި ޓްރާންސްފާ ސީޒަނުގައި އެންމެ ޑްރާމާ ބޮޑު ޓްރާންސްފާއެވެ. ކައިސޭޑޯ ހޯދަން އެންމެ ފުރަތަމަ މަސައްކަތް ކުރީ ޗެލްސީންނެވެ. އެޓީމުން ފުރަތަމަ ކުރި ދެ ބިޑަށްވެސް ބްރައިޓަންއިން ނޫނެކޭ ބުނެފައިވާ އިރު، އޭގެ ފަހުން އެ ޓްރާންސްފާއަށް ވަނީ ލިވަޕޫލް ވަދެފައެވެ. ރެކޯޑު 111 މިލިއަން ޕައުންޑްގެ އަގެއް ކައިސޭޑޯ ހޯދަން ލިވަޕޫލުން ހުށަހެޅުމާއެކު ބްރައިޓަންއިން އެއަގަށް އެއްބަސްވި ނަމަވެސް، ކައިސޭޑޯ ބުނެފައި ވަނީ އޭނާ ދާން ބޭނުންވީ ޗެލްސީއަށް ކަމަށެވެ.

ކައިސޭޑޯ އެހެން ބުނުމާއެކު ޗެލްސީން ބިޑް ކާމިޔާބުކުރީ ބްރައިޓަންއިން ބޭނުންވި އަގު ދައްކައިގެންނެވެ.

އުމުރުން 21 އަހަރުގެ ކައިސޭޑޯ ގެންދަން ޕްރިމިއާ ލީގުގެ ބޮޑު ދެ ކްލަބުން ބިޑިން ވާ އަކަށް ގޮސްފައިވާ އިރު، އޭނާ 2021 ވަނަ އަހަރު ފެބްރުއަރީ މަހު ބްރައިޓަންއާ ގުޅުނީ ހަތަރު މިލިއަން ޕައުންޑްގެ އަގަކަށެވެ. ކައިސޭޑޯ ޕްރިމިއާ ލީގުގައި ފުރަތަމަ މެޗެއް ކުޅުނީ 2022 ވަނަ އަހަރު އޭޕްރީލް މަހުގައި ނަމަވެސް، ގިނަ ކްލަބުތަކަކުން ވަނީ އޭނާއަށް ޝައުގުވެރިވެފައެވެ. ރަނގަޅު އޮފާތަކެއް މި ޓްރާންސްފާ ސީޒަނުގައި ލިބުމާއެކު ކައިސޭޑޯ ވަނީ ބްރައިޓަން ދޫކޮށްލަން ރަސްމީކޮށް އެދިފައެވެ.

ބްރައިޓަންއިން އެންމެފަހުން ލުޓޮން ޓައުންއާ ދެކޮޅަށް ލީގުގައި ކުޅުނު މެޗުގެ ސްކޮޑުގައި ކައިސޭޑޯ ހިމަނާފައެއް ނުވެއެވެ.