މިއަހަރު ނިމުމުގެ ކުރިން ރާއްޖެ ޓްރާންސްޕޯޓު ލިންކު (އާރްޓީއެލް) ހިދުމަތް ނ، އަތޮޅަށް ލިބިގެންދާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ނ. ޅޯހީގައި މިއަދު ބޭއްވި އެ މަނިކުފާނުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅުވާލުވަމީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ. އެ ވައުދު ފުއްދުމުގެ ގޮތުން އާރްޓީއެލްގެ ނިޒާމުން ދެ އަތޮޅެއް ދަތުރުފަތުރުގެ ނިޒާމުން ގުޅުވާލައިފައިވާ ކަމަށާއި ދެން ގުޅުވާލާނީ ނ. އަތޮޅުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ދެން އިރާދަކުރެއްވިއްޔާ އެ ހިދުމަތް އަންނާނީ ނ. އަތޮޅަށް. މިހާރު ވަނީ އެކަމަށް ބޭނުންވާ ލޯންޗުފަހަރު ބަނުމަށް ކޮންޓްރެކްޓު ކުރެވިފަ. އަޅުގަނޑުމެންގެ އުއްމީދަކީ މިއަހަރު ނިމުމުގެ ކުރިން މި އޮތޮޅުގަ އެ މަޝްރޫއު، އެ ހިދުމަތް ފެށިގެން ދިއުން. އިރާދަކުރެއްވިއްޔާ އެކަން ކުރެވިގެންދާނެ" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަށް ފާޑު ވިދާޅުވެފައެވެ.
އެގޮތުން ރައީސް ވިދާޅުވީ ވާދަވެރިން ބުނަމުންދަނީ އާބަދީ ބޮޑު ސަރަހައްދުތަކަށް ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށާއި އެގޮތަކީ އެ ބޭފުޅުންގެ ކުރީގެ ވެރިކަމުގައިވެސް ކަންތައް ކުރެއްވި ގޮތް ކަމަށެވެ. އަދި ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެނަމަ ދެންވެސް އެ ފަރާތްތަކުން ކަންތައް ކުރައްވާނީ އެގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް އެ މަނިކުފާނުގެ ސިޔާސަތަކީ ކުޑަރަށެއް ބޮޑުރަށެއް ނުބަލައި ގާނުނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި ޒަރޫރީ ބޭނުންތައް ފުއްދައިދެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.
ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ ޅޮހީގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް ފަތުރުވެރިންނަށް ހާއްސަ ބީޗެއް ހައްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ރަށު ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް، ލެބޯޓަރީގެ ހިދުމަތް ގާއިމުކޮށްދެއްވާނެ ކަމަށާއި ރަށުގެ ސްކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލް ހަދައި، ރިސޯސް ރޫމެއް ސްކޫލުގައި ގާއިމުކޮށްދެއްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ޅޮހީގައި ޔޫތު ސެންޓަރެއް ވެސް ހައްދަވައިއިދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން، ޅޮހީގައި އެންމެ ފުރަތަމަ ފެށި މަޝްރޫއަކީ ފެނާއި ނަރުދަމާގެ މަޝްރޫއު ކަމަށެވެ. ނަމަވެސް އެ މަޝްރޫއު ނުނިމި ލަސްވާތީ މިއަދު ވަނީ އެކަމުގެ ކޮންޓްރެކު ބާތިލުކޮށް، ސަރުކާރު ކުންފުންޏަކާ ހަވާލުކޮށްފައި ކަމަށެވެ. އަދި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މިއަދު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައިކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު