ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ތަރައްގީ އާއި މޫސުމީ ބަދަލުތަކަށް ތައްޔާރުވެ ތިބުމަކީ ވަކި ނުކުރެވޭނެ ދެ ކަންތައް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކޮޕް31 ގެ ތެރެއިން ބޭއްވި ޕެރިސް އެއްބަސްވުމުގެ 20 ވަނަ އަހަރާ ގުޅޭ މަތީ ފެންވަރުގެ ބައްދަލުވުމުގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ފާހަގަކުރެއްވީ، ރާއްޖެ ފަދަ ގައުމުތަކުގެ ރައްޔިތުންނާއި ރަށްތައް ހިމާޔަތްކުރުމަށް މަސައްކަތް ކުރާއިރު ބައިނަލްއަގުވާމީ މާލީ ނިޒާމުގައި ހުރި އުނިކަންތައްތަކުގެ ސަބަބުން ބޮޑެތި ދަރަނިތައް ނަގަންޖެހިފައިވާ ކަމަށެވެ. ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުގެ އަސަރުތައް ފުންވެފައިވާ ކަމަށާއި، ރާއްޖެއިން ވޭތުވެދިޔަ އެތައް އަހަރެއް ވަންދެން އެ ދާއިރާއިން މަޝްރޫއުތައް ތަރައްގީކޮށް، ތަރައްގީގެ ޕްލޭންތަކުގެ ތެރޭގައި މޫސުމީ ކަންކަން ހިމަނައި، ބައިނަލްއަގުވާމީ ފެންވަރުގައި ގޮވާލުންތައް ގޮވާލައްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ގޮންޖެހުންތަކަކީ ނާޒުކު ގައުމުތަކަށް އެކަނި ކުރިމަތިލެވޭނެ ކަންކަން ނޫން ކަމަށް ވިދާޅުވެ، ދުނިޔޭގެ ފެންވަރުގައި އަވަސް، ދެމެހެއްޓެނިވި އަދި ގުޅިގެން ކުރެވޭ މަސައްކަތް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. މޫސުމީ ފައިނޭންސް ފަސޭހައިން ލިބޭ، އެކަށީގެންވާ އަގެއްގައި ހޯދޭ، އަދި ނާޒުކު ގައުމުތަކުގެ ހާލަތާ ގުޅޭ ގޮތެއްގައި ފޯރުކޮށްދެވެންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ކުދި ދައުލަތްތަކުގެ ހާއްސަ ބޭނުންތައް ދެނެގަނެ، ހަމައެކަނި އާމްދަނީ ވަޒަންކޮށްގެން ނާޒުކުކަން ނުބެލެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އެންޓީގާ އެންޑް ބާބިޔުޑާ އެޖެންޑާއަށް އަލިއަޅުއްވާލައްވައި، އެ އެޖެންޑާގެ ދަށުން ނާޒުކު ކަމަށް ރިއާޔަތްކުރާ ވިސްނުންތަކާއި، ފައިނޭންސް ލިބޭނެ ރަނގަޅު މަގުތަކާއި، ދެމެހެއްޓެނިވި ތަރައްގީއަށް ބައިނަލްއަގުވާމީ އެހީ ވަރުގަދަ ކުރުމަށް ގޮވާލާ ގޮވާލުންތައް ރައީސް ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު، މޫސުމީ ވައުދުތައް ފުއްދުން އަވަސްކޮށް، އަމަލީ ހައްލުތަކަކަށް ބަދަލުކުރުމަށް މަސައްކަތްކުރާ "ބްރިޖް އިނީޝިއޭޓިވް" އަށް ރައީސް މަރުހަބާ ވިދާޅުވިއެވެ.

ޕެރިސް އެއްބަސްވުމުގެ 20 ވަނަ އަހަރަށް ދުނިޔެ ކުރިމަތިލާ މި ދަނޑިވަޅުގައި، ހުރިހާ ގައުމުތަކުންވެސް އެ އެއްބަސްވުން ތަންފީޒުކުރުމުގައި ސާބިތުވެ ތިބުމަށް ރައީސް ގޮވާލެއްވިއެވެ. ދުނިޔޭގެ ލީޑަރުން ވައުދުތަކުން ފުއްދައިދޭންޖެހޭނީ ހަމައެކަނި ބަހަކުން ނޫން ކަމަށާއި، އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް ހާސިލުކޮށްދެވޭ ނަތީޖާތަކުންނާއި އަމަލުތަކުން އެ ލީޑަރުންނަށް ތާރީހު ފައިސަލާ ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.