ތުރުކީވިލާތުގެ އަންޓާލިއާގައި ކުރިއަށްދާ ކޮޕް31 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ފަލަސްތީނުގެ ބޮޑުވަޒީރު ޑރ. މުހައްމަދު މުސްތަފާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެ އެއްވެސް ޝަރުތެއް ނެތި، ފުރިހަމައަށް ސާބިތުވެ އޮތްކަން ހާމަކުރައްވައިފައެވެ.

މިނިވަންކަމާއި ކަރާމާތާއި އަދުލުއިންސާފާއި އަމިއްލަ ބާރުވެރިކަމުގެ ހައްގުގައި ފަލަސްތީނު ރައްޔިތުން ކުރަމުންދާ ހައްގު މަސައްކަތަށް ރާއްޖެއިން ދޭ ތާއީދު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އެ ތާއީދަކީ ގައުމުގެ ގައުމީ ގަބޫލުކުރުންތަކާއި، އަދުލުއިންސާފާއި އިންސާނިއްޔަތަށް ޒަމާނުއްސުރެ ރާއްޖެ ގެންގުޅެމުން އަންނަ އިލްތިޒާމުގެ ރަމްޒެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ 1967 ގެ ކުރިން ބޯޑަރުތަކުގެ ތެރޭގައި، އިރުމަތީ ގުދުސް ވެރިރަށުގެ ގޮތުގައި ހިމެނޭ، މިނިވަން މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމުކުރުމުގެ ހައްގު ހިމެނޭ ގޮތުން، ފަލަސްތީނު ރައްޔިތުންގެ ދޫނުކުރެވޭނެ ހައްގުތަކަށް ރާއްޖެއިން ވަކާލާތުކުރުންމަތީ ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ތަކުރާރުކުރައްވައިފައެވެ.

ފަލަސްތީނު ރައްޔިތުން އެކަނި ނުވާނެ ކަމަށާއި، އެ ރައްޔިތުންނަށް އަދުލުއިންސާފާއި މިނިވަންކަމާއި ދެމެހެއްޓެނިވި ސުލްހަ ހާސިލުވެއްޖެއުމާ ހަމައަށް ރާއްޖެ އެ ރައްޔިތުންނާ އެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.