މޫސުމީ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ ލީޑަރުން ހަމައެކަނި ވައުދުވެގެން ނުފުދޭނެ ކަމަށާއި އަމަލުން ދައްކައި ނަތީޖާ ނެރެން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކޮޕް31 ގެ ތެރެއިން ބޭއްވި ޕެރިސް އެއްބަސްވުމުގެ 20 ވަނަ އަހަރާ ގުޅޭ މަތީ ފެންވަރުގެ ބައްދަލުވުމުގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުގެ އަސަރުތައް ފުންވެފައިވާ ކަމަށާއި، ރާއްޖެއިން ވޭތުވެދިޔަ އެތައް އަހަރެއް ވަންދެން ފައިނޭންސް ކުރެވޭ ފެންވަރުގެ މަޝްރޫއުތައް ތައްޔާރުކޮށް، ތަރައްގީގެ ޕްލޭންތަކުގައި މޫސުމީ ކަންކަން ހިމަނައި، ބައިނަލްއަގުވާމީ ފެންވަރުގައި ވަކާލާތުކުރަމުން އައިސްފައިވާ ކަމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ މާލީ ނިޒާމުގައި ހުރި އުނިކަންތައްތަކުގެ ސަބަބުން ރާއްޖެ ފަދަ ގައުމުތައް ރައްޔިތުންނާއި ރަށްތައް ހިމާޔަތް ކުރުމަށް ބޮޑެތި ދަރަނިތައް ނަގަންޖެހިފައިވާ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ގޮންޖެހުންތަކަކީ ނާޒުކު ގައުމުތަކަށް އެކަނި ކުރިމަތިލެވޭނެ ކަންކަން ނޫން ކަމަށް ވިދާޅުވެ، ދުނިޔޭގެ ފެންވަރުގައި އަވަސް، ދެމެހެއްޓެނިވި އަދި ގުޅިގެން ކުރެވޭ މަސައްކަތް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. މޫސުމީ ފައިނޭންސް ނާޒުކު ގައުމުތަކުގެ ހަގީގީ ހާލަތާ ގުޅޭގޮތަށް ފޯރުކޮށްދެވެން ޖެހޭ ކަމަށާއި، ކުދި ދައުލަތްތަކުގެ ހާއްސަ ބޭނުންތައް ދެނެގަނެ، ހަމައެކަނި އާމްދަނީއަށް ބަލައިގެން ނާޒުކުކަން ވަޒަންނުކުރެވޭނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އެންޓީގާ އެންޑް ބާބިޔުޑާ އެޖެންޑާއަށް އަލިއަޅުއްވާލައްވައިފައެވެ. އެ އެޖެންޑާގެ ދަށުން ނާޒުކު ކަމަށް ރިއާޔަތްކުރާ ވިސްނުންތަކާއި، ފައިނޭންސް ލިބޭނެ ރަނގަޅު މަގުތަކާއި، ދެމެހެއްޓެނިވި ތަރައްގީއަށް ބައިނަލްއަގުވާމީ އެހީ ވަރުގަދަ ކުރުމަށް ގޮވާލާފައިވެއެވެ. އެއާއެކު، މޫސުމީ ވައުދުތައް އަމަލީ ހައްލުތަކަކަށް ބަދަލުކުރުމަށް މަސައްކަތް ކުރާ "ބްރިޖް އިނީޝިއޭޓިވް" އަށް ވެސް ރައީސް މަރުހަބާ ވިދާޅުވިއެވެ.
ޕެރިސް އެއްބަސްވުމުގެ 20 ވަނަ އަހަރަށް ދުނިޔެ ކުރިމަތިލާ މި ދަނޑިވަޅުގައި، ހުރިހާ ގައުމުތަކުންވެސް އެ އެއްބަސްވުން ތަންފީޒު ކުރުމުގައި ސާބިތުވެ ތިބުމަށް ރައީސް ގޮވާލެއްވިއެވެ. ދުނިޔޭގެ ލީޑަރުން ހަމައެކަނި ވައުދުވެގެން ނުފުދޭނެ ކަމަށާއި، އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ހާސިލުކޮށްދެވޭ ނަތީޖާތަކާއި އަމަލުތަކުން އެ ލީޑަރުންނަށް ތާރީހު ފައިސަލާ ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް