ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އިންތިހާބުވެވަޑައިގެންނެވުމުން، ހިންގަވާނެ އެންމެ ބޮޑު ޕްރޮޖެކްޓަކީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުން ކަމަށާއި އެއީ ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީ ސިޓީގައި ރޭ ބޭއްވި މުއިއްޒުގެ ރިޔާސީ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ދިވެހި ރައްޔިތުންނާއި ލީޑަޝިޕުން ހިތްވަރާއި އަޒުމާއެކު މަސައްކަތްކޮށްފި ކަމަށްވަންޏާ، އެއް ބުރުން އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށާއި ނަމަވެސް ހުރިހާ ބޭފުޅުން ވެސް ރައީސް ޔާމީނާ ދޭތެރޭ ވިސްނަންވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މައިގަނޑު އެންމެ ބޮޑު ޕްރޮޖެކްޓަކީ ރައީސް ޔާމީން ސަލާމަތްކުރުން. މަގު ހެދުމެއް ނޫން، ބަނދަރު ހެދުމެއް ވެސް ނޫން، މި ހުރިހާ ޕްރޮޖެކްޓުގެ ތެރެއިން އެންމެ ވަރުގަދަ، އެންމެ ބޮޑު ޕްރޮޖެޓަކީ، ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓަކީ ރައީސް ޔާމީން ސަލާމަތްކޮށްގެން ތިޔަ ގޮނޑީގައި ބޭންދުން. އޭގެ ފަހުގައި އަޅުގަނޑުމެންގެ ދެން ހުރި ޕްރޮޖެކްޓުތައް އަންނާނީ. މިއީ ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް،" އޭނާ ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ބޭއްވި އިންތިހާބަކީ ވަރަށް ވާދަވެރި އިންތިހާބެއް ކަމަށާއި ރައީސް ޔާމީންގެ ވިސްނުންފުޅު ތޫނުކަމާއެކީގައި ރިޒާވް ކެންޑިޑޭޓެއް ދެއްކެވުމަށް އެމަނިކުފާނު ކުރެއްވި ކަމެއް ކަމަށެވެ. އަދި ވާދަވެރި އިންތިހާބަކަށްފަހު ވެސް މުއިއްޒު ނުކުންނެވީ އިދިކޮޅުން ވާދަކުރެއްވި ޕީއެންސީގެ ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއެކު މަޝްވަރާއަށް ކަމަށް ސަލީމް ވިދާޅުވިއެވެ.
"ވަޑައިގަންނަވައިގެން ޕާޓީގައި އޭރު ތިބި ދެބައި މީހުން ވެސް އެއްބައިވަންތަކޮށް، އެކީގައި މަސައްކަތްކުރެވޭ ގޮތަށް އެމަނިކުފާނުގެ ވިސްނުންފުޅާއެކީގައި، ޕާޓީ ބައިބައިވިޔަ ނުދީ އެ މަސައްކަތް ވަރަށް ރީތިކޮށް ގެންދެވީ. އެހެންވީމާ އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ ޑރ. މުއިއްޒު އަދި ވެރިކަން ލިބިވަޑައިގެންނެވުމަށް ފަހުގައިވެސް މަޝްވަރާގެ ރިވެތި އުސޫލުން އެމަނިކުފާނުގެ މަސައްކަތްޕުޅު ގެންދަވާނެކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް،" އޭނާ ވިދާޅުވިއެވެ.
ސަލީމް އިތުރަށް ވިދާޅުވީ ޕީއެންސީގެ ރިޔާސީ ޕްރައިމަރީގައި އާދަމް ޝަރީފް ހޮވުމަށް މުއިއްޒާ ދެކޮޅަށް އޭނާ މަސައްކަތްކުރައްވާފައިވާނެ ކަމަށާއި ނަމަވެސް މަޝްވަރާގެ ތެރެއިން މުއިއްޒުގެ ހިތް ހަލާސްކަމާއި، އޯގާތެރިކަމާއި، މަޝްވަރާގެ ރިވެތި އުސޫލު ގަބޫލުކުރައްވާނެކަން އެނގިގެންދިޔަ ކަމަށެވެ. އަދި އެއްވެސް މަޝްވަރާއެއް ނެތި، އަމިއްލަ އެދުމުގެ މައްޗަށް ކަންތައްކުރާ މީހަކަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު