އޮސްޓްރޭލިއާއާއި ނިއު ޒިލެންޑްގައި މިހާރު ކުރިއަށްދާ ފީފާ އަންހެނުންގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ޖާގަތައް ސްޕެއިނާއި ސްވިޑެންއިން ހޯދައިފިއެވެ.
ނިއު ޒިލެންޑްގެ ވެލިންޓަން ރީޖަނަލް ސްޓޭޑިއަމްގައި ކުޅުނު ކުއާޓާ ފައިނަލް މެޗުގައި 2-1 އިން ނެދަލޭންޑްސް ބަލިކުރުމަށްފަހު ސްޕެއިނުން އަންހެން ވޯލްޑް ކަޕްގެ ސެމީ ފައިނަލް މުޅިން އަލަށް ޔަގީންކުރި އިރު، ނިއު ޒިލެންޑްގެ އެޑެން ޕާކު ސްޓޭޑިއަންގައި ސްވިޑެންއިން ޖަޕާން ބަލިކުރީވެސް 2-1 ގެ ނަތީޖާއަކުންނެވެ.
އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ރަނަރަޕް ނެދަލޭންޑްސްއަށް އިއްޔެ ސްޕެއިން ކައިރިން ކުޅުން ވީ އުނދަގޫ ކަމަކަށެވެ. މެޗުގެ ކުރީކޮޅުން ފެށިގެންވެސް ސްޕެއިން މާ ނުރައްކާތެރިކޮށް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކަހަލަ ގޮތަކަށް ނެދަލޭންޑްސް ލީޑު ނެގުމާ ގާތަށް ޖެހިލިއެވެ. ލިނެތު ބީރެންސްޓޭނަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ މަތިންނެވެ.
ދެވަނަ ހާފުގައިވެސް ސްޕެއިނުން މެޗުގެ އޮއިވަރު ކޮންޓްރޯލް ކުރަމުން ގޮސް، 80 ވަނަ މިނެޓުގައި އެޓީމުން ލިޑު ނެގީ ޕެނަލްޓީއަކުންނެވެ. ނެދަލޭންޑްސްގެ އޭރިއާ ތެރެއިން އެޓީމުގެ ސްޓެފަނީ ވެން ޑަ ގްރަޓް އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީގައި ސްޕެއިނަށް ލީޑު ނަގައިދިނީ މަރިއޯނާ ކަލްޑެންޓޭއެވެ.
އެ ގޯލާއެކު ސްޕެއިން މެޗު ކާމިޔާބުކުރި ކަމަށް ބެލެވުނު ނަމަވެސް، ފުރިހަމަ ވަގުތުގެ ފަހު މިނެޓުގައި ނެދަލޭންޑްސްގެ ގްރަޓް ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. 91 ވަނަ މިނެޓުގައި ނެދަލޭންޑްސް ޖެހި އެ ގޯލާއެކު މެޗު އިތުރު ވަގުތަށް ދިޔައެވެ.
އިތުރު ވަގުތުގައި ސްޕެއިން މޮޅުކޮށްދިން ގޯލު، މެޗުގެ 111 ވަނަ މިނެޓުގައި ޖަހައިދިނީ އުމުރުން އެންމެ 19 އަހަރުގެ ސަލްމާ ޕަރަލުއޭލޯއެވެ. ބެންޗުން އަރައި ޕަރަލުއޭލޯ ޖެހި އެ ގޯލާއެކު އޭނާ ވެފައި ވަނީ ސްޕެއިން އަންހެން ގައުމީ ޓީމަށް، ވޯލްޑް ކަޕެއްގައި ގޯލު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.
ގަދަ 16 ގައި ނޯވޭ ބަލިކޮށް، ފެވަރިޓުންގެ ގޮތުގައި ކުއާޓާއަށް ނުކުތް ޖަޕާން ކުޅުނު މެޗުގައި ސްވިޑެން ކައިރިން އިއްޔެ ބަލިވި އިރު، ފުރަތަމަ ހާފުގައި ސްވިޑެންގެ އަމާންޑާ އިލެސްޓެޓް ވަނީ އެޓީމަށް ލީޑު ނަގައިދިީފައެވެ. އެ ލީޑާއެކު ފުރަތަމަ ހާފު ނިންމާލި ސްވިޑެންއިން ދެވަނަ ހާފުގެ ކުރީކޮޅުގައި ނަތީޖާ ފުޅާވެސް ކުރިއެވެ.
ސްވިޑެންގެ ދެވަނަ ގޯލު އެޓީމަށް ޖަހައިދިނީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ފިލިޕާ އެންޖެލްޑާލްއެވެ. އޭނާ 51 ވަނަ މިނެޓުގައި ގޯލު ޖެހީ ޕެނަލްޓީއެއްގައެވެ.
މެޗުގެ 76 ވަނަ މިނެޓުގައި ޖަޕާނަށްވެސް ޕެނަލްޓީއެއް ލިބުނެވެ. އެ ޕެނަލްޓީގައި ރީކޯ އުއޭކީ ފޮނުވާލި ހަމަލާ ދަނޑީގައި ޖެހިފައި ނުކުތުމުން ރީބައުންސްގައިވެސް އޭނާ ފޮނުވާލިއެވެ. އެހެން ނަމަވެސް ސްވިޑެން ޑިފެންސުން ވަނީ ރޮނގުމަތިން ކަހަލަ ގޮތަކަށް ބޯޅަ ސާފުކޮށް ބޭރުކޮށްލައިފައެވެ.
ޖަޕާނުން މެޗުގައި ޖެހި ހަމައެކަނި ގޯލު ފެނުނީ 87 ވަނަ މިނެޓުގައެވެ. އެ ގޯލު ޖަހައިދިނީ ހޮނޯކޯ ހަޔާޝީއެވެ.
ފީފާ އަންހެނުންގެ ވޯލްޑްކަޕް
ފީފާ އަންހެނުންގެ ވޯލްޑްކަޕް
ފީފާ އަންހެނުންގެ ވޯލްޑްކަޕް