ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ވަޑައިގަންނަވާ އިރު، ގަލާއި ވެލި އުކަން ފުރުސަތު ނުދެއްވާނެ ކަމަށް އާދަލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ގއ. ވިލިނގިލީގައި ރޭ ބޭއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ އިދިކޮޅު ޕާޓީތަކުން އެފަދަ ހަރަކާތްތައް އިންތިޒާމު ކުރުމަށްފަހު ތިބެނީ ފިނި ކޮޓަރީގައި މަންޒަރު ބަލަން ކަމަށެވެ. އެފަދަ ހަރާކަތްތަކުގެ ހުރިހާ ދެރައަކާއި ގެއްލުމެއް ލިބެނީ އެ ހަރަކާތުގައި ބައިވެރިވާ ޒުވާނުންނާއި އެ ޒުވާނުންގެ އާއިލާތަކަށް ކަމަށެވެ.
"ރައީސް ވަޑައިގަންނަވާއިރު ގާ އުކާކަށް ވެލި އުކާކަށް އެ ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން. ދޭކަށް ނުވެސް ޖެހޭ. ދުރަށް ޖައްސާލީމަކާ އެއީ އަޅުގަނޑުމެން ހަރުކަށި ވަނީކީ ނޫން. އެއީ ދައުލަތެއްގެ ހަމަ ހިފަހައްޓަނީ، ދައުލަތެއްގެ ނިޒާމު ހިފަހައްޓަނީ" އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ރައީސް ސޯލިހުގެ ފަސް އަހަރުގެ ދައުރެއް ނިންމަވައިލައްވަނީ އެންމެ ސިޔާސީ ފަރާތެއްވެސް ޖަލަށް ނުލައި ކަމަށެވެ. ހަގީގީ ކޮމާންޑަރުންގެ ސިފައަކީ "އެންމެ ތީރެއް ވެސް ނުޖަހައި ހަނގުރާމައިން މޮޅުވާ" މީހުން ކަމަށާއި ރައީސް ސޯލިހަކީ އެފަދަ ބޭފުޅެއް ކަމަށް އިމްރާން ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ ކޮވިޑް-19 ގެ ދުވަސްވަރު ވަރުބަލިކަމެއް ނެތި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާފައި ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
ހަގީގީ ލީޑަރުންނަކީ އެންމެ ދަތި ހާލަތުގައިވެސް ރައްޔިތުން ގޮވައިގެން އުޅެން އެނގޭ ބޭފުޅުން ކަމަށެވެ. ރައީސް ސޯލިހު ވަނީ އެފަދަ ދަތިތަކުގައި ރައްޔިތުންނަށް ދެރައެއް ނުލިބޭނެހެން، ރައްޔިތުން ގޮވައިގެން އުޅުއްވައިފައި ކަމަށް އިމްރާން ވިދާޅުވިއެވެ.
މި ވެރިކަމަކީ ހަގީގީ ހިތާއި ހިތުގެ ގުޅުން ފެންނަމުންދާ ވެރިކަމެއް ކަމަށާއި އެކަން އެނގިގެންދަނީ ބޯވަރެ އާއި އަވީގައި ވެސް ރައްޔިތުންނަށް، އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް އައިސް ތިބުމުން ކަމަށް އިމްރާން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު