މި މަހު 25 އިން އަންނަ މަހު ހަތަރަކަށް މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން ގައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމުން މާލޭގައި ސްރީ ލަންކާ ގައުމީ ޓީމުތަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ރާވައިފިއެވެ.
ގައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމުން މާލޭގައި ކުޅޭ މެޗުތައް ކުޅުމަށް ހަމަޖައްސާފައި ވަނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ގޮސް، މިމަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ. ލަންކާއާ ދެކޮޅަށް ކުޅެން ރާވާފައިވާ އެކުވެރިކަމުގެ މެޗުތަކުގައި ފިރިހެން ޓީމު އަދި އަންހެން ޓީމުންވެސް ތިން މެޗެއް ކުޅުމަށް ހަމަޖައްސާފައިވެއެވެ. އެގޮތުން ޖުމުލަ ހަ މެޗެއް ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅެވިގެންދާނެއެވެ.
މެޗުތައް ކުޅެން ތާވަލުކޮށްފައިވާ ތާރީހުތަކަށް ބަލާއިރު، އަންހެން ޓީމުގެ މެޗުތައް އޮންނާނީ 12 ވަނަ ދުވަހު ހަވީރާއި 13 ވަނަ ދުވަހު ރޭގަނޑާއި 15 ވަނަ ދުވަހު ރޭގަނޑެވެ. ފިރިހެން ޓީމުގެ މެޗުތައް ކުޅޭނީ 12 ވަނަ ދުވަހު ރޭގަނޑާއި 14 ވަނަ ދުވަހު ރޭގަނޑާއި 16 ވަނަ ދުވަހު ރޭގަނޑުއެވެ.
މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން ލަންކާ ޓީމުވަނީ މާލެ އައިސް ރާއްޖޭގެ ފިރިހެން ޓީމާ ދެކޮޅަށް މެޗުތަކެއް ކުޅެފައެވެ. އެ ގޮތުން، 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ކުރިންނާއި 2021 ވަނަ އަހަރުގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ކުރިން ލަންކާ ޓީމުން ވަނީ މާލޭގައި މެޗުތަކެއް ކުޅެފައެވެ. އެ މެޗުތަކުގައި ލަންކާ ފާހަގަކުރެވިފައި ވަނީ ރާއްޖެއަށްވުރެ ފެންވަރު ރަނގަޅު ޓީމެއްގެ ގޮތުގައެވެ. އެހެންކަމުން ދެޓީމަށްވެސް ލަންކާ މެޗުތައް ޓަފް ވާނެ ކަމަށް ބެލެވެއެވެ.
ގައުމީ ފިރިހެން ވޮލީ ޓީމު މިވަގުތު ތަމްރީންތައް ކުރިއަށްގެންދަމުން އަންނަނީ މުހައްމަދު ސާޖިދު (ކާއްޓޭ)ގެ ކޯޗުކަމުގައެވެ. އަންހެން ވޮލީ ޓީމުގެ ކޯޗަކަށް ހުރީ ތައިލެންޑްގެ ވިޗީޕޮން ފޯންޗާޓްޔިންޗީޕްއެވެ. ދެޓީމުވެސް އައިއޯއައިޖީއަށް ތައްޔާރުވާން ދާދިފަހުން ވަނީ ތައިލެންޑްގެ ތަމްރީނު ކޭމްޕެއް ފުރިހަމަ ކޮށްފައެވެ.
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް