ސައުދީ އަރަބިއާގެ އަލް-އިއްތިހާދުން ލިވަޕޫލްގެ މުހައްމަދު ސަލާހް ހޯދަން ބޮޑު ބިޑެއް ކުރި ނަމަވެސް، އޭނާ ހުރީ ލިވަޕޫލަށް ވަފާތެރިކޮށް ކަމަށް އެޖެންޓް ރެމީ އައްބާސް ބުނެފިއެވެ.
އުމުރުން 31 އަހަރުގެ ސަލާހު ހޯދަން ސައުދީގެ އަލް-އިއްތިހާދުން ވަނީ 52 މިލިއަން ޕައުންޑްގެ ބިޑެއް ލިވަޕޫލަށް ހުށަހަޅައިފައެވެ. ސަލާހަށް އިއްތިހާދުން ހުށަހެޅި އެއްބަސްވުމުގައިވާ ގޮތުން، ދެ އަހަރުން އޭނާއަށް 155 މިލިއަން ޕައުންޑުގެ މުސާރައެއް ޖެހޭނެ ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.
ބޮޑު މުސާރައެއް އިއްތިހާދުން ހުށަހެޅި ނަމަވެސް، ސަލާހް ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުމަށް އިހުތިރާމް ކުރާނެ ކަމަށް އެޖެންޓް ވަނީ ސޯޝަލް މީޑިއާގައި ޔަގީން ކޮށްދީފައެވެ. ސަލާހް މިދިޔަ ހޫނު މޫސުމުގައި ލިވަޕޫލްގެ އެއްބަސްވުން އާކޮށްފައި ވަނީ އިތުރު ތިން އަހަރަށެވެ. މިދިޔަ އަހަރު އާކުރި އެއްބަސްވުން ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
ސަލާހްގެ އެޖެންޓް ރެމީ އައްބާސް ސޯޝަލް މީޑިއާގައި ބުނީ "މުހައްމަދު ހުރީ ލިވަޕޫލަށް ކޮމިޓެޑް،" ވެގެން ކަމަށެވެ. އަދި މި ޓްރާންސްފާ ސީޒަނުގައި ލިވަޕޫލް ދޫކޮށްލަން ހިތުލައިގެން މަސައްކަތް ކުރި ނަމަވެސް، މިދިޔަ އަހަރު އެއްބަސްވުން އާ ނުކުރާނެ ކަމަށްވެސް ރެމީ ބުންޏެވެ.
ސަލާހް، 2017 ވަނަ އަހަރު ރޯމާއިން ލިވަޕޫލާ ގުޅުނު ފަހުން އޭނާ ވަނީ އެ ކްލަބަށް ކުޅުނު 305 މެޗުގައި 186 ގޯލު ޖަހައިދީފައެވެ. މިސްރުގެ ތަރި ވަނީ ލިވަޕޫލާއެކު ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގުގެ އިތުރުން އެފްއޭ ކަޕް، ލީގު ކަޕް އަދި ފީފާ ކްލަބު ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.
އެ މުއްދަތުގައި ސަލާހް ވަނީ ޕްރިމިއާ ލީގުގެ ތިން ރަން ބޫޓު ހޯދައި، ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ދެފަހަރު ހޯދައިފައެވެ.
މުހައްމަދު ސަލާހު
މުހައްމަދު ސަލާހު
މުހައްމަދު ސަލާހު
މުހައްމަދު ސަލާހު