ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވި ވިސްނުންފުޅު ދޫކޮށްލައްވައި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވަން އެމަނިކުފާނު ނިންމަވައިފިއެވެ.

ޕީޕީއެމް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ސެނެޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމީ، ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި، ބަދަލު ކެންޑިޑޭޓެއް ނެރުމަށެވެ. އެގޮތުން އެ ސެނެޓުން ވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހޮވައިފައެވެ. ނަމަވެސް ޕީޕީއެމުން ވަނީ މުއިއްޒަކީ ޕްލޭން ބީ ކަމަށާއި މުއިއްޒަކީ ޕްލޭން ސީ ކަމަށެވެ. އަދި މުއިއްޒަށް ތާއީދު ކުރަން ނިންމާފައި ނުވާ ކަމަށް ޕީޕީއެމުން ބުނެފައިވެއެވެ.

އޭގެ ފަހުން ރިޔާސީ އިންތިހާބުގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައަޅައި، އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކުރުމުން، ޔާމީން ވަނީ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން އަންގަވައިފައެވެ.

ޔާމީން އެގޮތަށް އަންގަވައި ދެއްވި ނޯޓާ ގުޅިގެން ގޮތެއް ނިންމުމަށް ޕީޕީއެމްގެ ސެނެޓް ބައްދަލުވުމެއް ވަނީ އިއްޔެ ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 67 ސެނެޓަރުން ވޯޓު ދިނީ އިންތިހާބު ބޮއިކޮޓް ނުކުރުމަށެވެ. އަދި އިންތިހާބު ބޮއިކޮޓް ކުރަން ފެންނަ ކަމަށް ވޯޓް ދިނީ 46 ސެނެޓުންނެވެ.

ނަމަވެސް ރިޔާސީ އިންތިހާބު ބޮއިކޮޓް ނުކުރަން ސެނެޓުގެ ނިންމި ނިންމުން އަލުން ރިވިއު ކޮށްދޭން ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންނެވިއެވެ. އެހެންވެ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ރޭ ވަނީ އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި ނިންމެވީ އިންތިހާބު ބޮއިކޮޓު ނުކުރުމަށެވެ.

ޔާމީން އެގޮތަށް ލަފާ ދެއްވާފައިވަނިކޮށް، މުއިއްޒު މިއަދު ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވައިފައެވެ.

ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓް މުހައްމަދު ތޮލާލް ވިދާޅުވީ ޕްރޮގެސިވް ކޮންގްރެސް ކޯލިޝަނަށް އަދި ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސެނެޓާއި އާންމު މެމްބަރުންނާއި ލައްކައަކަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ އެދުމާ އެއްގޮތަށް ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރެއްވުން ކަމަށެވެ.

"ސެނެޓްގެ ވިސްނުމާ އެއްގޮތަށް ރައީސް ޔާމީން، އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރައްވައި، ޕީއެންސީން ނެރޭ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކުރެއްވުމަށް ނިންމަވައިފި ވާހަކަ މައުލޫމާތަށްޓަކައި ދެންނެވިން،" ތޮލާލް ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނުގެ ފުރިހަމަ ތާއީދާއި ރައްޔިތުންގެ ބުރަ މަސައްކަތާއެކު މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓް ކަމަށެވެ.

އަދުރޭ ވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒާއި އޭނާގެ ރަނިންމޭޓް ފަރެސް މާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ހުސެއިން މުހައްމަދު ލަތީފަށް މަރުހަބާ ވިދާޅުވެފައެވެ. އަދުރޭ ވަނީ މުއިއްޒުގެ ފޯމް އީސީއަށް ހުށަހެޅި އިރު ބައިވެރިވެވަޑައިގެންފައެވެ.