އިދިކޮޅު ޕީޕީއެމުން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އެންގެވި ނަމަވެސް، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް މާލޭސީޓިގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފިއެވެ.

މި ފޯމު ހުށަހެޅުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރިޔާސީ އިންތިހާބާ ބެހޭ މައި މަރުކަޒު، ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މުއިއްޒުގެ ކެންޑިޑެސީ ފޯމާ ހަވާލުވެވަޑައިގެންނެވީ އީސީގެ ރައީސް ފުއާދު ތައުފީގެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓަކަށް ހަމަޖައްސާފައިވަނީ ފަރެސް މާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ހުސެއިން މުހައްމަދު ލަތީފްއެވެ.

މުއިއްޒުގެ ކެންޑިޑެސީ ފޯމު ހުށަހެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ އިތުރުން މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް އަދި ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓް މުހައްމަދު ތޮލާލްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރިޔާސީ އިންތިހާބުގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައަޅައި، އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކުރުމުން، ޔާމީން ވަނީ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން އަންގަވައިފައެވެ.

ޔާމީން އެގޮތަށް އަންގަވައި ދެއްވި ނޯޓާ ގުޅިގެން ގޮތެއް ނިންމުމަށް ޕީޕީއެމްގެ ސެނެޓް ބައްދަލުވުމެއް ވަނީ އިއްޔެ ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 67 ސެނެޓަރުން ވޯޓު ދިނީ އިންތިހާބު ބޮއިކޮޓް ނުކުރުމަށެވެ. އަދި އިންތިހާބު ބޮއިކޮޓް ކުރަން ފެންނަ ކަމަށް ވޯޓް ދިނީ 46 ސެނެޓުންނެވެ.

ނަމަވެސް ރިޔާސީ އިންތިހާބު ބޮއިކޮޓް ނުކުރަން ސެނެޓުގެ ނިންމި ނިންމުން އަލުން ރިވިއު ކޮށްދޭން ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންނެވިއެވެ. އެހެންވެ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ރޭ ވަނީ އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި ނިންމެވީ އިންތިހާބު ބޮއިކޮޓު ނުކުރުމަށެވެ.

މުއިއްޒުގެ ކެންޑިޑެސީ ފޯމް ހުށަހަޅާފައިވާ އިރު، މުއިއްޒު ރިޔާސީ ރޭހަށް ނުކުންނަވައިފިނަމަ، ރައީސް ޔާމީން އޭނާ އެންޑޯޒް ނުކުރައްވާނެ ކަމަށާއި ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެ، ބަޔާނެއް ނެރޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް އެނގިފައިވެއެވެ.