އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައަޅައި، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރުމާއެކު، ޔާމީންގެ އިސްވަކީލު އަދި ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޖަމީލު ވަނީ ކޯޓުތަކުން ކަންތައްތައް ކުރާ ގޮތާ މެދު ސުވާލު އުފައްދަވައިފައެވެ. އަދި ގިނަ ކަންބޮޑުވުންތަކެއް ވެސް ޖަމީލު ފާޅުކުރެއްވިއެވެ.

"މިއީ ހެއްޔޭ އިންސާފު ހޯދަން އޮތް މަގަކީ، މިއީ ހެއްޔޭ އިންސާފު ދޭ ގޮތަކީ،" ޖަމީލު ސުވާލު އުފެއްދެވިއެވެ.

ޖަމީލު ވިދާޅުވީ ރައްޔިތުން މާޔޫސްނުވުމަށް އެދިވަޑައިގަންނަވާ ކަމަށާއި އަދިވެސް އެ "ހަނގުރާމަ" ކުރިއަށްގެންދާނެ ކަމަށެވެ. އަދި ކުރަމުން އަންނަ މަސައްކަތަކަށް ހުއްޓުމެއް ނާންނާނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.

މިމަހުގެ އެއްވަނަ ދުވަހު ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހެޅުމުން، އެ ކޮމިޝަނުން ފޯމު ބާތިލުކޮށްފައިވަނީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ) އާއި (ޅ) އިން ކަނޑައަޅާފައިވާ ޝަރުތު ހަމަނުވާ ކަމަށްބުނެއެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ބ) ގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރާ މީހެއްގެ ސާބިތު ދަރަންޏެއް އޮވެގެންނުވާނެ ކަމަށެވެ. އެ މާއްދާގެ (ޅ)ގައި ބުނަނީ ޖިނާއީ ކުށެއް ސާބިތުވެގެން 12 މަސް ދުވަހަށްވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅި އަދަބު މައާފުކުރިތާ ތިން އަހަރު ކަމުގައިވުމެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން، ޔާމީން ގެންދަވަނީ، 11 އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި ހަމަ އެ މައްސަލައިގައި ފަސް މިލިޔަން ޑޮލަރުގެ ޖޫރިމަނާއެއްކޮށް އެ ފައިސާ ދެއްކުމަށްވެސް ކުރިިމިނލް ކޯޓުން ވަނީ ރައީސް ޔާމީނަށް އަމުރުކޮށްފައެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރައީސް ޔަމީނަށް ވާދަނުކުރެވޭ ހާލަތެއްގައި، "ބެކަޕް" ޕްލޭނެއްގެ ދަށުން ޕީއެންސީން ވަނީ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅައިފައެވެ. ޕީއެންސީން ރިޔާސީ ޓިކެޓު ދިނުމަށް ނިންމާފައިވަނީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ރައީސް ޔާމީން ޕީޕީއެމުން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް ވެސް އަންގަވައިފައެވެ. އެކަމާ ގުޅިގެން ލީޑާޝިޕްގެ މަޝްވަރާގެ މަތިން ޕީޕީއެމްގެ ސެނެޓް ބައްދަލުވުމެއް މިއަދު ބޭއްވި ނަމަވެސް، އެ ބައްދަލުވުމުން ނިންމާފައިވަނީ ޔާމީންގެ އެންގެވުމާ ދެކޮޅަށެވެ. އެ ބައްދަލުވުމުގައި ވޯޓަށް އެހުމުން ސެނެޓް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 67 ސެނެޓަރުން ވޯޓު ދިނީ އިންތިހާބު ބޮއިކޮޓް ނުކުރުމަށެވެ. އަދި އިންތިހާބު ބޮއިކޮޓް ކުރަން ފެންނަ ކަމަށް ވޯޓް ދިނީ 46 ސެނެޓުންނެވެ.