ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް 11 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށް، ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާ ކޮށްފައިވާ މައްސަލައިގައި، ޖޫރިމަނާ ފައިސާ ދައްކަން މީރާއިން އަންގާފައިނުވާ ކަމަށް ވިދާޅުވެ ކޯޓުގައި ރައީސް ޔާމީން ހެއްދެވީ އިތުރު ފުޅެއްކަން ސުޕްރީމް ކޯޓުގެ ހުކުމުން އެނގިއްޖެއެވެ.

ބާރަ މަހަށްވުރެ ދިގު މުއްދަތުގެ ހުކުމެއް ތަންފީޒު ކުރައްމުން ގެންދިއުމާއި ސާބިތު ދަރަންޏެއް އޮތުމުން، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ) ބަޔާންކުރާ ޝަރުތާއި ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) އިން ކަނޑައަޅާފައިވާ ޝަރުތު ޔާމީންގެ ހަމަނުވާ ކަމަށް ބުނެ، ރިޔާސީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަން އަށް ހުށަހެޅި ޔާމީންގެ ކެންޑިޑެސީ ފޯމު ބާތިލް ކުރި މައްސަލައިގައި، ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ފަރާތުން ބުނެފައި ވަނީ، ޖޫރިމަނާގެ ފައިސާ ދަކަން މީރާއިން އަންގާފައިނުވާ ކަމަށެވެ.

ނަމަވެސް އާ ރަށުގައި މައްސަލައިގައި ހިމެނޭ ދެ ހުކުމުގެ ތެރެއިން މަނީލޯންޑާ ކުރުމުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހަތް އަހަރަށް ޖަލަށްލުމާ އެކު، ހަ މަސް ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ މީރާއަށް ދެއްކުމަށްވެސް ވަނީ ހުކުމްކޮށްފައެވެ.

އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރީ 25 ޑިސެމްބަރު 2022 ގައެވެ. ނަމަވެސް އަދިވެސް އެ ޖޫރިމަނާ ފައިސާ ދައްކާފައެއް ނުވެއެވެ.

ސުޕްރީމް ކޯޓުގައި ޔާމީންގެ ފަރާތުން ބުނެފައި ވަނީ އާއްމު އުސޫލެއްގެ ގޮތުން ޖޫރިމަނާ ފައިސާ ދައްކަން އަންގަނީ މީރާއިން ކަމަށާއި އެފަދަ އެއްވެސް ލިއުމެއް މީރާއިން ފޮނުވާފައިނުވާ ކަމަށެވެ. އަދި ފައިސާ ދައްކައި ނިންމަންޖެހޭ ތާރީހެއް ނޭނގޭތީ އެ ފައިސާ ނުދައްކާ އޮތީ ކަމަށްވެސް ބުނެފައިވެއެވެ.

އަދި އާރަށާ ބެހޭގޮތުން ދަށު ކޯޓުން ކޮށްފައިވާ މުޅި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި އޮތުމުން އެހުކުމުގައި އޮތް ޖޫރިމަނާއަށް އިންކާރު ކުރެވުނީ ކަމަށް ދެކޭ ކަމަށާއި ޖޫރިމަނާ ފައިސާ ދެއްކުމަށް ހުކުމްގައި އޮތް ބައިގެ ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުން އެދި ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ވަނީ، އެފައިސާ މީރާއަށް ދައްކައި ހަލާސް ކުރަން ޖެހެނީ ހުކުމްކުރި ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ކަމަށް ކުރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވާ އިރު، އެ ހަ މަސް ދުވަސް ފާއިތުވެގެންދިޔަ އިރު، އެފައިސާ މީރާއަށް ދައްކާފައިނުވާ ކަމަށެވެ.

އަދި "އެފައިސާ ދައްކަން އެންގި މީރާގެ ލިއުން ޔާމީން ބަންދު ކޮށްފައިވާ ޖަލަށް ފޮނުވައި އޭނާއާ ހަވާލު ކުރުމަށް ގެންދިއުމުން އެލިއުން އޭނާގެ ގާނޫނީ ވަކީލުންގެ ޓީމާ ހަވާލު ކުރުމަށް ކަރެކްޝަންސް އޮފިސަރުންގެ ގާތުގައި ބުނި ކަމަށް އެ އިދާރާގެ 6 ޖުލައި 2023 ގެ އިގުރާރުގައި ބަޔާންވެގެންވޭ އަދި އެ ލިއުމުގައި ޔާމީން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވޭ،" މިއަދުގެ ހުކުމް ބިނާވި، ރައުޔު އިއްވަވަމުން ސުޕްރީމް ކޯޓުގެ ރަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވިއެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައަޅައި، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ކެންޑިޑެސީ ފޯމު ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަން އިން ނިންމީ ރަނގަޅަށް ކަމަށް، ފަނޑީޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ދެން ތިއްބެވި ފަނޑީޔާރުން ތާއިދު ކުރައްވައި ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.