ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެވޭ ހާލަތެއް އަތުވެއްޖެ ނަމަ، އެ ޕާޓީގެ ފަރާތުން އެހެން ކެންޑިޑޭޓަކަށް ވާދަކުރެވޭނެ ފުރުސަތު ދެއްވުމަށް އެ މަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.

ޔާމީންގެ ފަރާތްޕުޅުން އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަމްޒާ ލަތީފު އެގޮތަށް އެދިވަޑައިގަތީ ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މި ވަގުތު ސުޕްރީމް ކޯޓުގައި ކުރިއަށްދާ އަޑުއެހުމުގައެވެ.

ހަމްޒާ ލަތީފު ވިދާޅުވީ ވ. އާރަށް ކުއްޔަށް ދިނުމުގައި ކޮރަޕްޝަނާއި މަނީލޯންޑާ ކުރިކަން ސާބިތުވެ ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދިޔަ ނަމަވެސް އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާތީ އެއީ ނިހާއީ ހުކުމެއް ނޫން ކަމަށެވެ.

އަދި އެ ހުކުމަށް ބިނާކޮށް ޔާމީނަށް، އިންތިހާބުގައި ވާދަނުކުރެވޭ ނަމަ އެ މަނިކުފާނުގެ އިންތިހާބީ ހައްގު ގެއްލިގެން ހިނގައިދާނެ ކަމަށާއި ހައިކޯޓުން ޔާމީނާ އެއްކޮޅަށް އެ މައްސަލަ ނިންމައި، ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި ނަމަވެސް އަލުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތުވެސް ލިބިގެންނުދާނެ ކަމަށެވެ.

އެހެންވެ ހަމްޒާ ވަނީ ޔާމީނަށް ވާދަނުކުރެވޭ ހާލަތެއް އަތުވެއްޖެ ނަމަ، ޕީޕީއެމްގެ ފަރާތުން އެހެން ކެންޑިޑޭޓެއް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް އީސީގެ މައްޗަށް އަމުރެއް ކޮށްދިނުމަށް އެދިފައެވެ.

ނަމަވެސް ސުޕްރީމް ކޯޓުގައި އީސީ ތަމްސީލު ކުރައްވާ ވަކީލު މަހުފޫޒް ސައީދު ވަނީ އެފަދަ އަމުރެއް ނެރެދިނުމާ ދެކޮޅު ހަދައިފައެވެ. އޭނާ ވިދާޅުވީ ޔާމީންގެ ކެންޑިޑެންސީ ބާތިލުކުރީ ހަމައެކަނި ކުށުގެ ރިކޯޑަށް ބަލާފައި ނޫން ކަމަށާއި ކްރިމިނަލް ކޯޓުގެ ހުކުމާއެކު ޔާމީން ދައްކަން ޖެހިވަޑައިގަންނަވާ ސާބިތު ދަރަންޏެއްވެސް އެބަ އޮތް ކަމަށެވެ. އަދި އެ މައުލޫމާތު ބަޔާންކޮށް މިދިޔަ އަންގާރަ ދުވަހުގެ ރޭ 10:00 އެހާކަންހާއިރު ޔާމީނަށް ލިޔުން ހަވާލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ދަރަނީގެ ވާހަކަ މަހުފޫޒު ފާހަގަކުރެއްވުމުން ފަނޑިޔާރުންގެ ފަރާތުން ފުރުސަތަކަށް އެދިވަޑައިގެން ޔާމީން ވިދާޅުވީ އެ ދަރަނި ދެއްކުމަށް ދީފައިވާ މުއްދަތު އަދި ހަމަވެފައިނުވާ ކަަމަށާއި އެހެންކަމުން އެކަމަށް ރިއާޔަތް ނުކުރެވޭނެ ކަމަށެވެ.

ޔާމީންގެ ކެންޑިޑެސީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު އީސީއަށް ހުށަހެޅުމުން، ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އެ ދުވަހުގެ މެންދުރުފަހު އީސީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ޕީޕީއެމަށް އެކަން އަންގައިފައެވެ.

ސަބަބެއް ކަމަށް ބުނެފައިވަނީ، ޔާމީންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ 12 މަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހަކަށްވުމާއި އެ ހުކުމް ތަންފީޒުކޮށް ނިމިފައިނުވާކަން، ކުށުގެ ރެކޯޑަށް ބެލުމުން އެނގެން އޮތުމުން، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކުރާ ޝަރުތު ޔާމީންގެ ކިބައިގައި ހަމަނުވާތީއެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައިސްފައިވާ މީހަކު ނަމަ، އެ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ފަހުންނެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ކޮރަޕްޝަނާއި މަނީލޯންޑާ ކުރިކަން ސާބިތުވުމުގެ ސަބަބުން ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ