ޕީއެންސީގެ ފަރާތުން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުން ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދިނުމަށް ނިންމައިފައިވާ ކަމަށް ޕީޕީއެމުން ބުންޏެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މިއަދު މީޑިއާތަކަށް ވިދާޅުވީ ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށް ޔާމީން އެންގެވި ކަމަށް ބުނެ މީޑިއާތަކުގައި ވަނީ ތެދު ހަބަރެއް ނޫން ކަމަށެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓަކު ނެރުމަށް މަޝްވަރާކޮށްފައިވީ ނަމަވެސް، ކެންޑިޑޭޓަކާ މެދު ގޮތް ނިންމުމުގެ އިހުތިޔާރު ޔާމީނަށް ދީފައިވާ ކަމަށެވެ.
"ޕީޕީއެމް/ޕީއެންސީ ލީޑާޝިޕުގައި ޕީއެންސީން ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާކުރެވުނު ނަމަވެސް، ކެންޑިޑޭޓަކާ މެދު ގޮތް ނިންމުމުގެ އިހުތިޔާރު ކޯލިޝަންގެ ލީޑަރަށް ދިނުމަށް ވަނީ ނިންމާފައި،" ތޮލާލް ވިދާޅުވިއެވެ.
ތޮލާލް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ނިންމުންތައް ނިންމާނީ ޔާމީން މަޝްވަރާގެ މަތިން ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ޔާމީންގެ ރަނިންމޭޓަކީ އެމަނިކުފާނުގެ ކުރީގެ ނައިބު ޑރ. މުހައްމަދު ޖަމީލު ކަމަށް ޕީޕީއެމުން އިއްޔެ ވަނީ ކަނޑައަޅައިފައެވެ.ރިޔާސީ އިންތިހާބު 2013، ރައީސް ޔާމީން ކާމިޔާބުކުރެއްވި އިރުވެސް ރަނިންމޭޓަކަށް ހުންނެވީ ޖަމީލެވެ. ނަމަވެސް ނައިބު ރައީސްގެ ގޮތުގައި އެ ދައުރު ފުރިހަމަކުރުމުގެ ފުރުސަތު ޖަމީލަށް ލިބިވަޑައިގެންފައެއް ނުވެއެވެ.
ޔާމީންގެ ރަނިންމޭޓަކަށް ޑރ. ޖަމީލް ހަމަޖެއްސެވި އިރު، އެމްއެމްޕީއާރުސީގެ މައްސަލައިގައިި ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އިރު، މިމަހުގެ ހަތްވަނަ ދުވަހުގެ ކުރިން އެ މައްސަލަ ޔާމީންގެ ކޮޅަށް ނުނިމިއްޖެ ނަމަ، ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދައެއް ނުކުރެވޭނެއެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޖަމީލު، ރައީސް ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްކަމުން ވަކިކުރެއްވީ 21 ޖުލައި 2015 ގައި ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްފަހުއެވެ. ފަހުން ނައިބު ރައީސްގެ މަގާމަށް އައްޔަންކުރެއްވީ އޭރު ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި އަހުމަދު އަދީބެވެ.
ޚަބަރު
ޚަބަރު
ޚަބަރު