ށ. ފުނަދޫން ޢަލީ ޔާމީން (ވަން އޮންލައިން)
މިއީ ށ. އަތޮޅުގެ ވެރިކަންކުރާ ރަށެވެ. ބޮޑު އާބާދީއެއް މިރަށުގައި ދިރިއުޅޭއިރު، ވަސީލަތްތައްވެސް ގިނައެވެ. ރަށު ތެރެއިން ބޮޑުކޮށް ފެންނަނީ ތަރައްގީގެ ކުލަވަރެވެ. ގިނަ މަގުތަކުގައި ހުރީ ތާރު އަޅައިފައެވެ. ފެނާއި ނަރުދަމާ ގާއިމުކޮށްފައެވެ. ހެޔޮވަރުގެ ބަނދަރެއް އެބައޮތެވެ. އެއާޕޯޓެއް އެބައޮތެވެ. ހޮސްޕިޓަލަކާއި ރަނގަޅު ފެންވަރުގެ ސްކޫލެއްވެސް އެބަހުއްޓެވެ. އެ ހުރިހާ ކަމަކީ، މި ރަށުގެ ރައްޔިތުން ތަރައްގީއަށް ބޭނުންވާ މިންވަރު ދަލީލުކޮށްދޭ ކަންކަމެވެ.
މި ރަށަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށާއި ޕީޕީއެމަށް ތާއީދު ބޮޑު ރަށެކެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޕީޕީއެމްއާ އެންމެ ދެކޮޅު، އެމްޑީޕީއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މި ރަށަށް މިއަދު ވަޑައިގަތުމުން، މި ރަށުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެތައް ބަޔަކު ނުކުތެވެ. މުޅި ބަނދަރު ސަރަހައްދާއި މަގުތައް އޮތީ ރީނދޫ ކުލައިން ޖަރީކޮށްފައެވެ. ރައީސް ހުޅުވައިދެއްވި އެއާޕޯޓުން އެ މަނިކުފާނު ނުކުމެވަޑައިގަތުމުން ފުރަތަމަ މޫނު ޖެހެނީ، "މަރުހަބާ ތަރައްގީގެ ބާނީ އިބޫ" ޖަހާފައިވާ ބެނާއެއްގައެވެ. އެއާޕޯޓަށްދާ މަގުގައި ހުރަހަށް ދަމާފައިވާ އެ ބެނާއިން، މި ރަށުގެ ރައްޔިތުންގެ އުންމީދުތަކެއްގައި މި ސަރުކާރުން ކުލަ ޖައްސައިދެމުން އަންނަކަން ހާމަވެއެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނާއެކު މިއީ ރައީސް މި ރަށަށް ވަޑައިގެންނެވި ފަސް ވަނަ ފަހަރެވެ. ރައީސް މި ފަހަރު މި ރަށަށް ވަޑައިގަތުމުން، ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލެއް އޮންނަ މި ރަށުން އެ މަނިކުފާނަށް ފެނިވަޑައިގެންނެވީ ތަރައްގީއަށް މި ރަށުގެ ރައްޔިތުން ބޭނުންވެފައިވާ މިންވަރެވެ.
"މިއަދު މިރަށުގެ ރައްޔިތުންގެ ފަރާތުން ތި ދައްކުވައިދެނީ ތަރައްގީ ބޭނުންވެފައި ތިބި މިންވަރު. އަދި ތަރައްގީ ގެނެވޭނެ ބަޔަކާއެކީގައި މި ރަށުގެ ރައްޔިތުންވެސް ތިބިކަން." މި ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވިއެވެ.
ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކުރުމުގެ ސިޔާސަތަކީ ރައީސްގެ އެންމެ އާރުލާ އެއް ސިޔާސަތެވެ. ވަކި ފިކުރެއްގެ ބަޔަކު އުޅޭތީ އެރަށް ތަރައްގީގެ ޗާޓުން ބާކީކުރުން އެއީ ގަބޫލުފުޅު ކުރައްވާ ސިޔާސަތެއް ނޫން ކަމަށް ރައީސް ސޯލިހު ވިދާޅުވެއެވެ. ކޮންމެ ރަށަކަށް ވަޑައިގެން ރައީސް އެންމެ އަޑުހަރުކޮށް ވިދާޅުވާ ވާހަކަފުޅަކީވެސް އެއީއެވެ. މި ރަށުންވެސް އެ ފެންނަނީ އެ މަންޒަރެވެ. ކުރީގެ ރައީސް ޔާމީނަށް މަރުދިން މި ފުނަދޫއަށް ރައީސް ގެނެސްދެއްވި ތަރައްގީއެވެ.
"މީގެ ކުރީގައި މިއީ އެއިރުގެ ސަރުކާރަށް ވަރަށް ބޮޑަށް ތާއީދުކުރި ރައްޔިތެއް އުޅުނު ރަށެއް. އެކަމުން އަޅުގަނޑަށް ދޭހަވަނީ އަބަދުވެސް މިރަށުގެ ރައްޔިތުންނަކީ ރަށުގެ ތަރައްގީއަށްޓަކައި އެއިރަކު އޮންނަ ސަރުކާރަކާއެކީގައި ކުރިއަށްދާން ތިބި ބައެއްކަން. ހަމަ ގައިމުވެސް ތަފާތުކުރުމެއް ނެތި މި ރަށަށްވެސް އަޅުގަނޑުމެންވީ ވައުދުތައް މިދަނީ ފުއްދަމުން" މި ރަށުގެ ރައްޔިތުން ތިބި ގޮތް ހާމަކޮށްދެެއްވައި ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން މި ރަށުގައި އަލަށް އާބާދުވެފައި އޮތް ސަރަހައްދުގައި ނަރުދަމާ ގުޅައިދީފިއެވެ. ފެނުގެ ހިދުމަތް މި ރަށަށް ލިބޭއިރު، މި ރަށު ސްކޫލަށް 15 ކްލާސްރޫމް އިތުރުކޮށްދިނުމާއި ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކޮށްދިނުމާއި މަސައްކަތް ހުއްޓިފައިވާ މިސްކިތް އަޅައިދިނުން ފަދަ ކަންކަން ކޮށްދިނުމަށް 2018 ވަނަ އަހަރު ރައީސް ވައުުދުވެވަޑައިގަތެވެ. މި ރަށަށް ރައީސް މިއަދު ވަޑައިގެން ވަނީ މި ދައުރުގެ ތެރޭގައި 2018 ވަނައަހަރު މި ރަަށަށްވީ ވައުދުތައް ފުއްދައިދެއްވާނެކަމުގެ ޔަގީންކަން ދެއްވައި އިތުރު ދައުރެއްގައި މި ރަށަށް ކޮށްދެއްވާނެ ކަންކަމުގެ ދިގު ލިސްޓެއްވެސް އިއުލާނުކުރައްވައިފައެވެ. އެގޮތުން، މި ރަށު ބިން ހިއްކައިދިނުމާއި ރޯ ހައުސް އަޅައިދިނުމާއި ބާކީ ހުރި މަގުތަކުގައި ތާރު އަޅައިދިނުމާއި 50 އެނދުގެ އާ ހޮސްޕިޓަލެއް އަޅައިދިނުމާއި މި ރަށުގެ ފަޅުގައި އޮތް ފަޅުކޮޅުގައި، ރަށަށް އާމްދަނީ ލިބޭނެ ގޮތަށް މަޝްރޫއުތަކެއް ހިންގުމާއި އައިސް ޕްލާންޓެއް ބަހައްޓައިދިނުން ފަދަ ކަންކަން ހިމެނެއެވެ.
ރައީސް ވަނީ، ކުރީ ސަރުކާރުން މި ރަށަށް ކަންތައްތަކެއް ކޮށްދީފައިވަނީ ކަން ދެއްކުމުގެ ގޮތުން ކަމަށް ސިފަކުރައްވައިފައެވެ. އެގޮތުން މި ރަށުގެ ތާރު އަޅާފައިވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތިކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މި ރަށުގެ ތަރައްގީއަށްޓަކައި ކުރީގެ ސަރުކާރުތަކުންވެސް މަސައްކަތްތަކެއް ކޮށްފައި އެބަހުރި. އެހެން ނަމަވެސް ބައެއް ކަންތައްތަކަކީ އޭގެ ތަރުތީބެއް ނެތި ކޮށްފައި ހުރި ކަންކަން، މިސާލަކަށް ބައްލަވާ ތާރު އަޅައި ނިންމާފަ މިއޮތީ މި މަގުގަ. އެކަމަކު އަޑިއަށް ވަޅުލަންވީ އެއްޗެހި ވަޅުނުލައި. އެންމެ ފަހުން އަޅުގަނޑުމެން އެ ތާރު ކަނޑާފަ ފެންހޮޅި ވަޅުލަން ޖެހުނީ. ފެނާއި ނަރުދަމާ ނާޅައި ތާރު އަޅައި ނިމުނީމާ ކަން އޮތް ގޮތް މީ، ޑަބަލް ހަރަދުކޮށް މިރަށުގައި އެކަން ކުރަމުން މިދަނީ" ރައީސް ވިދާޅުވިއެވެ.
މި ރަށުގައި އިރެއްގައި ޕީޕީއެމްގެ ރޫހު ގަދައަށް ވަކިހިއްޕާލައިފައި އޮތް ނަމަވެސް، މިި ސަރުކާރުން މި ރަށަށް ގެނެސްދެމުން އަންނަ ތަރައްގީއާއެކު މިހާރު މި ރަށުން ފެންނަ ރީނދޫ ކުލަ ގިނަވާން ފަށައިފިއެވެ، ރަށުގެ އާރުލާ މީހުން އެމްޑީޕީއާ ގުޅުން އިތުރުވެއްޖެއެވެ. އެމްޑީޕީއަށް ތާއީދުކުރާ ގިނަ ބަޔަކު މިހާރު މި ރަށުގައިވެސް އުޅެއެވެ. ތަރައްގީއަށް އަދިވެސް އެދިއެދިއެވެ. އެ ތަރައްގީ ލިބޭނެކަމުގެ ޔަގީންކަމާއެކުގައެވެ.
"އަހަރެމެންމީ ކުރިން ޔާމީނަށް މަރުދިން މީހުން. އެކަމަކު ރައީސް ސޯލިހު މި ރަށަށް ގެނެސްދޭ ތަރައްގީ އެބަ ގަބޫލުކުރަން ޖެހޭ." ބަނދަރު ސަރަހައްދުން "ވަން" އާ ވާހަކަ ދެއްކި މި ރަށު ޒުވާނަކު ބުންޏެވެ.
ރައީސް ސޯލިހު މި ރަށަށް ވަޑައިގެން، މި ރަށުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވީ އެންމެ ކަމެކެވެ. ތަރައްގީއަށް ކޮށްދޭ މަސައްކަތްތައް ހުއްޓުނަ ނުދިނުމަށެވެ. "އުފާވެރި އަމާން ރާއްޖެ"އަށް ކުރާ ދަތުރުގައި މި ރަށުން ފުރިހަމައަށް ބައިވެރިވުމެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް