ބާސެލޯނާގެ ފްރާންސް ފޯވަޑް އޮސްމާން ޑެމްބެލޭ، ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާ ގުޅުމަށް އެއްބަސްވެއްޖެއެވެ.
ޕީއެސްޖީން ޑެމްބެލޭ ހޯދުމަށް މަސައްކަތްކުރާތާ ދުވަސްތަކެއް ވެފައިވާ އިރު، ބާސާގެ ކޮންޓްރެކްޓުގައިވާ ރިލީސް ފީ ކަމަށްވާ 50 މިލިއަން ޔޫރޯ (54 މިލިއަން ޑޮލަރު)ގެ އަގަށް މިހާރު ދެ ކްލަބުން ވެސް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިތުބާރު ހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓުކޮށްފައިވާ ގޮތުގައި ޑެމްބެލޭ، ޕީއެސްޖީއާ ގުޅުމަށް ހުރިހާ ކަމެއް ނިމުމާ ގާތަށް ވަނީ ގޮސްފައެވެ. އަދި މިހާރު ޑެމްބެލޭ ވެސް ޕީއެސްޖީއާ ގުޅުމަށް އެއްބަސްވެފައިވާ ކަމަށް އޭނާ ރިޕޯޓުކުރެއެވެ.
ޑެމްބެލޭގެ ޓްރާންސްފާގެ ހުރިހާ ކަމެއް ޕީއެސްޖީން އަވަހަށް ނިންމަން ޖެހޭނެއެވެ. މާދަމާގެ ކުރިން އެ ހުރިހާ ކަމެއް ނިމިފައި ނުވާ ނަމަ، ޑެމްބެލޭގެ ރިލީސް ފީ ވެސް ބޮޑުވާނެއެވެ. ބާސާއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކުޓުގައިވާ ގޮތުން މާދަމާ، އޭނާގެ ރިލީސް ފީ 100 މިލިއަން ޔޫރޯ (108 މިލިއަން ޑޮލަރު) އަށް އަރާނެއެވެ. ބާސާއާއެކު އޭނާ ހަދާފައިވާ އެ ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ އަންނަ އަހަރުގެ ޖޫން މަހުއެވެ.
މިދިޔަ ސީޒަނަށްފަހު އާޖެންޓީނާ ތަރި ލިއޮނެލް މެސީ، ޕީއެސްޖީ ދޫކޮށްލުމާއި ފްރާންސް ތަރި ކިލިއަން އެމްބާޕޭގެ ވެސް ކޮންޓްރެކްޓް ނިމުމަކާ ގާތަށް ގޮސްފައިވުމުން އެ ކްލަބަށް ވަނީ ފޯވަޑުން ހޯދަން މަޖުބޫރުވެފައެވެ. އެމްބާޕޭގެ ކޮންޓްރެކްޓް އާކުރުމަށް ޕީއެސްޖީން ހުށަހެޅި ނަމަވެސް، އޭނާ ވަނީ އެކަމަށް އިންކާރުކޮށްފައެވެ. ކުރިއަށްއޮތް ސީޒަން ނިމުމުން އޭނާ ބޭނުންވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ރެއާލް މެޑްރިޑާ ގުޅުމަށެވެ.