ޕީއެސްޖީއަށް ކުޅެމުންދާ ފްރާންސްގެ ތަރި އުސްމާން ޑެމްބެލޭގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ނޭނގޭ ކަމަށާއި، ފަރުވާ ނަގާނެ ކަމަށް ކްލަބުން ބުނެފިއެވެ.

އުމުރުން 29 އަހަރުގެ ޑެމްބެލޭއަށް އަނިޔާވީ ޕީއެސްޖީން އެންމެފަހުން ޕެރިސް އެފްސީއާ ދެކޮޅަށް ކުޅެ 2-1 އިން ބަލިވި މެޗުގައެވެ. އެމެޗުގެ ތެރެއިން ޑެމްބެލޭ ބާލަން ޖެހިފައިވާ އިރު، މެޗަށްފަހު ކޯޗު ލުއިސް އެންރިކޭ ބުނީ އެ ބަދަލުކުރީ ރައްކާތެރިކަމުގެ ގޮތުން ކަމަށެވެ.

އެންމެފަހުން ބެލޮންޑިއޯ ހޯދި ޑެމްބެލޭއަކީ ޕީއެސްޖީގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. އަދި ފްރާންސަށްވެސް އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ.

ޕީއެސްޖީއަށް މިމަހުގެ 30 ވަނަ ދުވަހު ޗެމްޕިއަންސް ލީގު ފައިނަލް އޮންނަ އިރު، އެމެޗުގައި ނުކުންނަން ޖެހޭނީ އާސެނަލާ ދެކޮޅަށެވެ.

ޗެމްޕިއަންސް ލީގު ފައިނަލަށް ވަގުތު ކުޑަތަންވަމުންދާ އިރު، ޕީއެސްޖީން ބުނީ ޑެމްބެލޭއަށް ލިބުނު އަނިޔާގެ ތަފްސީލު ނޭނގޭ ނަމަވެސް، ފަރުވާއެއް ނަގާނެ ކަމަށެވެ. އަދި މަސްގަނޑަށް ފަރުވާ ދެނީ ޔަގީންކަން ހޯދަން ކަމަށް ކްލަބުން ބުންޏެވެ.

ޕީއެސްޖީން އިތުރަށް ބުނީ ބެލެވެނީ ޑެމްބެލޭގެ މަސްގަނޑުގެ ވަރުބަލިކަން އުޅޭ ކަމަށް ކަމަށެވެ. އަދި އެކަންވެސް ޔަގީންވާނީ މިއަދު ކަމަށް ކްލަބުން ބުންޏެވެ.