ފްރާންސް ލީގުގައި ރޭ ޕީއެސްޖީން ކުޅުނު މެޗުގައި ލޯންސް ކައިރިން 2-0 އިން މޮޅުވެ، ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ލީގު ތަށި ޔަގީންކޮށްފިއެވެ.

ރޭގެ މެޗަށް ނުކުތްއިރިވެސް ޕީއެސްޖީއަށް ލީގު ހޯދަން ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ. އެ ޕޮއިންޓް ހޯދަން ނުކުމެ، އިތުރު ތިން ޕޮއިންޓް ޔަގީންކުރުމާއެކު ޕީއެސްޖީ އެއްވަނައިގައި އޮތީ 33 މެޗުން 76 ޕޮއިންޓާއެކުގައެވެ. އެންމެ ގާތުން ދެވަނައިގައި އޮތް ލޯންސް، ރޭގެ މެޗުން ބަލިވުމާއެކު އެޓީމު ދެވަނައިގައި އޮތީ 33 މެޗުން 67 ޕޮއިންޓާއެކުގައެވެ.

ޕީއެސްޖީން ވަނީ މިހާތަނަށް 14 ފަހަރު ލީގު ކާމިޔާބު ކޮށްފައިވާ އިރު، މިއީ ޖެހިޖެހިގެން އެޓީމުން ލީގު ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައިވެސް ޕީއެސްޖީން ކުޅެން ތައްޔާރުވެފައިވާ އިރު، އެޓީމުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ނުކުންނާނީ އާސެނަލްއާ ދެކޮޅަށެވެ.

ޕީއެސްޖީން މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނެގިއެވެ. އެ ގޯލް ޖަހައިދިނީ ހަވީޗާ ކަވަރަޓްސްޝޭލިއާއެވެ. އެ ގޯލް ޕީއެސްޖީން ޖެހީ އޭގެ ކުރިން ލޯންސްއިން ކުރި ނުރައްކަލަށްފަހުއެވެ. ވެސްލޭ ސައިދާއި އެޑްރިއެން ތޮމަސޮންގެ ހަމަލާތައް މަތަކުރީ ޕީއެސްޖީގެ ކީޕަރު މެޓްވޭ ސަފޮނޯވް އެވެ.

ދެވަނަ ހާފުގައި ޕީއެސްޖީގެ އުސްމާން ޑެމްބެލޭއަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި ނަމަވެސް، އެންމެ ފަހުވަގުތު އިބްރާހީމް އެމްބާޔޭ ވަނީ ޕީއެސްޖީއަށް ދެވަނަ ގޯލަކާއެކު މޮޅު ޔަގީން ކޮށްދީފައެވެ.